ނީޒާގެ ނަން ނަގައި، ގަވަރުނަރަކަށް ނަސީރުގެ ނަން މަޖިލިހަށް ފޮނުވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް ހަމަޖައްސަވަން ނިންމެވި ނީޒާ އިމާދުގެ ނަން ރައީސް އަބްދުﷲ ޔާމީން އަނބުރާ ގެންނަވައި އެ މަގާމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ކުރީގެ ސީއީއޯ އަދި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި އަހުމަދު ނަސީރު ހަމަޖައްސަވަން ނިންމަވައިފި އެވެ.


ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހަށް އޭނާގެ ނަން ރައީސް ޔާމީން މިހާރު ވަނީ ފޮނުއްވައިފަ އެވެ.

ނީޒާގެ ބަދަލުގައި އެމްއެމްއޭގެ ގަވަރުނަރަކަށް ނަސީރު އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވުމާއެކު، ނީޒާ މިހާރު ވަނީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ކުރިން ނިންމެވި ނީޒާ: އޭނާގެ ނަން މިހާރު ވަނީ އަނބުރާ ގެންދަވާފައި.

އެމްއެމްއޭގައި 31 އަހަރު ވަންދެން މަސައްކަތް ކުރެއްވި ނީޒާ "މިހާރު" އަށް މިއަދު ވިދާޅުވީ ގަވަރުނަރު ކަމަށް އޭނާ އައްޔަން ކުރެއްވުމަށް މިދިޔަ ބުދަ ދުވަހު ނިންމެވުމަށް ފަހު، ނަން އަނބުރާ ގެންނެވުމުން ދޭހަވަނީ އޭނާއާ މެދު ސަރުކާރުގެ އިތުބާރު ނެތުން ކަމަށެވެ.

"އެހެންވީމާ އެމްއެމްއޭގެ މިހާ އިސް މަގާމެއްގައި މިހާރު ހުރުމަކީ އެހާ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ އަޅުގަނޑު އިސްތިއުފާ ދިނީ. މިހާތަނަށް ވެސް ހުރިހާ ސަރުކާރަކާ އެކު އަޅުގަނޑު މަސައްކަތް ކުރީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ތަރުޖަމާން މަސްއޫދު އިމާދާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މިހާރުގެ ޗެއާމަން މަހުދީ އިމާދުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ނީޒާ ވިދާޅުވި އެވެ.

ނީޒާ އަކީ އެމްއެމްއޭ އިން ވަކިވުމާ ހިސާބަށް އެ އިދާރާގެ ފައިނޭންޝަލް ސްޓެބިލިޓީ ބައިގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. މީގެ އިތުރު އެއީ އެމްއެމްއޭގެ ބޯޑު ޑިރެކްޓަރެކެވެ. އަދި އޭނާ އަކީ 2014 އިން ފެށިގެން ރާއްޖެ އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ކަނޑައަޅާފައި ހުންނަވާ އަލްޓަނޭޓިވް ގަވަރުނަރެވެ.

އާ ގަވަރުނަރަކަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވި ނަސީރަކީ އެމްއެމްއޭ އާއި ސީއެމްޑީއޭގެ އިތުރުން އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ. މިހާރު ނަސީރު މަސައްކަތް ކުރައްވަނީ ވޯލްޑް ބޭންކުގެ ޕްރޮޖެކްޓެއްގައި ފިނޭންސް މިނިސްޓްރީގެ ކޮންސަލްޓަންޓަކަށެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމު ހުސްވީ އަޒީމާ އާދަމް މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގަވަރުނަރުގައި ކަމުގައި ތިން އަހަރު ވަންދެން ހުންނެވުމަށް ފަހު، އަޒީމާ އިސްތިއުފާ ދެއްވީ އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބަކަށް އޭނާގެ ފިރިކަލުން އަލީ ނަސީރު (އަލިނީ) ހަމަޖެއްސެވުމާ އެކު، ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަށް ނިންމެވުމުންނެވެ.