ގއ. ވިލިނގިލީ ކޯޓުގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށް، އެ ކޯޓުގެ އެހެން މުވައްޒަފަކު މާލެ އައުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަންގައިފި އެވެ.
އެކަކު ވަޒީފާއިން ވަކިކޮށް، އިތުރު މުވައްޒަފަކު މާލެ އައުމަށް އެންގީ ކީއްވެގެން ކަން އަދި ސާފެއް ނުވެ އެވެ.
ވަޒީފާ އިން ވަކިކޮށްފައި ވަނީ ވިލިނގިލީ ކޯޓުގެ އޮފީސް އެސިސްޓެންޓް ހަސަން މޫސާ އެވެ. މާލެ އަންނަން އަންގާފައި ވަނީ އެ ކޯޓުގެ އައިޓީ ޓެކްނީޝަން އިހުސާން އަލީ އަށެވެ.
އޭގެ ތެރެއިން ހަސަން މޫސާ އަށް ޑީޖޭއޭ އިން ދީފައިވާ ލިޔުމުގައިވާ ގޮތުން އޭނާ ވަކިކުރީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 93 ވަނަ މާއްދާއި 212 ވަނަ މާއްދާގެ ނ. ގެ 10 ވަނަ ނަމްބަރާއި އެ ގަވާއިދުގެ އާއި 243 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، 213 ވަނަ މާއްދާގެ ހ. ގެ ދެ ވަނަ ނަމްބަރުގެ ދަށުންނެވެ.
އެ ލިޔުމުގައި ހަވާލާދީފައިވާ މާއްދާތަކުގައި ބުުނާގޮތުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ނޯޓިސް ދިނުމެއް ނެތި އެންމެ ފުރަތަމަ ފަހަރު ވެސް ވަޒީފާއިން ވަކި ކުރެވިދާނެ ކަމެކެވެ.
ހަސަން މޫސާ އާއި އިހުސާނަށް ފިޔަވަޅު އެޅީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
ސައުދު ހައްޔަރު ކުރުމުން އޭނާ ދޫކޮށްލަން ގޮވާލައި، މުޒާހަރާކުރި ކަމަށް ބުނެ ވިލިނގިލީ ސްކޫލުގެ ދެ ޓީޗަރަކަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެ މުވައްޒަފުން ވަކިކުރަން ނިންމި ނަމަވެސް އިންޒާރު ދިނުމަށް ފަހު، ވަޒީފާއިން އެ މީހުން ވަކި ނުކުރަން ފަހުން ވަނީ ނިންމައިފަ އެވެ.