އޭޑީކޭ ހޮސްޕިޓަލްގައި ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީއޫ)ގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި އަލަށް ތައާރަފްކުރި ހިދުމަތެކެވެ.
އެޗްޑީޔޫ އަކީ އައިސީޔޫގައި ފަރުވާދޭން ޖެހޭ ވަރަށް ވުރެ ހާލު ރަނގަޅު އެކަމަކު ވޯޑުގައި ބާއްވައިގެން ފަރުވާދޭން ޖެހޭ ވަރަށް ވުރެ ހާލު ދެރަ މީހުންނަށް ޚާއްސަ ބައެކެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެޗުޑީޔޫގައި ފަރުވާ ދޭން ޖެހޭ ބަލި މީހުން ކަނޑައަޅާނީ އެމީހަކު ބަލާ ޑޮކްޓަރުންގެ ޓީމުން ކަމަށެވެ.
އޭޑީކޭގެ އާ ޔުނިޓުގައި 12 އެނދު ހުރެ އެވެ. އޭގެ ތެރެއިން ދެ އެނދު ހާއްސަކޮށްފައިވަނީ، އަފްއާލް ވިދާޅުވި ގޮތުގައި، ހާއްސަ އޮޕަރޭޝަނެއް ކުރާ ނުވަތަ އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު ބޮޑު ބަލިމީހުންނަށެވެ.
"މިއިން ކޮންމެ އެނދެއްގައި ބަހައްޓާފައިވާ މޮނިޓަރިން ޑިވައިސް އަކީ ޕޭޝަންޓާ އެކު އެއް ތަނުން އަނެއް ތަނަށް ވަރަށް ފަސޭހައިން ގެންދެވޭ ގޮތަށް ހުންނަ މޮނިޓާތަކެއް،" އަފްއާލް ވިދާޅުވި އެވެ.
"މި މޮނިޓާތައް އެނދުން ނަގައިގެން ގެންދިޔަ ކަމުގައި ވިއަސް ސެންޓްރަލް ނާސިން ސްޓޭޝަނަށް އޭގެ މައުލޫމާތު ލިބޭނެ. އެއީ ނާސިން ސްޓޭޝަނާ ވަޔަލެސްކޮށް ގުޅިފައި ހުންނާނެތީ."
އޭނާ ވިދާޅުވި ގޮތުގައި އެޗްޑީޔޫގައި ފަރުވާ ދޭ އަގު، އައިސީޔޫގައި ނަގާ އަގަށް ވުރެ ކުޑަވާނެ އެވެ. އަދި އާސަންދަ އިން ވެސް ކަވަރޭޖް ލިބޭނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.
އެޗްޑީޔޫގެ ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު ކުރީގެ ނަރުސް އަދި ފަހުން ޖެންޑާ މިނިސްޓަރުކަން ކުރެއްވި އަނީސާ އަހުމަދު ވިދާޅުވީ އާ ހިދުމަތްތަކާ އެކު އޭޑީކޭ ހޮސްޕިޓަލް ތަރައްގީކުރަމުން އަންނަނީ ދުރު ވިސްނުމެއްގައި ކަމަށެވެ. އަދި އެޗްޑީޔޫ އަކީ ރާއްޖެ އަށް ވަރަށް މުހިއްމު ހިދުމަތެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭޑީކޭ އަށް އަންނަ އަހަރު 30 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މިހާރު ގެންދަނީ ކޮންމެ މަހަކު ވެސް އާ ހިދުމަތެއް ތައާރަފްކުރަމުންނެވެ.
އަނީސާ ވިދާޅުވި ގޮތުގައި އޭޑީކޭ އިން ހިދުމަތް ދެމުން އަންނަނީ ވިޔަފާރިއެއް ފުޅާކުރުމަށް ވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތެއް ދޭށެވެ. އަދި ސިއްހީ ދާއިރާގެ ކުރިއެރުމަށް އޭޑީކޭ އިން ކޮށްދެމުން އަންނަ ހިދުމަތްތަކަށް އޭނާ ޝުކުރު ވެސް އަދާކުރެއްވި އެވެ.