މިވަގުތު ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުން ރަނގަޅެއް ނޫން: ނަޝީދު

ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ތިން ޑޮލަރުގެ ގްރީން ޓެކްސް ނަގަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރި ނަމަވެސް މި ވަގުތު އެކަން ކުރުން ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމަށް ހަމަޖައްސާފައިވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޫބަރު މަހުން ފެށިގެން ދުވާލަކަށް ތިން ޑޮލަރުގެ ގްރީން ޓެކްސްއެއް ނެގުމަށް މަޖިލިހުން ފާސްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް ވިޔަފާރީގެ ފައިދާ ވަރަށް ކުޑަވާން ފަށައިފި ކަމަށާއި ރިސޯޓާއި ގެސްޓު ހައުސްތަކަށް ދެކޮޅު ނުޖެއްސޭ ކަމަށެވެ. ރާއްޖެ އަށް ގެސްޓް ހައުސްގެ ކޮންސެޕްޓް އެމަނިކުފާނުގެ ވެރިކަމުގައި ތައާރަފު ކުރެއްވި ނަޝީދު ވިދާޅުވީ، ޓޫރިޒަމްގެ ވިޔަފާރި ދަށްވާން ފަށާފައިވާ މި ދަނޑިވަޅުގައި ގްރީން ޓެކްސް ނެގުމަށް މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން، ރައީސް ޔާމީނާއި ނަޝީދު ސަލާމް ކުރައްވަނީ: މިއީ ގްރީން ޓެކްސް ނެގުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ނަޝީދު ވިދާޅުވޭ.---ފޮޓޯ: ސޯޝަލް މީޑިއާ

ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ބޮލަކަށް ދުވާލަކު ހަ ޑޮލަރު ނަގަން ހުށަހެޅި ނަމަވެސް މަޖިލިހުގެ އިގްތިސޯދީ ކޮމެޓީން ނިންމީ އެ އަދަދު ތިން ޑޮލަރަށް ކުޑަކުރުމަށެވެ.

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމަކީ، ތިމާވެއްޓާ ގުޅޭ ކަންކަން ހާސިލް ކުރުމަަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެކަމާ ގުޅިގެން ގެސްޓްހައުސްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މިހާރު ނަގަމުން އަންނަ ޓެކްސްތަކުގެ އިތުރުން ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ސަރަހައްދީ ގައުމުތަކުގެ ބަޖެޓް ރޭޓްތަކާ ވާދަނުކުރެވޭ ޓޫރިސްޓުންނަށް އަގު ބޮޑުވެ މާކެޓް ގެއްލި، އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ އެވެ.

"ގެސްޓް ހައުސްތަކުން ކުރިޔަށް އޮތް އެއް އަހަރަށް ހަދާފައިވާ ބުކިންސްތަކާއި އެޖެންޓުންނާ އެކީ ޓެކްސް ހިމަނައިގެން ހަދާފައިވާ އެގްރިމަންޓްތަކުގެ ސަބަބުން ކުރިޔަށް އޮތް އެއް އަހަރު ދުވަހު ސަރުކާރަށް ދައްކަން ޖެހޭ ގްރީން ޓެކްސް މި ދައްކަން ޖެހެނީ ވަރަށް ބޮޑު ގެއްލުމާ އެކީ ގެސްޓް ހައުސް ވިޔަފާރިވެރިންގެ އަމިއްލަ ޖީބުންނެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ގްރީން ޓެކްސް ނަގަމުން އަންނަނީ ހަމައެކަނި ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންގެ އަތުންނެވެ. އެތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ދުވާލަކަށް ހަ ޑޮލަރެވެ.