އުމަރުގެ އަބުރުގެ މައްސަލާގައި ބްރޯޑްކޮމްގެ ނިންމުން ދެ ގޮތަކަށް!

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރާ ބެހުނުކަން ސާބިތުވެ ޕީއެސްއެމް ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައި ވަނިކޮށް، ހަމަ އެ މައްސަލާގައި ޗެނެލް13، ޖޫރިމަނާއެއްނުކޮށް، އިންޒާރެއް ދިނުމަށް ފަހު ބްރޯޑްކާސްޓިން ކޮމިޝަނުން އެކަން ނިންމާލައިފި އެވެ.


ޕީއެސްއެމް އާއި ޗެނެލް13 ގެ މައްސަލަ ބަލައިދޭން ބްރޯޑްކޮމް އަށް އުމަރުގެ ފަރާތުން ހުށަހެޅުއްވީ މިދިޔަ އޭޕްރީލް 4 ގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އޭނާގެ އަބުރަށް އަރައިގެންނެވި ކަމަށް ވިދާޅުވެ އެވެ. އެ ޖަލްސާ އެ ދެ ޗެނެލް އިން ވަނީ ވަގުތުން ދައްކައިފަ އެވެ.

ޖަލްސާގައި ފަލާހު ވިދާޅުވީ މިނިވަން 50 ގެ އެކި މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރުމުގައި އުމަރު ކޮރަޕްޝަން ހިންގަވާފައިވާ ކަމަށެވެ. ރާއްޖޭގެ މިނިވަން ރަން ޔޫބީލްގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓަރަކަށް އުމަރު ހުންނެވި އިރު އެ މިނިސްޓްރީންނެވެ.

ފަލާހުގެ ވާހަކަ ވަގުތުން ދެއްކުމަކީ އުމަރުގެ އަބުރަށް އަރައިގެން ކަމަށް ތަހުގީގުން ސާބިތުވާތީ ޕީއެސްއެމް ޖޫރިމަނާކުރީ މިދިއަ ޖުލައި 25 ގަ އެވެ. އެކަމަކު ސަރުކާރު ޕްރޮމޯޓްކުރަމުން ދާ ޗެނަލް13 އާ މެދު ނިންމީ އެއްވެސް ޖޫރިމަނާއެއް ކުރުމުގެ ބަދަލުގައި އިންޒާރު ދޭންކަން، މިއަދު ހާމަކުރި ބްރޯޑްކޮމްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ އުމަރުގެ އަބުރާ ބެހުނު ކޮންޓެންޓުގެ ރެކޯޑިން، ޗެނަލް13 ގައި ރައްކާކުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ބަޔާނުން އެނގެނީ، އުމަރުގެ އަބުރާ ބެހުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ބަދަލުގައި ބްރޯޑްކޮމް އިން ޗެނެލް13އާ މެދު ފިޔަވަޅު އެޅީ ކޮންޓެންޓްސް ރައްކާކޮށްފައި ނުވާތީ ކަމެވެ.

ފަލާހުގެ ވާހަކަ ހިމެނޭ ކޮންޓެންޓް ރައްކާކުރެވިފައި ނުވަނީ، ޗެނެލް13 އިން ތަހުގީގަށް ފޮނުވި ސިޓީއާ ހަވާލާދީ ބްރޯޑްކޮމް އިން ބުނި ގޮތުގައި، އެ ޗެނެލް ހިންގަމުން ދިޔަ އިމާރާތް ބަދަލުވުމުގެ ސަބަބުންނެވެ.

ޗެނެލް13 އިން އެރޭ ދެއްކީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ލައިވް ފީޑެއް ކަމަށް ވާތީ، އެ ފީޑުގެ ރިކޯޑިން ބްރޯޑްކޮމްއަށް ލިބިފައިވާ ކަމަށް ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

ޓީވީ ޗެނެލްތަކުން ދައްކާ ކޮންޓެންޓްސް ރައްކާކޮށްފައި ބަހައްޓަން ޖެހެ އެވެ. އެކަން އެގޮތަށް ނުކުރާތީ މިދިއަ އަހަރު ވެސް ޗެނެލް13 އަށް ނަސޭހަތްތެރިވެފައި ވާނެ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

ކޮމިޝަނުންގެ ބަޔާނުގައި ބުނީ ޗެނެލް13 ހިންގަމުން އަންނަ މީޑިއާ ރިންގް ކުންފުންޏަށް އިންޒާރުދިނީ، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދިނުމުގެ އާއްމު ޝަރުތަކާ އެ ޗެނެލް އިން ދެ ވަނަ ފަހަރަށް ހިލާފުވެފައިވާތީ ކަމަށެވެ.

ޕީއެސްއެމްގެ އިތުރުން އަބުރަށް އަރައިގެން ކަމަށް ބުނެ ބްރޯޑްކޮމް އިން މީގެ ކުރިން ވަނީ ބޮޑު އަދަދަކުން ރާއްޖެ ޓީވީ ދެ ފަހަރަށް ޖޫރިމަނާ ކޮށްފަ އެވެ.

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަން ސަރުކާރުން ހެދި ގާނޫނުގައި ބުނާ ގޮތުން ޖޫރިމަނާގެ މައްސަލައެއް ކޯޓުގައި އިސްތިއުނާފް ވެސް ކުރެވޭނީ ޖޫރިމަނާ ދެއްކުމަށް ފަހު އެވެ.