ފްލެޓް ދިން ގޮތާ މެދު ރުޅިގަދަވެ، އެތައް ބަޔަކު ހައުސިން މިނިސްޓްރީ އަށް!

މި ސަރުކާރުން ހުޅުވައިލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ބަޔަކު މިއަދު ވެސް ހައުސިން މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅައިފި އެވެ.


ފްލެޓަށް ޝަރުތު ހަމަވީ މީހުންގެ ލިސްޓު އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައި އޮތީ މިއަދުގެ ނިޔަލަށެވެ. މި މަޝްރޫއުގައި ހުޅުވައިލި ދެ ކެޓަގަރީން ފްލެޓް ދޫކުރި ގޮތް އޮޅުންފިލުވައިދޭން ފުލުފުލުގައި ގިނަ އަދަދެއްގެ ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.

އެންމެ ގިނަ ބަޔަކު ޝަކުވާ ހުށަހެޅީ ފްލެޓް ދިނީ ކިތައް ޕޮއިންޓުންތޯ ސާފުކޮށްދޭން އެދި އެވެ.

ފްލެޓް ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން ހައުސިން މިނިސްޓްރީ އަށް މިއަދު ހުށަހަޅާފައިވާ ސިޓީތަކެއް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަހަރެންނަށް އެބައޮތް 98 މާކްސް ލިބިފައި، އަހަރެންނަށް ވުރެ މާ ތަނަވަސްކޮށް އުޅޭ 70 ޕޮއިންޓް ލިބުނު މީހަކަށް އެބައޮތް ފްލެޓް ދީފައި. މިއީ ކޮންކަހަލަ އިންސާފެއްތޯ ސާފުކޮށްދޭން އަޅުގަނޑު މި އެދުނީ،" ހައުސިން މިނިސްޓްރީގައި ހުރި ހަސަން މުހައްމަދު ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި މިފަހަރު ފްލެޓް "ބެހީ" ރައީސް އަބްދުﷲ ޔާމީން ކެމްޕޭން އޮފީހުން ބައެއް މީހުންނަށް ގުޅައި މައުލޫމާތު އެއްކުރުމަށް ފަހު އެވެ. އޭނާގެ ފްލެޓް ކެޓީ، ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ކަމަށް ގަބޫލުކުރެވޭ ކަމަށް ބުންޏެވެ.

"ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ގުޅާފައި މި އަހަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތާއި ބޯހިޔާވަހިކަމާއި އެހެން ވައުދުތައް ކުރިއަށް ދާ ގޮތާ މެދު ހިތްހަމަޖެހޭތޯ. އަޅުގަނޑު ބުނީ އެއްގޮތަކަށް ވެސް ކަމަކުނުދޭ، އުއްމީދުކުރި ގޮތާ ޚިލާފަށް ރައްޔިތުންނަށް އަނިޔާވެރިވަމުންނޭ ދަނީ. އެހެން ބުނެގެން ކަމަށް މި ގަބޫލުކުރަނީ ފްލެޓް ކެޓީ،" އޭނާ ބުންޏެވެ.

ފްލެޓް އިން އުސޫލް ހާމަކޮށްދޭން އެދި މީހަކު ހައުސިން މިނިސްޓްރީ އަށް މިއަދު ޝަކުވާ ހުށަހަޅަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ފްލެޓް ދޭންވެގެން ރައީސް ޔާމީން އޮފީހުން މީހުންނަށް ގުޅި ކަމަށް ކުރާ ތުހުމަތު ހައުސިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ބުނެފައި ވަނީ، ފްލެޓް ދިނުމުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިޔައީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

މިފަހަރު ފްލެޓަށް ޝަރުތު ހަމަވީ 661 މީހުންގެ ލިސްޓު އާއްމުކުރީ، އެއީ ކޮން ބައެއް ކަން ސިއްރުކޮށްފަ އެވެ. މީގެ ކުރިން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބުނީ ކޮން ބައަކަށް ކަން އާއްމުކުރި އެވެ. ފްލެޓް ދިން ގޮތާ މެދު ހިތްހަމަނުޖެހިފައި ތިބި މީހުން ބުނި ގޮތުގައި ލިސްޓް އާއްމު ނުކުރީ، ސަރުކާރުން ބޭނުން ބަޔަކަށް ފްލެޓް ދީފައި އޮތުމުންނެވެ. އެކަމަކު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ހަމައެކަނި ފޯމު ނަމްބަރާ އެކު ލިސްޓު އާއްމުކުރީ ފްލެޓް ލިބުނު މީހުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ކަމަށެވެ.

ފްލެޓް ދިން މީހުންގެ ލިސްޓު އާއްމުކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާތަކުގެ މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރުން ވެސް ވަނީ ހައުސިން މިނިސްޓްރީ އަށް ވަޑައިގެންފަ އެވެ. އެކަމަކު އެ މިިނިސްޓްރީގެ އެއްވެސް އިސް ވެރިއަކު އެ ބޭފުޅުންނާ ބައްދަލެއް ނުކުރެއްވި އެވެ.