ބިޑްކުރުމަކާ ނުލައި ދޫކުރާ ރަށްތައް އަތުލާނަން: އިއްތިހާދު

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ އެކު ބިޑް ކުރުމަކާ ނުލައި ދޫކުރާ ރަށްރަށާއި ބިން އަދި ފަޅުތައް އިއްތިހާދުގެ ސަރުކާރެއްގައި ދައުލަތަށް ނަގާނެ ކަމުގެ އިންޒާރު އެ އިއްތިހާދުން މިއަދު ދީފި އެވެ.


އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ޓޫރިޒަމް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ގާނޫނެއްގެ ތެރެއިން ތަންތަން ނުއަގުގައި ވިއްކާލުމަކީ އިއްތިހާދުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އިއްތިހާދުގެ ވެރިކަމެއްގައި "ބާތިލް ގާނޫނު"ގެ ތެރެެއިން އެކި ފަރާތްތަކަށް ދެވޭ ތަންތަން ދައުލަތަށް ނަގާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިޑަކާ ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް ހެދީ މަކަރުވެރި ރޭވުމަކުން ކޮރަޕްޝަނަށް މަގުފަހިވާ "ގޭޓެއް" ހުޅުވަން ވެގެންނެވެ. މިއީ ވަކި ބަޔަކު ނާޖައިޒު ފައިދާ ނަގަން ވެގެން ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ ދެން އުފެދޭ ސަރުކާރެއްގައި ބާތިލް ގާނޫނެއްގެ ދަށުން ދެވޭ ރަށްތަކާއި ފަޅުތައް ދައުލަތަށް ނަގައި، ރައްޔިތުންނަށް ފައިދާވާ ގޮތަށް ބައްޓަން ކުރާނަން،" މަލީހު ވިދާޅުވި އެވެ."

"ސަރުކާރުން ނަހަމަ ގޮތުގައި ނާޖައިޒު ފައިދާ ނަގައިގެން މަޖިލީހުން ފާސްކުރި އިސްލާހަކީ ބާތިލް އިސްލާހެއް، މީގެ ސަބަބުން ދެވޭ ރަށްތަކާއި ބިންތަކާއި ފަޅުތައް ދެން އުފެދޭ ސަރުކާރެއްގައި ނަގާނަން."

އޭނާ ވިދާޅުވީ ދައުލަތަށް އާމްދަނީ ހޯދަން ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށާއި އިއުލާން ކުރުމަކާ ނުލައި ރަށްތައް ދެނީ އާމްދަނީ ހޯދުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި ބިޑްކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ މާ ބޮޑަށް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ 2007 ގެ ކުރިން ރާއްޖޭގެ ރަށްތައް ބިޑަށް ހުޅުވާލުމުން އެޑްވާންސްގެ ގޮތުގައި ކޮންމެ ރަށަކަށް ހަ މިލިއަން ޑޮލަރު ވެސް ލިބިފައި އެބަހުރި ކަމަށެވެ. އެކަމަކު "މޭޒު ދަށުން" ކަންކަން ނިންމާތީ އެކަމުގެ ގެއްލުން ސަރުކާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މެނިފެސްޓޯއާ ހަވާލާދީ މަލީހު ވިދާޅުވި ގޮތުގައި އޭގައި ވެސް އޮތީ ބިޑަށް ހުޅުވާލައިގެން ރަށްތައް ދޫކުރުމެވެ. އަދި އަހަރަކު ދޫކުރެވޭނީ 10 ރަށް ކަމަށް މެނިފެސްޓޯގައި ލިޔެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފު ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ގާނޫނުގެ ތެރެއިން ވައްކަން ކުރަން ކަމަށެވެ. އެގޮތުން ބިޑަކާ ނުލައި ތައިލެންޑް ބަޔަކަށް 30 މިލިއަން ޑޮލަރަށް ފަޅެއް ވިއްކި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވުމުން އިއުލާންކޮށްގެންނާއި ނުކޮށް ވެސް ރަށް ނުވަތަ ބިން ނުވަތަ ފަޅެއް ކުއްޔަށް ދެވިދާނެ އެވެ. އިއުލާން ނުކޮށް ތަނެއް ދެވޭނީ ހިންގަން ބޭނުންވާ މަޝްރޫއުގެ ތަފްސީލާ އެކު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.