ފްލެޓްތަކުގެ ކުލި 6،000، ޑައުންޕޭމަންޓް 25،000 ރުފިޔާ

ހުޅުމާލޭން މިހާރު ދޫކުރުމަށް ހަމަޖެހިފައިވާ 661 ފްލެޓްގެ މަހު ކުއްޔަކީ، 6،000ރ. ކަމަށާއި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނީ 25،000ރ. ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި 6،000 ރުފިޔާގެ މަގުން 25 އަހަރަށް ކުލި ދައްކާ އިރު، އެއަށް ވުރެ އަވަހަށް ކުލި ދެއްކޭނެ އިންތިޒާމު ވެސް ކުރިމަގުގައި ހަމަޖައްސާނެ އެވެ.

އާއްމުކޮށް މީގެ ކުރިން ސަރުކާރުން ހުޅުމާލޭން ފްލެޓް ދޫކޮށްފައިވަނީ މަހަކު 7،000ރ. ގެ ކުއްޔަކަށެވެ. އެހެންވެ، މިއީ މިހާތަނަށް އެންމެ އަގު ހެޔޮކޮށް ފްލެޓް ދިން ފަހަރުކަން މުއިއްޒު ވެސް ފާހަގަ ކުރެއްވި އެވެ.

ހުޅުމާލޭގައި އެޅި އެ ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އިރު، ފްލެޓްތައް ލިބޭ މީހުންގެ ފައިނަލް ލިސްޓު މިހާރު ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދޫކޮށްފައިވާ ގޮތާ މެދު ގިނަ ބައެއްގެ ޝަކުވާތައް ހުރި އިރު މައްސަލަ ވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީއަށް ވެސް ހުށަހަޅާފަ އެވެ.

މުއިއްޒު ވިދާޅުވީ މި ފަހަރު ދޫކުރާ ތިން ކޮޓަރީގެ ފްލެޓްގައި ދިރިއުޅޭނީ އޭގެ ހައްގުވެރިންކަން ޔަގީންކުރާނެ ކަމަށާއި ފްލެޓް ހަވާލު ކުރާނީ ވެސް އެކަން ޔަގީން ކުރުމަށް އެގްރީމެންޓް ހެދުމަށް ފަހުގައި ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާއްމު ކުރި ނަމަވެސް، އެ ލިބޭ މީހުންގެ މައުލޫމާތު އަދިވެސް ހޯދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު މުއިއްޒު ވިދާޅުވީ އެ ލިސްޓަށް ބަދަލު އައުމަކީ ނާދިރުކަމެއް ކަމަށެވެ.