ޖުވާ ކުޅޭ ސާމާނުގެ ގޮތުގައި އެއްވެސް އެއްޗެއް ރާއްޖެ އެތެރެކޮށްފައި ވާ ނަމަ އެ އެއްޗެއް ހިފަހައްޓާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ އެންމެ އިސް ވެރިޔާ އެގޮތަށް ވިދާޅުވީ ރޮބިންސަން ރިސޯޓަށް ގެނައި ކެސިނޯ ޓޭބަލް އާއި އެއާ ގުޅޭ އެހެން ސާމާނުތަކެއް ކަސްޓަމްސްއިން ދޫކޮށްލަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ އެ ރިސޯޓުން ގެނައި ޝިޕްމަންޓެއް އެބަ ހުރި ކަމަށެވެ. ނަމަވެސް އެއީ ޖުވޭ ކުޅޭ ކަހަލަ ސާމާނުތަކެއް ކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެފަދަ އެއްޗެއް ނަމަ އެތަކެތި ހިފަހައްޓާނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ގާނޫނު ހުއްދަ ނުކުރާ އެއްވެސް އެއްޗެއް ގެނެސްފި ނަމަ ކަސްޓަމްސްގެ އޮންނަ އުސޫލްތަކުގެ ތެރެއިން ހުންނާނީ ހިފެހެއްޓިފައި،" ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވެސް ސޯޝަލް މީޑިއާގައި އެކަހަލަ ވާހަކަތަކެއް ދެވޭ ވާހަކަ އަޑުއިވިފައި އޮތީ. އެކަމަކު ކަސްޓަމްސްއަށް އެނގިފައެއް ނުވޭ ޖުވާ ކުޅޭ ސާމާނުގެ ގޮތުގައި އެތެރެކުރި ކަމެއް."
ކެސިނޯ ޓޭބަލް އާއި އެއާ ގުޅޭ ބައެއް ސާމާނު ރާއްޖެ އެތެރެކުރި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެއާ ގުޅޭ އެއްވެސް ފޮޓޯއެއް މިހާތަނަށް އާއްމުވެފައެއްނުވެ އެވެ.