އައްޑޫގައި ހަލާކުވި އެއް ޖަނަރޭޓަރު ހަދައި ހިދުމަތް ދޭން ފަށައިފި

އައްޑޫ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން މައްސަލަ ޖެހުނު ހަތަރު އެއް ޖަނަރޭޓަރު ހަދައި ކަރަންޓު ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.


ހިތަދޫ، މަރަދޫ، މަރަދޫފެދޫ އަދި ފޭދު އަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ ހަތަރު ޖަނަރޭޓަރު މައްސަލަ ޖެހިގެން ކަރަންޓު ކެނޑުމަކީ އާންމުވެފައި އޮތް މައްސަލައެކެވެ. މިކަމާ ގުޅިގެން އާންމު ދިރިއުޅުމަށް ވެސް ވަރަށް ބޮޑަށް ބުރޫ އަރާފައިވެ އެވެ. ކަރަންޓް ދިނުމަށް 11 ޖަނަރޭޓަރެއް ބޭނުން ކުރެއެވެ.

ފެނަކައިގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިރޭ މިހާރު އަށް ވިދާޅުވީ ހަލާކުވި ޖަނަރޭޓަރުތަކުގެ ތެރެެއިން އެއް މެގަވޯޓްގެ ޖަނަރޭޓަރެއް މަރާމާތުކޮށް މިއަދު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

"ދެން ހަލާކުވެފައިވާ ތިން ޖަނަރޭޓަރުގެ ސްޕެއާޕާޓްސް އެއް ރާއްޖެއަކުން ނުލިބޭ، އެހެން ވީމަ އެޖަނަރޭޓަރުތައް ހެދުމަށް ވަގުތު ނަގާނެ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އައްޑުއަށް ފޮނުވާ 1.2 މެގަވޯޓުގެ ޖަނަރޭޓަރަކާއި އެއް މެގަވޯޓުގެ ޖަނަރޭޓަރެއް މިރޭ ފުރުވާލެވޭނެ ކަމަށާއި އެ ދެ ޖަނަރޭޓަރު އައްޑޫ ސިޓީއަށް ދެ ދުވަހުގެ ތެރޭގައި ގެންދެވޭނެ ކަމަށެވެ. އެއާއެކު ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އައްޑޫގެ އިތުރުން ފެނަކައިން މިރޭ ވަނީ ފުވައްމުލަކަށް 1.2 މެގަވޯޓުގެ ޖަނަރޭޓަރަކާއި ލ. ފޮނަދޫއަށް އެއް މެގަވޯޓުގެ ޖަނަރޭޓަރެއް ފޮނުވުމަށް ނިންމާފަ އެވެ.