އައްޑޫގެ ކަރަންޓު މައްސަލަޔަށް އަންނަ ހަފުތާގައި ވަގުތީ ހައްލެއް ލިބޭނެ

އައްޑޫގައި ކަރަންޓު ކެނޑުމުގެ މައްސަލައަށް އަންނަ ހަފުތާގައި ވަގުތީ ހައްލެއް ހޯދައިދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.


ފެނަކަ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަދައްކަވަމުން ޗީފް ޓެކްނިކަލް އޮފިސަރު ހުސެއިން އަމީޒު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހެނީ ހިދުމަތް ދޭން ބޭނުންކުރާ ހަތަރު ޖަނަރޭޓަރަކަށް ބޮޑެތި މައްސަލަތަކެއް ޖެހިގެން ކަމަށެވެ.

އެގޮތުން 1000 ކިލޯވޮޓުގެ ދެ ޖެނަރޭޓަރަށާއި 750 ކިލޯވޮޓުގެ ޖަނަރޭޓަރަށް މައްސަލަ ދިމާވުމުން ސްޕެއާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި 800 ކިލޯވޮޓްގެ ޖެނަރޭޓަރު މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

އަމީޒު ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ދެ ޖަނަރޭޓަރު ފޮނުވާފައިވާނެ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ވަގުތީ ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. މިހާރު ދެ ޖަނަރޭޓަރު ފޮނުވާފައިވާއިރު ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފެށިފައި،" އަމީޒު ވިދާޅުވި އެެވެ.

ފެނަކައިން ބުނިގޮތުގައި އަންނަ ހަފުތާގައި ވަގުތީ ގޮތުން ކަރަންޓު ދިން ކަމުގައި ވިއަސް، އެ މައްސަލަ ހައްލުކޮށް ދާއިމީ ގޮތެއްގައި ކަރަންޓު ދެވޭނީ ޑިސެމްބަރު މަސް ނިމުމުގެ ކުރިންނެވެ.

އައްޑޫން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާތީ ފެނަކަ ކޯޕަރޭޝަންގެ ވެރިން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.