އެވޯޑު ހަފުލާގައި ބްރޯޑްކޮމްއާ ދެކޮޅަށް ރާއްޖެ ޓީވީން އިހްތިޖާޖްކޮށްފި

މީޑިއާ ކައުންސިލުން އިންތިޒާމްކޮށްގެން ރޭ ބޭއްވި ނޫސްވެރިންގެ އެވޯޑު ހަފުލާގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާ ދެކޮޅަށް ރާއްޖެ ޓީވީން ހިމޭން އިހްތިޖާޖެއްކޮށްފި އެވެ.


އެވޯޑު ހަފުލާގައި ރާއްޖެ ޓީވީގެ ނޫސްވެރިން ތިބީ "އަބުރު ފަންޑު" ޖަހާފައިވާ ކަޅު ކުލައިގެ ޓީޝާޓް ލައިގެން ބްރޯޑްކޮމްއާ ދެކޮޅަށް ޝުއޫރުތައް ލިއެފައިވާ ބޯޑުތައް ހިފައިގެންނެވެ. އެ ބޯޑުތަކުގައި، އެ ސްޓޭޝަން ޖޫރިމަނާ ކުރަނީ ބޭއިންސާފުން ކަމަށާއި ބްރޯޑްކޮމް އަކީ މީޑިއާތަކަށް ހުރި "ހަލާކެއް" ކަމަށް ލިޔެފައިވެ އެވެ. އަދި "އަބުރުފުޅު ފަންޑު"ގެ ނަމުގައި އެ ސްޓޭޝަނުން ހުޅުވާފައިވާ ފަންޑަށް ފައިސާ ހޯދުމަށް ފޮއްޓެއްގެ ވެސް ގެންގުޅުނެވެ.

ނޫސްވެރިކަމުގެ އެވޯޑު ހަފުލާގައި ރާއްޖެ ޓީވީގެ ނޫސްވެރިން އިހްތިޖާޖްކުރަނީ. --ފޮޓޯ/ރާއްޖެ ޓީވީ

ރާއްޖެ ޓީވީން އިހްތިޖާޖް ކުރީ އެ ސްޓޭޝަން ބޮޑެތި އަދަދުތަކުން ތިން ފަހަަރަށް ޖޫރިމަނާކޮށްފައި ވަނިކޮށެވެ. އެންމެ ފަހުން އެ ސްޓޭޝަން 500،000ރ. އިން ޖޫރިމަނާކުރީ ގައުމީ ސަލާމަތަށް ނުރައްކާ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ އެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް މިއަދު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން އެ ސްޓޭޝަނާ މެދު ނާއިންސާފުން ފިޔަވަޅު އަޅަމުން ދާއިރު، އެފަދަ ބޭއިންސާފު އަމަލުތައް ހުއްޓުވަން މީޑިއާ ކައުންސިލުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރާއްޖެ ޓީވީން އިހްތިޖާޖް ކުރީ ވެސް ރާއްޖޭގެ ހުރިހާ ނޫސްވެރިންގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ.

"ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިންނާ މެދު ނާއިންސާފުވެރިވާ ކަން އެ ހަފުލާގައި ވެސް ރާއްޖެ ޓީވީން ހަނދާންކޮށްދިނީ. ރާއްޖެ ޓީވީ މިކުރާ މަސައްކަތަކީ ހުރިހާ ނޫސްވެރިންގެ ހައްގުގައި ކުރާ މަސައްކަތެއް،" ފިޔާޒް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިން އިހްތިޖާޖްކުރަނީ:

އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ފުރަތަމަ ޖޫރިމަނާކުރީ 250،000ރ. އިންނެވެ. އެ ޖޫރިމަނާ ދެއްކި ދުވަހު އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

ރާއްޖެ ޓީވީން ބުނެފައިވާ ގޮތުގައި އެ ސްޓޭޝަން ޖޫރިމަނާކުރަމުން ދަނީ ވަކި ނުފޫޒަކާ ހެދި އިންސާފުން ބޭރުންނެވެ. އެއީ، ރާއްޖެ ޓީވީ ނައްތާލަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ސްޓޭޝަނުން ދެކެ އެވެ.