ޝަހީބަށް ދައުވާ ކުރަން ރާއްޖެ ޓީވީން ނިންމައިފި

ބްރޯޑްކާސްޓަރުންނާ މެދު ގާނޫނާ ހިލާފަށް ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބުގެ މައްޗަށް ދައުވާ ކުރަން ރާއްޖެ ޓީވީން ނިންމައިފި އެވެ.


ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ޝަހީބު އެ ކޮމިޝަންގެ ރައީސަކަށް އިންނަވައިގެން ބްރޯޑްކާސްޓިން ކޮމިޝަނުން އަމަލު ކުރަމުން ގެންދަނީ ގާނޫނުއަސާސީ އާއި އަބުރުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

"ފިޔަވަޅު އެޅުމުގައި ވެސް ހަމަހަމަކަމެއް ނެތް. އަބުރުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ނުހަދައި، ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅައި ބޮޑެތި ޖޫރިމަނާ ކުރަމުން ނުގެންދެވޭނެ،" ފިޔާޒު ވިދާޅުވި އެވެ.

އެކި މީޑިއާތަކާ މެދު އެ ކޮމިޝަނުން އަމަލު ކުރަމުން ގެންދަވަނީ ތަފާތު ގޮތްތަކަކަށް ކަމަށް ފިޔާޒު ވިދާޅުވި އެވެ. އެ ކަންކަމަކީ ޝަހީބު ޒިންމާވާންޖެހޭނެ ކަމެއް ކަމަށާއި އެ މައްސަލަ ވަރަށް އަވަހަށް މަދަނީ ކޯޓަށް ހުށަހެޅުމަށްޓަކައި ގާނޫނީ ވަކީލުންނާ އެކު މަަސައްކަތް ކުރަމުން ގެންދާ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

އަދި ކުރިމަގުގައި އެ ކޮމިޝަންގެ އިތުރު މެމްބަރުންގެ މައްސަލަ ވެސް ކޯޓަށް ހުށަހަޅާނެ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

މިދިޔަ އަހަރު އަމަލު ކުރަން ފެށި އަބުރުގެ ގާނޫނުގެ ދަށުން ތިން ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ޖޫރިމަނާތަކުގެ އަދަދު 1.7 ރުފިޔާ އަށް އަރަ އެވެ. އެންމެ ފަހުން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައީސް ޔާމީނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެކި މީޑީއާތަކާއި މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މިނިވަންކަމެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެހެން ބުނަމުން އަންނަނިކޮށް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ސިޔާސީ ހަފްލާއެއް އިންތިޒާމު ކުރުމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ފާތިމަތު ޒޭނާ ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

ބްރޯޑްކާސްޓިން ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަހީބް ވިދާޅުވީ އެ ކޮމިޝަނަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި އެ ކޮމިޝަނުން އަމަލު ކުރަމުން ގެންދަނީ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށެވެ.