ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިސްލާހު ކުރުމުގެ އެޖެންޑާއެއް އެކުލަވައިލީ ނަމަކަށް ނޫން ކަމަށާއި އޭގެ ފަހަތުގައި ސިޔާސީ އެއްވެސް ބޭނުމެއް ނެތް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު ވަރަށް ބޮޑަށް ގުޅުން ގޯސްވެ، ޕީޕީއެމް ތެރޭގައި ދެ ބޭފުޅުންގެ ފެކްޝަން އުފެދިފައި ވާއިރު، މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ ޕީޕީއެމަކީ ޕާޓީގެ އުސޫލުތަކާއި ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ޕާޓީއަކަށް ހެދުން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މައުމޫން އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޕީޕީއެމްގެ ޑިމޮކްރެޓިކް ހަރަކާތްތައް ފަހަކަށް އައިސް ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށެވެ. އަދި ޕާޓީގެ ތަސައްވުރު ވެސް ރައްޔިތުންގެ ކުރިމަތީގައި ކިލަނބުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
"... މިދެންނެވި އިސްލާހީ ޕްރޮގްރާމްގެ މަގުސަދަކީ ޕާޓީގެ އެތެރޭގެ ނިޒާމްތައް އިސްލާހުކޮށް، ޕާޓީގެ އަސްލު މައިގަނޑު އުސޫލުތަކަށް ރުޖޫއަވުން،" މައުމޫންގެ ބަޔާނުގައިވެ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާހީ ޕްރޮގްރާމްގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމެވެ. ދެވަނަ ފިޔަވަޅަކީ ޕާޓީގެ މިހާރުގެ ހާލަތު ދެނެގަތުމެވެ. އެ ގޮތުން ޕީޕީއެމްގެ ސައްހަ މެމްބަރުންގެ އަދަދު ހޯދައި ޕާޓީގެ ސައްހަ ގޮފިތަައް ދެނެގަތުމާއި ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައިވާ ފިއްތުންތައް ބެލުމަކީ އިސްލާހީ ޕްރޮގްރާމްގެ ބައެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
"ހަމަ އެއާ އެކު، ގަވާއިދުގައިވާ ގޮތުގެ މަތިން، ޕާޓީގެ ހިންގާ ފަރާތަކީ އަދި ޕާޓީގެ ނަމުގައި ގޮފިތަކަށާއި އާންމު މެމްބަރުންނަށް އެކިއެކި އެންގުންތައް އަންގާ ފަރާތަކީ ހަމައެކަނި ޕާޓީގެ މައި އޮފީސް ކަމުގައި ހެދުން،" މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމީނާއި މައުމޫންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މައުމޫނަށް ފާޑުވިދާޅުވަމުން ގެންދަވާކަން ފާހަގަ ކުރެވެ އެވެ. އޭގެ ތެރޭގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
މައުމޫންގެ ބަޔާނާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ބުނެފައި ވަނީ އެއީ ހަގީގަތެއް އެކުލެވޭ އެއްޗެއް ނޫން ކަމަށެވެ.
"... މިދެންނެވި އިސްލާހީ ޕްރޮގްރާމްގެ މަގުސަދަކީ، ޕާޓީގެ އެތެރޭގެ ނިޒާމްތައް އިސްލާހުކޮށް، ޕާޓީގެ އަސްލު މައިގަނޑު އުސޫލުތަކަށް ރުޖޫއަވުން." - މައުމޫން
ރައީސް ޔާމީނާއި މައުމޫންގެ ގުޅުން ގޯސްވެފައިވާކަން މީޑިއާ އަށް މި ތިލަވީ، ބިޑް ކުރުމެއް ނެތި، ޓޫރިޒަމްގެ ބޭނުންތަކަށް ރަށްރަށާއި ފަޅުތަކާއި ބިންތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން އިސްވެ ގެނައި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހު ގެނައީ އެކަން ނުކުރަން މައުމޫން ތަކުރާރުކޮށް އެދިވަޑައިގެންފައި ވަނިކޮށެވެ. އިސްލާހަށް ވޯޓު ނުދެއްވަނީ މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެކަންޏެވެ. އެހެންވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ތްރީލައިން ވިޕާ ފާރިސް ހިލާފުވެފައި ވާތީ، އޭނާއާ މެދު ފިޔަވަޅު އަޅަން ސުލޫކީ ކޮމިޓީއަށް ފޮނުވަން ވަނީ ފާސްކޮށްފަ އެވެ.
ނަމަވެސް މައުމޫން ވަނީ ޕީޕީއެމްގެ ކޮމިޓީތައް، އެމަނިކުފާނުގެ ހުއްދަ ނެތި ނުބޭއްވުމަށް އަންގަވައިފަ އެވެ. އަދި މައުމޫން އައްޔަން ކުރެއްވި، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމާ ހަވާލު ކުރައްވާފައިވާ ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތުތައް ވެސް މައުމޫން ވަނީ އަތުލައްވައިފަ އެވެ. މީގެ އިތުރުން ޕީޕީއެމް އިސްލާހު ކުރުމުގައި މައުމޫނަށް ލަފާއަރުވާ މަޖިލިހެއް މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ވަނީ އުފައްދަވައިފަ އެވެ.