އައްޑޫ ސަޕްލައި ފެނުގެ ހިދުމަތް ބޭނުން ނުކުރަން މޭޔަރު ސޯބެ ގޮވާލައްވައިފި

ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ދޭ ފެނުގެ ހިދުމަތް ނުހޯދުމަށް އައްޑޫ ރައްޔިތުންނަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ރޭ ގޮވާލައްވައިފި އެވެ.


އިދިކޮޅު ޕާޓީތަކުން ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ މި މަހުން ފެށިގެން ބިލް ކުރަން ފަށާ އައްޑޫގެ ފެނުގެ ހިދުމަތަކީ ވަރަށް ބޮޑު އަގެއްގައި ދޭން އުޅޭ ހިދުމަތެއް ކަމަށެވެ. އަދި އެ ފެނަކީ ބޯން ވެސް ރައްކާތެރި ފެނެއް ނޫން ކަމަށް ވިދާޅުވި އެވެ.

ސޯބެ ވިދާޅުވި ގޮތުގައި އައްޑޫގައި ފެނުގެ ހިދުމަތަށް ފެނަކައިން ބިލް ކުރަން އުޅެނީ، އެ ހިދުމަތް އެހެން ހިސާބުތަކުގައި ދޭ އަގަށް ވުރެ ތިން ގުނަ ބޮޑުކޮށެވެ.

"އެހެންވެ އަޅުގަނޑު ގޮވާލަން އައްޑޫ ރައްޔިތުން އެ ފެނުގެ ހިދުމަތް ނުހޯދަން،" އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ އަސާސީ ހިދުމަތްތައް އެކަށީގެންވާ ގޮތަކަށް، ފޯރުކޮށް ދެވުމުގެ ގާބިލްކަން ސަރުކާރުގައި ނެތުމުން އެކަމުގެ ކަންބޮޑުވުންތަކާ އެކު ރައްޔިތުން ކައުންސިލާ ހަމައަށް އަންނަ ކަމަށެވެ.

އައްޑޫގެ ފެނުގެ އަގުގެ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ބައެއް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ހިދުމަތް ނުހޯދަން ގޮވާލައިފަ އެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި އެވެ.

ފެނަކަ އިން އައްޑޫގެ ގޭބިސީތަކަށް ފެނުގެ ހިދުމަތް ދޭން ނިންމާފައި ވަނީ ޓަނެއް 65ރ. އަށެވެ. އަދި ވިޔަފާރިތަކަށް ޓަނެއް 100ރ. ގެ ރޭޓުންނެވެ.