އަދަބު ލުއިކޮށްދޭން އެދި ހަ މަސް ފަހުން އަލުން ހުށަހެޅޭ ގޮތަށް ހަދައިފި

ޖިނާއީ ކުށް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން މައާފް ދޭން ނުވަތަ އަދަބު ލުއިކޮށްދޭން އެދި ރައީސަށް ކުރިން ހުށަހަޅާފައިވާ ފަރާތްތަކަށް ހަ މަސް ފަހުން އަލުން އެކަމަށް އެދި ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި އެވެ.


މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގައި ރައީސަށް ލަފާ ދޭން އޮންނަ ކްލެމެންސީ ބޯޑުގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން މައާފް ދިނުން ނުވަތަ އަދަބު ލުއިކޮށް ދިނުމާ ގުޅޭ ގޮތުން ރައީސް ގޮތެއް ނިިންމުމުން، އެ ނިންމުން ނިންމާ މައްސަލައެއްގައި އަލުން އެކަމަށް އެދި ހުށަހެޅޭނީ އެ ނިންމުން ނިންމިތާ ދެ އަހަރު ފަހުންނެވެ.

އެކަމަކު އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހު ބުނާ ގޮތުން މައާފް ދިނުމަށް ނުވަތަ އަދަބު ލުއިކޮށް ދިނުމާ ގުޅޭ ގޮތުން ރައީސް ނިންމުން ނިންމާތާ ހަ މަސް ފަހުން އަލުން އެކަމަށް އެދި ކުށްވެރިޔާ އަށް ހުށަހެޅި ދާނެ އެވެ.

ކްލެމެންސީ ބޯޑަކީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގައި ރައީސަށް ލަފާ ދޭ ބޯޑެވެ. އެކަމަކު އެ ބޯޑުގެ ލަފަ އަށް އަމަލު ކުރުމަކީ ގާނޫނީ ގޮތުން ރައީސަށް ލާޒިމް ކަމެއް ނޫނެވެ.

މައާފް ދިނުން ނުވަތަ އަދަބު ލުއިކޮށް ދިނުމުގެ އާންމު އުސޫލަކީ ކުށްވެރިޔާ އަމިއްލަ އަށް އެކަމަށް އެދި ހުށަހެޅުން ކަމަށްވިޔަސް ވަކި ހާލަތްތަކެއްގައި ރައީސްގެ އިސް ނެގުމަށް ވެސް އެކަން ކުރެވެން އޮވެ އެވެ. ރައީސްގެ އިސް ނެގުމަށް އެކަން ކުރާއިރު ކްލެމެންސީ ބޯޑުގެ ދައުރެއް ނޯވެ އެވެ.