ހެލިކޮޕްޓަރު ދުއްވުމާާ ދިވެހި ޕައިލެޓް ވަރަށް އަވަހަށް ހަވާލުވާނެ

އިންޑިއާ ސަރުކާރުން އެމްއެންޑީއެފަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު ދުއްވާ ދިވެހި ޕައިލެޓް އަންނަ މަހު ކިޔަވައި ނިމޭނެ ކަމަށާއި އެއާއެކު ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތް އޭނާ ވަރަށް އަވަހަށް ފަށާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވި އެވެ.


މީގެ އަށް އަހަރު ކުރިން އެޕްރީލް 2010 ގައި އިންޑިއާ އިން ރާއްޖެ އަށް ހެލިކޮޕްޓަރެއް ހަދިޔާކުރި ނަމަވެސް މިހާތަނަށް ހެލިކޮޕްޓަރު ދުއްވައި، އެ އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ. އެ މަސައްކަތަށް އިންޑިއާ ސިފައިންގެ ވިއްސަކަށް މީހުންގެ ގްރޫޕެއް ރާއްޖޭގައި އަބަދު ވެސް ތިބެ އެވެ.

ހެލިކޮޕްޓަރާ ހަވާލުވި ދުވަހު އެމްއެންޑީއެފުން ބުނެފައި ވަނީ އިންޑިއާ ސިފައިން ހެލިކޮޕްޓަރު ދުއްވާނީ ދިވެހި ސިފައިން އެ ކަމަށް ތަމްރީނު ވަންދެން ކަމަށެވެ. އެކަމަކު ދިވެހި ސިފައިން އެ ޒިންމާއާ ފުރިހަމަ އަށް ހަވާލުވެވޭ ވަރަށް އަދި މީހުން ތަމްރީނެއް ނުކުރެވެ އެވެ.

އެކަމާ ގުޅިގެން "މިހާރު"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ހެލިކޮޕްޓަރު ޕައިލެޓްކަން މިހާރު ކިޔަވަމުން އަންނަ ދިވެހި ސިފައިންގެ މީހާގެ ތަމްރީންތައް އަންނަ މަހު ނިމޭނެ ކަމަށެވެ.

އޭނާ އައުމުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ހެލިކޮޕްޓަރު ދުއްވުމުގެ ކަންކަމާ ދިވެހިން ހަވާލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަން ވާނެ ވަކި މުއްދަތެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.

"އޭނާ އައުމުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު އެ ޝަރަފް ސިފައިންނަށް ހޯދައިދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ޕައިލެޓެއް ކިޔަވައިގެން އައި ނަމަވެސް ހެލިކޮޕްޓަރުގެ އިންޖީނިއަރުން ވެސް އަދި ތަމްރީނެއް ނުކުރެވެ އެވެ. އެހެންކަމުން ހެލިކޮޕްޓަރު މަރާމާތު ކޮށް ބަލަހައްޓަމުން އަންނަނީ އިންޑިއާއިންނެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ބޭނުން ކުރަމުން އަންނަނީ ބަލި މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށާއި ކަނޑުމަތީގެ ހާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދައި ސަލާމަތް ކުރުމަށެވެ.