ފަސްޓްލޭޑީ ބަށި މުބާރާތުގެ ޗެމްޕިއަން ފ. ފީއަލީ ޓީމު ރޭ ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ފޯރިގަދަ ފައިނަލް މެޗްގައި 33 ލަނޑު ހަދައި ފީއަލީ ޓީމުން ވަނީ ކ. މާފުށީ ޓީމު ބަލިކޮށްފަ އެވެ. މާފުއްޓަށް ހެދުނީ 32 ލަނޑު 11 ފޯއްޔެވެ.
އެ މެޗު ޝަރަފުވެރި ކޮށްދެއްވީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމެެވެ.
އެ މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާގެ މަގާމާއި އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ލ. ގަމު އައިޝަތު ލުބްނާ އެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް ބޭއްވި އެ މުބާރާތުގައި 17 އަތޮޅަކުން 49 ޓީމެއް ވާދަކުރި އެވެ. ގަދަ 16ގައި ވާދަކުރީ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމެވެ. ފައިނަލް ބުރުގައި ވާދަކުރީ ޒޯން ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ.
ޗެމްޕިއަން ޓީމަށް އެއް ލައްކަ ފަންސާސް ހާސް ރުފިޔާ ދީފައިވާ އިރު ދެ ވަނަ ހޯދި ޓީމަށް ދިނީ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިިނާމެވެ.
އެ މެޗު ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ގަލޮޅު ދަނޑަށް ވަނެވެ.