ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރާނެ ގައުމީ ޕްލޭނެއް ނެރެފި

ހައްދުފަހަނައެޅުމާއި ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރަން އެކުލަވާލި ގައުމީ ޕްލޭން މިއަދު ނެރެފި އެވެ.


ކޯސްޓްގާޑު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި "ނޭޝަނަލް ސްޓްރެޓިޖީ އޮން ޕްރިވެންޓިން ކައުންޓަރިން ވަޔަލެންޓް އެކްސްޓްރީމްޒަމް" ގެ ނަމުގައި ގައުމީ ޕްލޭން ނެރެދެއްވީ ޑިފެންސް މިނިސްޓަރުު އާދަމް ޝަރީފެވެ.

އެ ޕްލޭން ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް 2015 އިން ފެށިގެން އަމަލުކުރަމުން އަންނައިރު އޭގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ޓެރަރިޒަމަށް މަގުފަހިވާ ކަންތައްތަކާއި އެ އަމަލު ހިންގަން އެހީތެރިވާ ފަރާތްތަކާއި ބޭރުގެ އެކި ހަނގުރާމަތަކަށް ދާ ދިވެހީން ހުއްޓުވައި، އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

މިއަދު ނެރުނު ގައުމީ ޕްލޭންގައި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން ސިފައިން އަދި އިމިގްރޭޝަންގެ ބައިވެރިވުން ވެސް ހިމެނެ އެވެ.

ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގައުމީ ޕްލޭނެއް ނެރުނުއިރު، ބޭރުގެ އެކި ގައުމުތަކުގެ ހަނގުރާމައިގައި ދިވެހިން ދަނީ ބައިވެރިވަމުންނެވެ. އޭގެތެރެއިން ބައެއް މީހުން ހައްޔަރުކޮށްގެން ރާއްޖެ ވެސް ގެނެސްފައިވެ އެވެ.