ރާއްޖެއިން އުމްރާ އަށް މީހުން ގެންދާ ގުރޫޕްތަކުން ސަރުކާރަށް މަހަކު 2000ރ. އެއް ފީއެއް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
މަހު ފީއެއް ދައްކަން ޖެހޭ ގޮތަށް، އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނައުމުގެ އިތުރުން އެ ހުއްދަ ތިން އަހަރުގެ ބަދަލުގައި އެއް އަހަރަށް ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސަައިފަ އެވެ.
ނޮވެމްބަރު 2015 ގައި އެކުލަވާލި ކުރީގެ އުސޫލުގައި އެއްވެސް ފީއެއް ސަރުކާރަށް ދައްކާކަށް ނުޖެހެ އެވެ.
އާ އުސޫލުގައިވާ ގޮތުން ކޮންމެ ގްރޫޕަކުން ވެސް އެއް އަހަރު ދުވަހަށް 700،000ރ. ގެ ބޭންކް ގެރެންޓީއެއް ހުށަހަޅަން ވެސް ޖެހޭނެ އެވެ.
ނަމަވެސް މި އުސޫލުގެ ބައެއް ކަންތައްތަކުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އިސްތިސްނާ ވެ އެވެ. އެއީ އުމްރާ އަށް މީހުން ގެންދަން ހުއްދަ ދޭ މުއްދަތާއި ޕްރޮޕޯސަލާ އެކު ހުށަހަޅަންޖެހޭ ބައެއް ލިޔެކިޔުންތަކުގެ އިތުރުން ޕްރޮޕޯޒަލް އިވެލުއޭޓްކުރާނެ ގޮތްތަކެވެ.
މި އުސޫލަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި، މީގެ ކުރިން އުމްރާ އަށް މީހުން ގެންދަން ދޫކޮށްފައިވާ ހުއްދަތައް ބާތިލްވާނެ އެވެ.