48 ގަޑިއިރު، ދިރާގު ރޭހުގެ 50 ޕަސެންޓް ފުލްވެއްޖެ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭސް ކަމަށް ވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ 48 ގަޑިއިރު ނުވަނީސް 1،500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.


މި މަހުގެ 24 ގައި ހުޅުމާލޭގައި ބާއްވާ މި ރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 15 ގެ ނިޔަލަށެވެ. ރެޖިސްޓްރީ ކުރެވޭނީ އެ އިވެންޓުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. އަދި ރޭހުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 3،000 މީހުންނަށް ކަމަށް ދިރާގުން ބުނެ އެވެ.

އެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލިއިރު ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިހާތަނަށް ލިބޭ ތަރުހީބު ވަރަށް ރަނގަޅު ކަމަށެވެ.

ދިރާގުން 2007 ގައި ތައާރަފްކުރި އެ ދުވުމަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ދުވުމުގެ ރޭހެވެ. އުމުރުން 7-45 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލައިގެން ބާއްވާ މި ރޭހުގެ މައިގަނޑު ބޭނުމަކީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާކުރުން ކަމަށް ދިރާގުން ބުންޏެވެ.

މި ފަހަރު ރޭހުގެ ޝިއާރަކީ ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުވެ. މި ރޭސް މެދުވެރިކޮށް ރާއްޖޭގެ ފަސް ޖަމިއްޔާއަކަށް ދިރާގުން އެހީދެ އެވެ. ރޭހުގައި ބައިވެރިވާ ދުވުންތެރިން އެއިން ކޮންމެވެސް އެއް ޖަމިއްޔާއެއް ތަމްސީލްކުރަން ޖެހެ އެވެ.