އޭސީސީ އަށް ހާޒިރުކުރާނެ ކަމަށް ބުންޏަސް ކޮމިޝަންގައި މައުމޫންގެ މައްސަލައެއް ނެތް

ކޮރަޕްޝަންގެ ތުހުމަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ނަމަވެސް މައުމޫންގެ އެއްވެސް މައްސަލައެއް އޭސީސީން ބަލަމުން ނުދާކަން އެނގިއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި އޭސީސީގެ ބައެއް މެންބަރުން ވިދާޅުވީ މައުމޫންގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ކޮމިޝަންގެ ރައީސް މީޑިއާގައި ވިދާޅުވުމާ ހަމަޔަށް ވެސް "ކިނބިގަސްދޮށުގޭ މައުމޫން އަބްދުލް ގައްޔޫމްގެ އެއްވެސް މައްސަލައެއް އޭސީސީގައި ނެތް" ކަމަށެވެ.

ނަމަވެސް ލުތުފީ މިއަދު ވިދާޅުވެފައި ވަނީ 2008 ވަނަ އަހަރު ނެރުނު ތީމުގޭ އޮޑިޓް ރިޕޯޓްގައި ހިމެނޭ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތައް ބަލަމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި "މައުމޫނާ ސުވާލުކުރާ ހިސާބަށް ދިޔައީ އަދި ކިރިޔާ" ކަމަށެވެ.

"އޮޑިޓް ރިޕޯޓްތަކާ ގުޅިގެން ތަފާތު ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރަމުން އަޅުގަނޑުމެން މިއައީ. ތަހުގީގުގައި އެ ފަރާތްތަކުން ދެއްކި ވާހަކަތަކަށް ބަލައި، މި މައްސަލަތަކުގައި އެންމެ ފަހުން ސުވާލު ކުރަން ޖެހޭ ފަރާތަކީ މައުމޫން ކަމަށް ވާތީ، މި ސުވާލު ކުރަނީ،" ލުތުފީ ވިދާޅުވި އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން މި މައްސަލަ އަދިވެސް އޮތީ ޕޮލިހުންގެ ތަހުގީގުގަ އެވެ. އެ މައްސަލަ އޭސީސީން ދުވަހަކު ވެސް ބަލައިފައެއް ނުވެ އެވެ.

"ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލަ ފުލުހުން ބަލާތީ އޭސީސީ އަކުން ނުބަލާ. އެހެންވެ އެ މައްސަލާގައި ދުވަހަކު ވެސް އޭސީސީން އެއްވެސް މީހަކާ ސުވާލެއް ކޮށްފައެއް ނޯންނާނެ،" އޭސީސީގެ މެންބަރަކު ވިދާޅުވި އެވެ.

މައުމޫން އޭސީސީ އަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ވިދާޅުވެފައި މި ވަނީ ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫނާ ދެމެދު މައްސަލަތަކެއް އުފެދި ޕާޓީގެ ކޮންޓްރޯލް މައުމޫން ނަންގަވާފައި ވަނިކޮށެވެ. އެހެންވެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން މިހާރު ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

މައުމޫންގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ގާތްބޭފުޅުންނަށް ހަރަދު ކުރެއްވި މައްސަލަ ހިމެނެ އެވެ. އަދި އެ ފައިސާތައް މައުމޫންގެ އަތްޕުޅުން ހޯދުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތަށް ލަފާދީފަ އެވެ.