އެމެރިކާގެ ނިންމުމަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް އެޅި ފިޔަވަޅެއް: ފަލަސްތީނު ސަފީރު

އިޒްރޭލުގެ ވެރިރަށް ތެލްއަބީބްގައި ހުންނަ އެމެރިކާގެ އެމްބަސީ، ފަލަސްތީނުގެ ގުދުސަށް ބަދަލު ކުރަން އެމެރިކާ އިން ނިންމި ނިންމުމަކީ ހަމައެކަނި ފަލަސްތީނު މީހުންނަށް ދިން ދެރައެއް ނޫން ކަމަށާއި އެއީ މުޅި އިސްލާމީ އުންމަތަށް ދެކޮޅަށް ދިން ހަމަލާއެއް ކަމަށް، ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ފަލަސްތީނުގެ ސަފީރު ޑރ. އަންވަރުލް އާޣާ ވިދާޅުވެއްޖެ އެވެ.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ފޯނުން ގުޅުއްވައި، އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމެވި ކަން އަންގަވައިފަ އެވެ. އެ ފޯން ކޯލްގައި ރައީސް މަހްމޫދު އައްބާސް ވަނީ ޓްރަމްޕުގެ އެ ނިންމެވުމަށް ދެކޮޅު ހައްދަވައި އެ ގޮތަށް އެ ކަން ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

މެލޭޝިޔާގައި ހުންނަވައި ފޯނުން "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަލަސްތީނުގެ ސަފީރު ވިދާޅުވީ އެމެރިކާ ސަރުކާރުން އެ ގޮތަށް ނިންމި ކަމުގައި ވިޔަސް، އެ ނިންމުން ތަންފީޒު ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އިޒްރޭލުގެ ވެރި ރަށަކީ ގުދުސްކަމަށް އިޒްރޭލުން ނިންމާފައިވާ ނިންމުމަށް އެމެރިކާ އިން އިއުތިރާފް ވެސް ނުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކުރަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަކީ، އެއަށް ވުރެ ހިކްމަތްތެރި އަދި ވިސްނުންތެރި ސަރުކާރަކަށް ވާނެ ކަމަށް. އަދި އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަކީ ފަލަސްތީނު މީހުންގެ ހައްގުތަކަށް އިއުތިރާފްވާ އެމީހުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާނެ ކަމަށް ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދު ކުރަން،" ސަފީރު އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުދުސް އަޅުވެތިކުރުމަށް އިޒްރޭލުން ހިންގަމުންދާ އުދުވާނީ އަމަލުތަކުގެ ސަބަބުން އަސަރުކުރާނީ ހަމައެކަނި ފަލަސްތީނު ރައްޔިތުންނަކަށް ނޫނެވެ.

"މި ކަމުން އަރަބި ދުނިޔެއަށާއި މުޅި އިސްލާމީ އުންމަތަށް ވެސް ވަރަށް ބޮޑަށް އަސަރު ކުރާނެ. އެމެރިކާގެ އެ ނިންމުން ތަންފީޒުކުރަން ފަށާ ހިސާބުން ވަރަށް ނުރައްކާތެރި، ހިތަށް ގެންނަން ވެސް ނޭނގޭ ކަހަލަ ކަންތައްތަކެއް ކުރިމަތިވުން ވެސް އެކަށީގެންވޭ. މި ކަންތައް މިހެން ވަމުންދާ އިރު، އިސްލާމީ އުންމަތް ދެ އަތް އުރާލައިގެން ނޯންނާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" ސަފީރު އަންވަރު ވިދާޅުވި އެވެ.

"މިކަން މިވަގުތުން ފެށިގެން ހުއްޓާނުލައިފި ނަމަ، ފަލަސްތީނުގެ ބިންތަކުގައި އިތުރު އިންތިފާޟާއެއް ފެށުމަކީ ވެސް އެކަށީގެންވާ ކަމެއް. މީގެ ކުރިން ދެކެފައި ނުވާ ފަދަ ކަންތަކެއް ފަލަސްތީނު ރައްޔިތުންގެ މެދުގައި ފެށުމަކީ ވެސް އެކަށީގެންވާ ކަމެއް."

އޭނާ ވިދާޅުވި ގޮތުގައި، އިޒްރޭލާއި އެމެރިކާގެ އެ ނިންމުން ބަދަލުކޮށް ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމުގައި ފަލަސްތީނުން ކަނޑައަޅާފައިވާ ކަނޑައެޅުން ހަގީގަތަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކަމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

"ހަގީގަތުގައި ގުދުސަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް. އެއީ ފަލަސްތީނުގެ ބިމަކަށް ވިޔަސް، އެ ބިމުގައި މަސްޖިދުލް އަގްސާ ހުރީމާ، ފަލަސްތީނު ރައްޔިތުން އެ ބިމުގެ ދިފާއުގައި މަސައްކަތް ކުރަނީ މުޅި އިސްލާމީ އުންމަތުގެ ހައްގުގައި. އެހެންވީމާ، އިސްލާމީ ދުނިޔޭގެ ވެރިން މި ދަނޑިވަޅުގައި މި މައްސަލަ އަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވަން ޖެހޭނެ،"

ފަލަސްތީނުގެ ސަފީރު ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިޒްރޭލުން ފަލަސްތީނުގެ ބިމަކަށް ވެރިވެގަންނަން އެ މަސައްކަތް ކުރަނީ މެދުއިރުމަތީގެ ސުލްހައާ ބެހޭ ގޮތުން ބައިނަލްއަގުވާމީ މުޖްތަމައުން އެކުލަވާލާފައިވާ އެންމެހައި މުއާހަދާތަކާ ޚިލާފަށެވެ.

"މިއީ ޔަގީނުން ވެސް ފަލަސްތީނާއި އިޒްރޭލުން އެއް ބަޔަކު އަނެއް ބަޔަކަށް އިއުތިރާފްވުމަށް 1993 ވަނަ އަހަރު އެކުލަވައިލި އޯސްލޯ މުޢާހަދާއާ ކަނޑައެޅިގެން ޚިލާފު އަމަލެއް. އަދި ފަލަސްތީނާ ގުޅޭ ގޮތުން މިހާތަނަށް އެކުލަވައިލި އެހެން ހުރިހާ މުއާހަދާތަކަށް ވެސް، އެމެރިކާގެ މި އަމަލުގެ ސަބަބުން އަސަރު ކުރާނެ،" ސަފީރު ވިދާޅުވި އެވެ.

"ދިވެހި ސަރުކާރުން ވެސް ވަރަށް ސާފުކަން ބޮޑު ގޮތެއްގައި މި ކަމުގައި ފަލަސްތީނު މީހުންނާ އެކުގައި ވާނެ ކަމަށް އުންމީދު ކުރަން. އަދި ރައީސް ޔާމީންގެ ސަރުކާރުން ފަލަސްތީނުގެ މައްސަލައަށް އަދި ވަކިން ޚާއްސަކޮށް ގުދުސްގެ މައްސަލައަށް ދެއްވާ ޚާއްސަ ސަމާލުކަމަށް ޝުކުރުވެރި ވަން."

އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ، ފަލަސްތީނުގެ ގުދުސަށް ބަދަލުކުރަން އެމެރިކާ އިން ނިންމީ، ގުދުސަކީ އިޒްރޭލުގެ ބިމެއް ކަމަށާއި އިޒްރޭލުގެ ކުރިމަގުގެ ވެރިރަށް ކަމަށް އިޒްރޭލުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބާރު ދިނުމުގެ ގޮތުންނެވެ.