ހަމަނުޖެހުން ބޮޑުވެފައިވާތީ، އުމްރާ ދަތުރުތަކުގައި އަގްސާ މިސްކިތަށް ނުދާން އިލްތިމާސްކޮށްފި

މަސްޖިދުލް އަގްސާ ހުންނަ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމާއެކު، ހަމަނުޖެހުން ބޮޑުވެފައިވާތީ، ދިވެހިންގެ އުމްރާ ދަތުރުތަކުގައި މަސްޖިދުލް އަގްސާ އަށް ޒިޔާރަތް ނުކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.


މުސްލިމުންގެ ފުރަތަމަ ގިބްލަ، މަސްޖިދުލް އަގްސާ ހުންނަ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށް ކަމަށް ބަލައިގަތް ކަން އެމެރިކާއިން މިދިޔަ ހަފުތާގައި އިއުލާންކުރީ، މުޅި ދުނިޔެއިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށެވެ. އެމެރިކާގެ އެ ނިންމުމާ ގުޅިގެން ގުދުސް އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ދަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ހަމަނުޖެހުންތަކާ ގުޅިގެން، އަގްސާ މިސްކިތަށް ޒިޔާރަތް ކުރުމަކީ މިވަގުތު ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންވެ، ކަމާބެހޭ ފަރާތްތަކުން ވަކި ގޮތަކަށް އަންގަންދެން، އުމްރާ ދަތުރުތަކުގައި އަގްސާ މިސްކިތަށް ޒިޔާރަތް ނުކުރަން އިލްތިމާސް ކުރާ ކަމަށް އެ އިއުލާނުގައިވެ އެވެ.

އުމްރާ ދަތުރުތަކުގައި ތިން ހަރަމަށް ދަތުރު ކުރުމުގެ ގޮތުން، ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ބައެއް ގްރޫޕްތަކުން އަގްސާ މިސްކިތަށް ޒިޔާރަތް ކުރެ އެވެ.