ލ. ކުނަހަންދޫ ބަނދަރު ތެރޭން ދާ ޖަހައިގެން މަސް ހިފި މައްސަލައެއް، ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އިއްޔެ ހެނދުނު ކުނަހަންދޫ ދޯންޏަކުން ދާ ޖަހައިގެން މަސް ހިފީ، ކައުންސިލުން އެކަން މަނާކޮށް ގެޒެޓްގައި އެ ގަވައިދު އާއްމު ވެސް ކޮށްފައި ވަނިކޮށެވެ. އަދި އެ ދޯނިން މަސް ހިފި އިރު، ކައުންސިލަރުން އަތިރިމަތީގައި ތިބެ، އެކަން ނުކުރާށޭ ގޮވި ނަމަވެސް އެ މީހުން އަޅާނުލި ކަމަށް ކައުންސިލުން ބުންޏެވެ.
"އަޅުގަނޑުމެންގެ ދެ ކައުންސިލަރަކު އަތިރިމަތީގައި ތިބެ ގޮވި ތިއީ މަނާ ކަމެކޭ، ތިކަން ނުކުރާށޭ ކިޔާފައި ވެސް. އެކަމަކު އެ މީހުން އަޅާނުލައި މަސް ހިފައިގެން ދިޔައީ،" ކައުންސިލް މެމްބަރު ސަބްރީ އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަނދަރު ސަރަހައްދުގައި ދާ ޖަހައިގެން އެއްވެސް ވައްތަރެއްގެ މަހެއް ހިފުން އެ ރަށުގައި މަނާ ވާނެ އެވެ. ނަމަވެސް އެ ދޯނިން ދާ ޖަހައިގެން ގިނަ އަދަދެއްގެ މަސް ހިފި ކަމަށް ވިދާޅުވި އެވެ.
ސަބްރީ ވިދާޅުވީ ފުލުހުންނަށް އެ މައްސަލަ ހުށަހެޅި ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އެހެންވެ، މިއަދު ފިޝަރީޒް މިނިސްޓްރީއަށް އެކަން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޅުތެރޭގައި ދާ ޖަހައިގެން މަސް ހިފުން މަނާކުރުމުގެ ބާރު، ކައުންސިލްތަކަށް ގާނޫނުން ދީފައި އޮވެ އެވެ.
ސަބްރީ ވިދާޅުވީ ދާ ޖަހައިގެން މަސް ހިފުން މަނާކުރި ނަމަވެސް މަސް ބޭނުން މަނާނުކުރާ ކަމަށެވެ.
"ބަނދަރުތެރޭން ވަރަށް މީހުން މަސް ބާނާނެ. އަޅުގަނޑުމެން ދެކޭ ގޮތުގައި ދާ ޖަހައިގެން މަސް ހިފުމަކީ ބަނދަރުތެރެއަށް ވަންނަ މަސް ހުސްވާނެ ކަމެއް. އެހެންވެ، ހުރިހާ އެންމެންނަށް ވެސް މީގެ މަންފާ ކުރާނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރަން ވެގެން ދާ ޖެހުން މަނާކުރީ،" އޭނާ ވިދާޅުވި އެވެ.
ބައެއް ރަށްރަށުގެ ފަޅުތެރެއަށް ވަންނަ ގިނަ އަދަދެއްގެ މަސް ދާ ޖަހައިގެން ހިފުމަކީ އާއްމު ކަމެކެވެ. އެގޮތުން މިދިޔަ މަހު ފަހުކޮޅު ށ. މަގޫދޫ ފަޅުތެރޭން 55،000 އަށް ވުރެ ގިނަ މަސް ޖަހައިގެން ހިފި އެވެ.