އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލީ ނަސީރު، ގުދުސްގެ މައްސަލައިގައި ހުށަހެޅި ގަރާރަށް ތާއީދު ކުރައްވައި، އދ.ގެ އާންމު މަޖިލީހުގައި މިރޭ ވާހަކަ ދައްކަވަނީ. --އަލްޖަޒީރާ
21 ޑިސެމްބަރ 2017 - 22:30
ގުދުސްއާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމޭނީ އެކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށްގެން ކަމަށާއި އިޒްރޭލުން ގުދުސްގެ މައްޗަށް ވެރިވެގަންނަން އުޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާ ވެސް ހިލާފު ކަމެއް ކަމަށް ރާއްޖޭން މިރޭ އދ. ގައި ބުނެފި އެވެ.
ގުދުސްގެ މައްސަލައިގައި ތުރުކީ އާއި ޔަމަނުން ހުށަހެޅި ގަރާރަށް އދ.ގެ އާއްމު މަޖިލީހުގެ ޚާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ސަފީރު ޑރ. އަލީ ނަސީރު ވިދާޅުވީ ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފާފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމާއި ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ނިންމުމަކީ ވެސް ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
""އިޒްރޭލުން ފަލަސްތީނު އަޅުވެތިކުރި ކުރުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ސަލާމަތީ މަޖިލީހުން ވަނީ ވަރަށް ސާފު ބަހުން ކަނޑައަޅާފައި. އަދި އިރުމަތީ ގުދުސަކީ އިޒްރޭލުގެ ބައެއް ކަމުގައި ކަނޑައެޅި ކަނޑައެޅުމަކީ ވެސް ޣައިރު ގާނޫނީ ނިންމުމެއް ކަމަށާއި ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ކޮންމެ ގައުމަކުން ކަނޑައެޅި ކަމުގައި ވިޔަސް އެ ނިންމުމަކީ ވެސް ޣައިރު ގާނޫނީ ނިންމުމެއް ކަމުގައި އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ އެއްވެސް އޮޅުމެއް ނެތް މިންވަރަށް ކަނޑައަޅާފައި. ހަމަ އެފަދައިން އެއްވެސް ގައުމެއްގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަކީ ވެސް ޣައިރު ގާނޫނީ ކަމެއް ކަމަށާއި، އެފަދަ ނިންމުމެއް ބައިނަލްއަގުވާމީ މުޖްތަމައުން ބަލަންވާނީ ވެސް ވަނީ ބާތިލު އަދި އެއްވެސް ބުރަދަނެއް ނެތް ނިންމުމެއް ކަމަށް ވެސް ސަލާމަތީ މަޖިލީހުން ވަނީ ކަނޑައަޅާފައި."
އޭނާ ވިދާޅުވީ ގުދުސްގެ ހައިސިއްޔަތާ މެދު ބައިނަލްއަގުވާމީ ގާނޫނުތައް ދެކޭ ގޮތް ކަށަވަރު ކޮށްދިނުމުގެ ގޮތުން، މި ހަފުތާގެ ކުރީކޮޅު ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 14 މެންބަރުން ވޯޓު ދެއްވާފައިވާ ކަމަށެވެ.
"އަދި މިއަދު އދ.ގެ އާންމު މަޖިލީހަށް ގުދުސްގެ މައްސަލައިގައި ހުށަހެޅިފައިވާ ގަރާރު ފާސްކުރުމުން ވެސް މި މައްސަލައިގައި ބައިނަލްއަގުވާމީ މުޖްތަމައު ދެކޭ ގޮތް ތަމްސީލުވެގެންދޭ. އިޒްރޭލަށާއި އެ ގައުމުގެ ޣައިރު ގާނޫނީ އަމަލުތަކަށް ތާއީދުކުރާ މަދު ގައުމުތަކަށް ވެސް ދޭން އޮތް މެސެޖް ވަރަށް ސާފު؛ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖްތަމައު އޮތީ ވަރަށް ބަދަހިކަމާ އެކު ގުޅިފައި. އަދި އެހެން މީހުންގެ ސަރަހައްދުތައް، ތިމާމެންގެ ގައުމުގެ ބައެއް ކަމުގައި ހެދުމާއި ގައުމުތައް ޣައިރު ގާނޫނީ ގޮތުން ހިފުމަށް އަދުގެ ބައިނަލްއަގުވާމީ ނިޒާމުގައި އެއްވެސް ޖާގައެއް ނެތް،" ޑރ. ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ، އިޒްރޭލު ރައްޔިތުންގެ ކުރިމަގު ބައްޓަން ކުރުމަށާއި މުޅި މެދުއިރުމަތީގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ކުރިމަގު ބައްޓަން ކުރުމަށް ހަރުދަނާ ނިންމުންތަކެއް ނިންމުމަށް އިޒްރޭލަށް ލިބޭ ފުރުސަތެކެވެ.
"އަޅުގަނޑުގެ ސަރުކާރުން އިޒްރޭލަށް ގޮވައިލަނީ، ޣައިރު ގާނޫނީ ގޮތުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފޭބުމަށާއި އަދި އިޒްރޭލާ އިންވެގެން އޮންނަ، އަދި 1967 ވަނަ އަހަރުގެ ސަރަހައްދީ ރޮނގުގެ މައްޗަށް ބިނާވެގެންވާ، އިރުމަތީ ގުދުސަކީ ވެރިރަށް ކަމުގައި ހިމެނޭ ފަލަސްތީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ގާއިމުކުރެވޭ ފަދަ މާހައުލެއް ގާއިމުކޮށްދިނުމަށް. މީގެ ކުރިން ސަލާމަތީ މަޖިލީހުގެ ގަރާރުތަކުން ހޯދައިދީފައިވާ ހައްލަކީ ވެސް އެއީ. އެހެންކަމުން ދިވެހިރާއްޖޭން އިޒްރޭލަށް ގޮވައިލަނީ، ގުދުސާ ގުޅޭ އެންމެހައި ގަރާރުތައް ތަންފީޒު ކުރުމަށާއި އަދި އިޒްރޭލުން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކުން އިޒްރޭލަށް ލާޒިމުކުރާ ކަންތައްތަކަށް ފުރިހަމަ އަށް އިހްތިރާމްކޮށް ދެ ދައުލަތުގެ މައްޗަށް އެކުލެވޭ މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތްތަކަށް މަގުފަހިކޮށްދޭ އޮނިގަނޑަކަށް މިހާރުން ފެށިގެން އެނބުރި އައުމަށް."
ނަސީރު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ސިޔާސަތު ދައުރުވަމުން ދަނީ ގާނޫނުގެ ވެރިކަމާ ދިމާއަށެވެ. މި ހަގީގަތާ ދެކޮޅުހެދޭނެ އެއްވެސް ބާރެއް ނެތް ކަމަށާއި އެކަން ދަމަހައްޓަން ރާއްޖޭން ވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ސަފީރު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ސިޔާސަތުގެ ނާރެސް މިއަދު މިސްރާބު ޖަހާފައިވަނީ ގާނޫނުގެ ވެރިކަމާ ދިމާއަށެވެ.
"އެއްވެސް ގައުމަކީ މި ހަގީގަތް އިހުމާލު ކޮށްލެވޭ ވަރަށް މާ ބާރުގަދަ ގައުމެއް ނޫން. މިއަދު އަޅުގަނޑުމެން މި ފާސްކުރާ ގަރާރުން އުފެދިގެންދާ ހަގީގަތަކީ ވެސް އެއީ. އަދި މި ހަގީގަތް ދާއިމަށް ދެމިއޮންނާނެ ކަން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖެ އަބަދު ވެސް މަސައްކަތް ކުރާނެ."
ޔަމަނުން އދ.ގެ އާންމު މަޖިލީހަށް ހުށަހަޅައި ދިވެހިރާއްޖޭން ކޯ-ސްޕޮންސާ ކުރި މި ގަރާރު މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ފާސްކުރީ 128 ގައުމުގެ ތާއީދާ އެކުގަ އެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެންމެ ނުވަ ގައުމެވެ. އަދި 35 ގައުމެއް މިި ވޯޓުގައި ބައިވެރި ނުވެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ އިރުމަތީ ގުދުސް އަޅުވެތިކުރީ 1967 ގެ ހަނގުރާމައިގެ ތެރޭގަ އެވެ. އެ ބިން އަޅުވެތި ކުރުމަށް ފަހު އިޒްރޭލުން ދައުވާ ކުރަމުން ދަނީ މުޅި ގުދުސަކީ އިޒްރޭލުގެ ވެރިރަށަށް ހަދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދޭސްކުރަން
25 December 2017
ފަލަސްތީނުގެ ހައްގާދިމާއިދިކޮޅަށް އިސްލާމުންނާ ޖައްސާލައިފާވާ ޢެމެރިކާ ރުއްސަން ޔޫއެންގަ ވޯޓްދިން މަދުގައުމުތަކާ ސިޔާސީ ގުޅުންކަނޑާލަން ދިވެހި ރައްޔިތުން އެދޭ ވަރަށް ބޮޑަށް،
މުނާޒު
22 December 2017
ތިހެން ކިތައް ޤަރާރު އިޒްރޭލާ ދެކޮޅަށް ފާސްކޮށްފި ތި އދ.އިން. ކަމެއް ވޭތަ؟ އިޒްރޭލާމެދު އެޅި ފިޔަވަޅެއް ކޮބާ؟ ޤަރާރެއް ފާސްކުރިޔަށް އިޒްރޭލަށް ކުރާނެ އަސަރެއް ނެތް؟ މިހާރުވެސް ތިއޮތީ މުޅި ދުނިޔެ އެކުވެގެން އިޒްރޭލާއި އެމެރިކާ ލަދުން ދެފައި ގާތްނުވާ ވަރުގެ ބޮޑު އަދަދަކުން ފާސްކޮށްފައި! އެކަމަކު ވާނެ އެއްވެސް ކަމެއް ނޯންނާނެ!
އަލީ_
22 December 2017
ގަރާރު ހުށަހެޅީ: ތުރުކީ އާއި ޔަމަން ގަރާރު ކޯ ސްޕޮންސަރ ކުރި ގައުމުތައް ގިނަ ކަމުން މިތާ ނުލިޔެވޭނެ. ގަރާރާއި އެއްކޮޅަށް ވޯޓު ދިނީ 128 ގައުމު. ދެކޮޅަށް ވޯޓު ދިނީ 9 ގައުމު. ވަކި އަތަކަށް ވޯޓުދޭން ބޭނުން ނުވާ ކަމަށް ވޯޓު ދިނީ 35 ގައުމު. ވޯޓުގައި ބައިވެރި ނުވަނީ 21 ގައުމު.
މަހަށް
22 December 2017
ގުދުސްއާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމޭނީ މަޝްވަރާކޮށްގެން ކަމަށް ރާއްޖޭން އަލިފުދާލު ގައި ބުނުމުން ދެން އިންޑިއާ ތަންތަން ޖެހޭނީ މަހަށް ދާން ދޯ. އިންޑިއާ ދެން މަހަށް ދޭބަލަ ތަމެންނަށް މަމެން ދިވެހިންނާއި ވާދަ ކޮށްގެން ކުރި ނުހޯދޭނެއެވެ. މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ ދެން.
ފަރަށް
22 December 2017
ބަލަ އިންޑިއާވެސް މި ގަރާރާ އެއްކޮޅަށް ވޯޓު ދިނޭ؟ އެއީ އަމިއްލައަށް މަހަށްދާން؟
އެޑަމް
22 December 2017
މުސްލިމްހުރިހާ ޤައުމަކުން އިޒްރޭލް ކުއްވެރިކުރާއިރު ދިވެހި ރާއްޖެއިން ކުއްވެރި ނުކޮށްފީއްޔާ ވަރަށް އައިބުވާނެދޯ ކެކެކެކެ އަސްލު ނަސީރު ބުނަން ބޭނުންވާނެ މިރާއްޖޭގެވެސް މިކުރަނީ ޤާނޫނީ ވެރިކަމެކޭ ޣައިރުޤާނޫނީ ވެރިކަމެއްނޫނޭ
ސޮކްތެރެޕީ
22 December 2017
ޔަހޫދީން މަޝްވަރާކޮއްގެން ހަށްލެއްނާންނާނެ އެމީހުން ޖެހޭނީ ފދލނ.
ރާއްޖެ
21 December 2017
ދިވެހިން ފަޚުރުވެރިވާ ފަދަ ވަރުގަދަ ސްޕީޗެއް ކަމުގައި ދެކެން.
ކުޅުދުއްފުށި ހޮޅުއަށިން
21 December 2017
މައްސަލަ ވަރައްސާފު 60 ގެ އަހަރުތަކުގަ އޮތްހިސާބައް ފަހަތައްޖެހެންވީ ނޫންނަމަ ޓުރަންޕު ގަބޫލުކުރަންވީ ފަލަސްތީނުގެ ވެރިރަށަކީ އެމެރިކާގެ ވޮޝިންޓަނުކަމުގަ އެގޮތްގަބޫލު ކޮއްފަ އެމެރިކާނުން ވޮޝިންޓަނުން ވަގުތުން ފައިބަންވީ މިގޮތްކިހިނެއްބާ
ސިންތިލީ ވޫމް
21 December 2017
އަލީ ނަސީރުގެ ހިއްވަރަ ސާބަސް، ކުރިން މަހީޔެއްނުކުރަން މިއަދު އަލީ ނަސީރު ވޯޓް ދޭނެ ނަކަމަކައް.