ވާދޫ ފަޅުތެރޭގައި ހުރި ޖެލީފިޝްތަކެއް -- ފޮޓޯ: ފޭސްބުކް
25 ޑިސެމްބަރ 2017 - 11:14
އަނދިރިވުމާ އެކު ރަށް މުޅިން ދިއްލާލި ރެދަންތަކުން މުޅި ގައުމު ސަމާލު ކަމަށް އައި ރ. ވާދޫން އަނެއްކާ ވެސް އަޖައިބު ކަމެއް ފެންނަން ފަށައިފި އެވެ.
ހަފުތާއެއްހާ ދުވަސް ކުރިން ވާދޫގެ ގޮނޑުދޮށަށް އާދަޔާހިލާފު ރީތިކަމެއް ގެނައި ރެދަންތަކަށް ފަހު، އެ ރަށުގެ ފަޅުތެރެއިން މިހާރު ވަނީ ޖެލީފިޝް (ފިރުއައުނުމުދާ) ފެންނަން ފަށައިފަ އެވެ. އިއްޔެއިން ފެށިގެން ވާދޫ ވަށައިގެން ގޮނޑުދޮށަށް ލައްގަމުން އަންނަނީ ކުދިކުދި ޖެލީފިޝްތަކެކެވެ. އެއިން އެއްޗެއްގެ ބޮޑުމިނުގައި އުޅެނީ ގާތްގަނޑަކަށް އިންޗިއެއް ނުވަތަ ދޮޅު އިންޗި އެވެ.
ރ. ވާދޫ ފަޅުތެރޭގައި ހުރި ޖެލީފިޝްތައް -- ފޮޓޯ؛ ފޭސްބުކް
"މުޅި މޫދުގައި ގިއްނީސް [ވާދޫ މީހުން ޖެލީފިޝް އަށް ކިޔާނަން] އެބައޮތް. އެ އެއްޗެހި އާދަޔާ ހިލާފަށް އިއްޔެ އޮތް. ވަރަށް ކުދިކުދި އެއްޗެހި ހުރީ،" ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ ވިދާޅުވި އެވެ.
އެ އެއްޗެހި ބޮޑަށް ލައްގަމުން ދަނީ އެ ރަށުގެ އިރުމަތީ ފަރާތަށެވެ. ނަމަވެސް އެ ރަށުގެ މީހުން އާންމުކޮށް މޫދަށް އެރިއުޅޭ ސަރަހައްދު ކަމަށްވާ އެ ރަށު ދެކުނު ތުނޑި އަށް ވެސް އެ އެއްޗެހި ލައްގަމުން ދާތީ އެ ސަރަހައްދަށް މިހާރު މޫދަށް އެރިއެއް ނޫޅެއެވެ. ސަބަބަކީ، ޖެލީފިޝް އަކީ މީހެއްގެ ގައިގައި ޖެހިއްޖިއްޔާ ވިހަވުމުގެ ފުރުސަތު އޮތް އެއްޗަކަށް ވާތީ އެވެ.
"މި ރަށްރަށު މީހުން ވަރަށް ހޭލުންތެރިވާނެ އެކަހަލަ ކަންކަމަށް. އެހެންވެ މީހުން މޫދަކަށް ނޭރޭ. މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ވެސް އަދި ނުލިބޭ،" ހުސައިން ވިދާޅުވި އެވެ.
އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅަށް ޖެލީފިޝް ޖަމާވެ އެވެ. އެހެން ނަމަވެސް، މިހާ ގިނަ އަދަދަކަށް އެއް ރަށަކަށް އެއްފަހަރާ ޖެލީ ފިޝް ޖަމާވި ކަމެއް އެނގޭކަށް ނެތެވެ. ހުސެއިން ވެސް ވިދާޅުވީ މިއީ އެ ރަށަށް އާދަޔާ ހިލާފަށް ޖެލީފިޝް ޖަމާވި ފަހަރެއް ކަމަށެވެ.
ރ. ވާދޫ ފަޅުތެރޭގައި ހުރި ޖެލީފިޝްތައް -- ފޮޓޯ؛ ފޭސްބުކް
ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރައްވާ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހާފިޒު ވިދާޅުވީ ކަނޑުގެމަތީ ފަށަލައިގައި ދިރިއުޅޭ ޖެލީފިޝް އާންމު ގޮތެއްގައި އިރުވައި މޫސުމުގައި ރާއްޖޭން ފެންނަނީ ޖެލީފިޝްއަކީ އޮއިވަރާއެކު ދަތުރުކުރާ އެއްޗަކަށް ވާތީ ކަމަށެވެ.
"ޖެލީ ފިޝް އަކީ މޫސުމީ ގޮތުން އަންނަ އެއްޗެއް. އަބަދުވެސް ރާއްޖެއިން ފެނޭ. އޭގެ ތަފާތު ވައްތަރުތައް ފެނޭ،" ހާފިޒް ވިދާޅުވި އެވެ.
ހާފިޒް ވިދާޅުވިގޮތުގައި ވިހައެއް އެކުލެވޭ އެ މަސް މީހުންގެ ކަޅުހަމުގައި ޖެހިއްޖެ ނަމަ ވިހަވެގެން ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. މީގެ ކުރިން އެފަދަ ހާދިސާތައް ހިނގާފައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ވާދޫގައި ރެދަން ލުމާއި ޖެލީ ފިޝްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދޭއްޗަކީ ވެސް އޮއިވަރާ އެކު އަންނަ ދޭތި،" އޭނާ ވިދާޅުވި އެވެ.
ރެދަނަށް ފަހު ވާދު އަށް ގިނަ އަދަދަކަށް ޖެލީފިޝް ޖަމާވަމުން އަންނައިރު ރެދަން ލީ ދުވަސްވަރު އެ ރަށަށް ވަރަށް ބޮޑު މަގުބޫލް ކަމެއް ލިބުނެވެ. އާދަޔާހިލާފަށް ރެދަން ލުން މިހާރު ވަނީ ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަ
26 December 2017
ވާދޫގައި ރެދަން ލުމާއި ޖެލީ ފިޝްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބައެއްބޭފުޅުން ވިދާޅުވިޔަސް މިއީ ހަމަ އެއްކަމެކެވެ. ފުރަތަމަ ފެނުނު ރެދަނަކީ ބިހެވެ. މިހާރު ބިސްތައް ވިހައިގެން ޖެލީފިޝްތައް ދުވަނީއެވެ.
އަމާ
27 December 2017
ސައިންޓިސްޓެއް. ވަރަސް އަވަހަށް ބިހުން އޭގެ އަސްލު ސައިޒަށް ބޮޑުވާ ޖެލީފިޝްއެއް.
ހާސްބައި
26 December 2017
ތީކީ އަޖައިބުވާންވީ ކަމެއްނޫން! އަހަރުމެންކުދިއިރު ހަމަކޮންމެ އަހަރަކުވެސް އެއްމޫސުމުގައި ތިއެއްޗިހި ލައްގާ.. ތީގައަތްލީމާ ބައެއްމީހުންގެ ހަންގަނޑު ހިރުވާނެ.. އަނެއބައިމީހުންގެހހަމުގައި ބޮޑެތިފިއްގަނޑުވެސްނަގާ... އާންމުކޮށްމިހެންލައްގާ ޖެލީފިޝްއަށް ޖުމްލަނަމެއްގޮތުގައި ކިޔާއުޅެނީ ފިރުއައުނުމުދާ..
އަލީ ނާޒިމް
26 December 2017
ބަލަ އަޖައިބު ވާ މީހުން ޙޭވެސް ނެތޭނެ.
އަސްލުވެސް
26 December 2017
ހާދަ ރީއްޗޭ. ރާއްޖޭގައި ވާ މިކަހަލަ އަޖައިބު ރީތި ކަންތައްތައް އަދިވެސް މިހާރު ނޫހުން ގެނެސްދޭނެ ކަމަށް ހީކުރަން. މިއީ އެއް ބަޔަކަށް ބާ މަންޒަރެއް ނަމަވެސް ވަރަށް ގިނަ ބަޔަކަށް އާ މަންޒަރަކަށްވެސް ވާނެ. އެއްބައެއްގެ މާޒީ އެއީ އަނެއް ބައެއްގެ މިހާރު. އެކި މީހުންނަށް އެކި ހަރުފަތަށް އެރޭނީ އެކި ޒަމާނުގައި އެކި ދުވަހުން. އެކި ހަގީގަތާ ހަމައަށް ދެވޭނީ އެކި ދުވަހުން. އެ ގޮތުން ކޮންމެ ޚަބަރަކީވެސް އާ ޚަބަރެއް ކޮންމެވެސް ތަނެއްގައި ހުރި ކޮންމެވެސް މީހަކަށް.
އަރީފު
26 December 2017
ބުލޫ ބަޓަން ޖެލީ ފިޝް އަކީ އިންސާނުންގެ ހަމުގައި ޖެހިއްޖެނަމަ ކަހައި ހިރުވާގޮތެއްވާ އެއްޗެއް.
ހަވަރު
25 December 2017
ރަންދިޔެ މަލެ
ތިލޯފުޅި
25 December 2017
ޖެލީފިޝްއާ މިބާވަތުގެ އެހެނިހެންތަކެތި ވަކިކުރައްވާ ލިޔުއްވާ! ތިޔަހެން ހެއްދެވީމާ އަދުގެ އަދި މާދަމާގެ ޖީލަށްއެބައޮޅޭ! ވިސްނަވާ! ޖެލީފިޝްއޭ ކިޔާތީ އަޅުގަނޑު އަޑުއަހަނީ ރާއްޖޭގައި މިކިޔާ ފިރުއައުނުމުދަލަށް. އަދި ސީދާ އެނޫނަސް ޖެލީގޮތަށްހުންނަ އޭގެތެރެއިން އެއްފަރާތުން އަނެއްފަރާތް ފެންނަ އެއްޗިއްސަށް. ނަމަވެސް ފޮޓޯގައި އެވަނީ ޖެލީފިޝްއެއްނޫން. އެއަށް ރާއްޖޭގެ އެކިރަށްރަށުގައި ކިޔާއުޅެނީ އެކިނަންނަން. އެއީ ދިވެހިބަހުގެ މުއްސަނދިކަން. އަހަރެމެން އެއަށްކިޔަނީ ގިންނިހި. ގިންނިއްސަކީ އޭގައި ޖެހުނަސް އަތްލިޔަސް ދިލަނަގާ އެއްޗެއްނޫން. ތަންކޮޅެއްކުރީ އިރުވައިތަކުގައި ގިންނިއްސާއެކު ތިލޯފުޅި ( ފެންމައްޗަށް ބޮތްކެއްގޮތަށް ބައެއްއޮވެފައި ދިގު ރުވަލެއްލާފައި އޮންނަ އެއްޗެއް، އެޖެހުނީމައި ދިލަނަގާ ކަހާހިރުވާ ފިތްނަގާނެ) މިފަދަ އެއްޗެހި އަންނާނެ. މިއަދު ކޮންމެ އެއްޗެއް ތިޔަބުނާކޮންމެސް މީޑިޔާއެއްގައި ޖެހުމުން އާކަމަކަށް ވިޔަސް ތީކީ އަހަރެމެންނަށް ނުފެންނަ އެއްޗެއްނޫން. ވަރަށް ސަލާން
ޑީސީ
25 December 2017
ތިމީހުން އަޖައިބު ތިވަނީ ދުނިޔޭގަ ލައްވާފައިވާ އެއްޗިއްސާއިމެދު ފިކުރުނުކުރާތީވެ ފިކުރު ކުރާނަމަ ތިބައިމީހުން ހައިރާންވެ އަންތަރީސް ވީސް ކަންޔަގީން
ހާފިޒޫ
25 December 2017
"ޖެލީ ފިޝް އަކީ މޫސުމީ ގޮތުން އަންނަ އެއްޗެއް. އަބަދުވެސް ރާއްޖެއިން ފެނޭ. އޭގެ ތަފާތު ވައްތަރުތައް ފެނޭ،" ހާފިޒް ވިދާޅުވި އެވެ."މި ދޭއްޗަކީ ވެސް އޮއިވަރާ އެކު އަންނަ ދޭތި،" އޭނާ ވިދާޅުވި އެވެ.... ދެން އެހެން ރަށްރަށުން ނުފެންނަނީ ކީއްވެ؟؟؟
ހައްހައްހާ
25 December 2017
ހުރިހާ ރަށެއް އޮންނަނީ އެއްތާކު ނޫނެއްނު.
ވާދޫ ދަންނަކަލޭފާނު
25 December 2017
އެހެން ރަށްރަށުންވެސް ފެނޭ، މީޑިއާ އަށް ތިލަނުކުރާތީ ވައިރަލް ނުވަނީ
ވިސނުން
25 December 2017
މިއީ ސިހުރުވެރިކަމެތް.... މުސްކުޅިން ބުނެއުޅޭ ބަހުގަވެސް ބަރުދަން ހުރޭ... މި ޒަމާނުގެ ސައިންސްގެ އަލީގަ އެބަ އިނގޭ މިހެން ވަނީ ކީއްވެގެކަން... އެކަމަކު އާދަޔާ ހިލާފައް މީހަކު އަންތަރީސް ވާވަރައް މިކަންތައްތައް ދިމާވުމަކީ ނުބައި ފާލެއް... މެޑިކަލް ސައިންސްގެ އަލީގަ އަހަރަމެންނައް އެބަ އިނގޭ ޖިންނި މޮޔަވާ މީހުންގެ ސިކުނޑިއައް އަންނަ ބަދަލުތައް... އެހެންވަނީ ކީއްވެ ތޯ, އެއީ ސުވާލަކީ....
ޙުނު
25 December 2017
ތީ މޫދުމަލެއްނުން؟