ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށް، ވިދާ ބަބުޅާ ނޫކުލައިގެ ރީތި ތަރިތަކެއްހެން ޖަރީވެފައި އޮއްވާ ނެގި ފޮޓޯއެއް ހަނދާންވޭ ހެއްޔެވެ؟ ދުނިޔޭގެ ސަމާލުކަން ވެސް ހުއްޓުނު އެ ފޮޓޯއަކީ މާލެ އަތޮޅު ވާދޫ ރިސޯޓުގެ ގޮނޑުދޮށެވެ. އެކަމަކު މިހާރު ރ. ވާދޫ ގޮނޑުދޮށުން ވެސް ރޭގަނޑުގެ ވަގުތުގައި ފެންނަނީ އެ ހިތްގައިމު މަންޒަރެވެ.

ރޭގަނޑުގެ ވަގުތުގައި ވާދޫގެ ގޮނޑުދޮށް އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފަ އެވެ. އިރުއޮއްސި އަނދިރިވުމާއެކު، އެ ރަށު ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެ އެވެ. އަދި އިރު އަރަންދެން ރަށުގެ ވަށައިގެންވާ ގޮނޑުދޮށުން ފެންނަނީ މި އަލިކަމެވެ.

ރ. ވާދޫގައި ރެދަންލާފައި--
ރ. ވާދޫގައި ރެދަންލާފައި--

"ރެދަން ލުމަކީ ތާރީހީ ގޮތުން ވެސް މި ރަށުގައި ފާހަގަކޮށްލެވޭ ކަމެއް. އެކަމަކު މިހާރު ރެދަން ލައިގެން މި އުޅެނީ އެހެން ފަހަރުތަކަށް ވުރެ ބޮޑަށް، މާ ރީއްޗަށް،" ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ ވިދާޅުވި އެވެ.

"ރޭގަނޑު ވުމާއެކު ގޮނޑުދޮށް ވިދާ ބަބުޅަން ފަށާ،"

ވާދޫ ވަށައިގެންވާ ގޮނޑުދޮށުގައި ރެދަން ލީ ނަމަވެސް، މަންޒަރު އެންމެ ރީތިކޮށް ފެންނަނީ އެ ރަށުގެ އިރުމަތީ ފަރާތުންނެވެ. އިރުއޮއްސުމާއެކު ރާޅުފަށުގައި ހުންނަ ނޫކުލައިގެ އަލިކަން ވިދަވިދާ ހުރެ އެވެ. އެކަމަކު އެ އަލި އެންމެ ގަދަވަނީ ރާޅު ބީއްސާލާފައި ދަމާލާ ވަގުތުގަ އެވެ. އެ ވަގުތު މުޅި ގޮނޑުދޮށް ފެންނަނީ ނޫކުލަ އިން ދިއްލިފައިވާ ސާލެއް ވައިރޯޅިއަކާ އެކު ހަރަކާތްކުރާ ފަދަ އިންނެވެ.

ރ. ވާދޫގައި ރެދަންލާފައި.
ރ. ވާދޫގައި ރެދަންލާފައި.

މިގޮތަށް ވާދޫގައި އެންމެ ފަހުން ރެދަންލީ 2013 ވަނަ އަހަރު އެވެ. އޭރު ގިނަ މީހުންގެ މާ ބޮޑު ސަމާލުކަމެއް ނުލިބެ އެވެ. އެކަމަކު ކައުންސިލުން ބުނި ގޮތުގައި މިފަހަރު ރެދަން ލާން ފެށުމުން އެ މަންޒަރު ބަލާލަން ގޮނޑުދޮށަށް އެއްވާ މީހުން އެ ސަރަހައްދުން ހުސްނުވެ އެވެ.

"ފޮޓޯ ނަގާށާ މަންޒަރު ބަލާލަން އަދި މަޖާކޮށްލަން ގޮނޑުދޮށަށް ވަރަށް ގިނަ މީހުން ޖަމާވޭ. ކައިރި ރަށްތަކުގެ މީހުން ވެސް ދަތުރު ހަދާފައި މި މަންޒަރު ބަލަން އެބަ އާދޭ،" ހުސައިން ވިދާޅުވި އެވެ.

ރ. ވާދޫގައި ރެދަންލާފައި ވަނިކޮށް މީހަކު ފޮޓޯއަކަށް ހުއްޓިގެން
ރ. ވާދޫގައި ރެދަންލާފައި ވަނިކޮށް މީހަކު ފޮޓޯއަކަށް ހުއްޓިގެން

އޭނާ ބުނީ ކުރިން މިއީ މީހުން ޖެހިލުންވާ އަދި ބިރުވެރި މަންޒަރެއް ނަމަވެސް، މިހާރުގެ ޒުވާނުންނާ ކުޑަކުދިންނަށް މިކަން ވަރަށް ޝައުގުވެރި ކަމަށެވެ.

"ހަގީގަތުގައި ވެސް ވަރަށް ޝައުގުވެރި މަންޒަރެއް މިއީ. އަޅުގަނޑުމެން ކުޑައިރު ރެދަންތަކުގެ މައްޗަށް މޫދަށް އެރި، މުޅި ގައި ދިއްލާލައިގެން އުޅެން. މިހާރު ވެސް ރާޅު ފަށުގައި ހިނގައިލާއިރު ފިޔަވަޅު ވެސް ދިއްލޭނެ،" ހުސައިން ވިދާޅުވި އެވެ.

ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. މިއީ ވަކި މޫސުމަކަށް މޫދުގައި ގިނަވާ ސުއިއްޕެކެވެ.