ރ. ވާދޫގައި ރިސޯޓެއް ހެދުމަށް ދިވެހި ކުންފުންޏަކަށް ދޫކޮށްފައިވާ ތިން ހެކްޓަރުގެ ބިމުގެ އެއްބަސްވުމަށް ބަދަލު ގެނެސް، އެ ބިން ތަރައްގީ ކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.

ޓޫރިޒަމްގެ ބޭނުމަށް، ވާދޫން ތިން ހެކްޓަރުގެ ބިން ތަރައްގީ ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން 2016 ވަނަ އަހަރު ހަވާލުކުރީ ފާލަން ހޯލްޑިންސްއާ އެވެ. އެކަމަކު، އެ އެއްބަސްވުމަށް ބަދަލު ގެނެސް، މިހާރު މި ބިން ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ އެމް ޓުވެންޓީ ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏަކާ އެވެ.

މާލޭގެ މާގިރި ހޮޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާދޫ ކައުންސިލުން ވަނީ ސިންގަޕޫރުގެ ކުންފުންޏާ އެކު މި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ކައުންސިލްގެ ރައީސް ހުސެއިން އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ މި އެއްބަސްވުމަށް ބަދަލު ގެންނަ ޖެހުނީ، މި މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރި ދިވެހި ކުންފުނީގެ އިންވެސްޓްމަންޓް ކޮވިޑް-19އާ ގުޅިގެން ގެއްލިފައި ވުމުން، އެ ކުންފުނިން މި މަސައްކަތުގެ ލީސް، ސިންގަޕޫރުގެ ކުންފުންޏާ ހަވާލުކުރަން އެދުމުން ކަމަށެވެ.

ރ. ވާދޫގެ ތިން ހެކްޓަރުގެ ބިމުގައި ރިސޯޓެއް ހެދުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރުމަށް މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު.
ރ. ވާދޫގެ ތިން ހެކްޓަރުގެ ބިމުގައި ރިސޯޓެއް ހެދުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރުމަށް މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު.

"މި މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާނެ ކަމުގެ ޔަގީންކަން ސިންގަޕޫރުގެ ކުންފުނިން ވަނީ ދީފައި. އަދި މި މި މަސައްކަތް އަވަސް ކުރަން އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީއާ ވެސް ވާނީ ބައްދަލުކޮށްފައި،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި މަޝްރޫއު ޕްލޭންކޮށް، ކޮންސެޕްޓް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ވާދޫގެ އުތުރު ފަރާތުގައި ރިސޯޓެއް ހަދަނީ ހަތަރު ތަރީގެ ފެންވަރަށެވެ. މި ރިސޯޓުގައި 25 ބީޗު ވިލާ އާއި 25 ގާޑެން ވިލާއެއް ހަދަން ވަނީ ނިންމައިފަ އެވެ.