ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ތަށި ހޯދުމުގެ އަމާޒުގައި ތައްޔާރުވަމުން އަންނަ ރާއްޖޭގެ ޒުވާން ޓީމު ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމު ބަލި ކޮށްފި އެވެ.
ޗޯ ޗޫ ކަންގް ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.
މިއީ ރާއްޖޭގެ ކޯޗުކަމާ ތިންވަނަ ފަހަރަށް ހަވާލުވި އުރްބާނީގެ ބެލުމުގެދަށުން ރާއްޖޭން ކުރިމަތިލި ފުރަތަމަ މެޗެވެ. ދިވެހި ޓީމެއް ގޮވައިގެން 12 އަހަރަށް އޭނާ ނުކުތް ފުރަތަމަ މެޗަކީ ރޭ ގެ މެޗެވެ. އުރްބާނީ ތިންވަނަ ފަހަރަށް ރާއްޖެ އައީ ގައުމީ ސީނިއާ ޓީމުގެ ހެޑް ކޯޗުކަމުގެ އިތުރަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގެ މަސްއޫލިއްޔަތާ ވެސް އެކު އެވެ.
މި މަހު ރާއްޖޭގައި ބާއްވާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމަށް އިރުޝާދު ދޭނީ ވެސް ހަންގޭރީ އަށް ނިސްބަތްވާ އުރްބާނީ އެވެ.
އިއްޔެގެ ރާއްޖޭގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އިލާން އިމްރާނާއި އީތަން އިބްރާހިމް ޒަކީ އަދި އަހުޒަމް ރަޝީދުގެ އިތުރުން، އަލްހާން ފައިސަލް އަމީން އެވެ.
ހަފްތާއެއްގެ މުއްދަތަށް ރާއްޖޭގެ ޓީމް ސިންގަޕޫރުގައި ކޭމްޕް ކުރަން ފުރާފައި ވަނީ ހުކުރު ދުވަހު އެވެ. ސިންގަޕޫރުގެ ޓީމާ އެކު ރާއްޖޭން ކުޅޭ ދެވަނަ މެޗު އޮންނާނީ ބުދަ ދުވަހު އެވެ. އެ މެޗަށް ފަހު ޓީމު މާލެ އަންނާނީ ބުރާސްފަތި ދުވަހު އެވެ.
ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމުން ތައްޔާރުވަމުން އަންނަނީ އާސިއާން ގައުމުތަކުގެ 19 އަހަރުން ދަށުގެ މުބާރާތަށެވެ. އިންޑޮނޭޝިއާގައި ބާއްވާ އެ މުބާރާތް އޮންނާނީ ޖޫން 1-14 އަށެވެ.
މި މަހު 23 އިން އަންނަ މަހުގެ ހަތަރަކަށް ގަލޮޅު ދަނޑުގައި ބާއްވަން ހަމަޖެހިފައިވާ ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ތައްޔާރުވާން ފެށީ އެ އުމުރުފުރާގެ ކުޅުންތެރިންނަށް ހުޅުވާލި ޓްރެއަލް އަކުންނެވެ. ޖެނުއަރީ މަހު ކުރިއަށް ގެންދިޔަ އެ ޓްރެއަލް އަށް 150 ވުރެ ގިނަ ކުޅުންތެރިން ހާޒިރުވި އެވެ.
ސާފްގެ މެންބަރު ހަތް ގައުމުން ވެސް ވާދަކުރާ މުބާރާތުގެ ގުރޫޕް އޭ ގައި، ރާއްޖެއާ އެކު ލައްވާލީ ލަންކާ އާއި ބުޓާން އަދި ނޭޕާލެވެ. ގުރޫޕް ބީ ގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.