ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ނާކާމިޔާބީއަކާ އެކު ރާއްޖެއަށް ނިމުނަސް، އެއީ ނިމުމެއް ނޫން ކަމަށާއި އެއީ އުއްމީދީ ފެށުމެއް ކަމަށް ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ބުނެފި އެވެ. 

މިއަދު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ޒުވާން ޓީމަށް ވަނީ މުބާރާތް ނިމިފަ އެވެ. ރާއްޖެއިން މުބާާތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާ އެކު އެވެ.

މެޗަށް ފަހު ޕީއެސްއެމްއާ ވާހަކަދައްކަމުން އިލާން ވަނީ ޓީމުގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތަށާއި ސަޕޯޓަރުން ދިން ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. 

އޭނާ ބުނީ މުބާރާތަށް ތައްޔާރުވުމަށް ލިބުނު ކުރު މުއްދަތުގައި ވެސް ރާއްޖެއިން ނުކުތީ ރަނގަޅު ތަމްރީނުތަކަކާ އެކު ކަމަށެވެ. މުބާރާތުން ވަކިވާން ޖެހުމުގެ މާޔޫސްކަން އޮތް ނަމަވެސް، އިލާން ބުނި ގޮތުގައި މިއީ ކުރިއަށް އޮތް ތަނަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

"މިއީ އަދި ނިމުމެއް ނޫން، މީ އަދި ފެށުމެއް އިންޝާﷲ. އަންނަ އަހަރުވެސް، މިއަހަރުވެސް އޮންނަ މުބާރާތްތަކުގައި އަޅުގަނޑުމެން އިތުރަށް މަސައްކަތްކޮށް ވާދަކުރާނަން،" މާޒިޔާގެ ފޯވާޑް ބުންޏެވެ.

ތިން މެޗުގައި ވެސް ސަޕޯޓަރުންގެ ފަރާތުން ފެނުނު ފޯރިއަށް އިޝާރާތްކޮށް އޭނާ ބުނީ، ދަނޑު ފުރާލައިގެން ސަޕޯޓަރުން ދިން ހިތްވަރަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފުރަތަމަ މެޗާ އަޅާބަލާއިރު ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވިކަން އޭނާ ފާހަގަކުރި އެވެ. އުއްމީދީ ކުޅުންތެރިޔާ ބުނީ އެއްރޭ ތެރެއިން ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

"ހަމަ އެއް ރެއިން ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބެއް ނުކުރެވޭނެ. މިއީ ސާފު ވިސްނުމަކާ އެކު މަޑުމަޑުން ކުރެވޭނެ ކަމެއް. މިއީ ހަމަ މަޑުމަޑުން ސްޓެޕް ބައި ސްޓެޕް ޕްރޮސެސްއެއް،" އިލާން ބުންޏެވެ.