ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގެ މިއަދު ހަވީރު ރާއްޖެއާ 1-1 އިން އެއްވަރުކޮށް ގުރޫޕްގެ އެއްވަނަ ނޭޕާލުން ހޯދައިފި އެވެ.
މެޗަށް ނުކުތްއިރު ވެސް ނޭޕާލަށް އޮތީ ސެމީގެ ޖާގައެއް ކަށަވަރުވެފފަ އެވެ. އެކަމަކު މެޗުން ހޯދި ޕޮއިންޓާ އެކު ޖުމުލަ ހަތް ޕޮއިންޓާ އެކު ނޭޕާލަށް ވަނީ ގުރޫޕްގެ އެއްވަނަ ކަށަވަރު ވެފަ އެވެ.
ގުރޫޕްގެ ދެވަނަ ހޯދަން ވާދަކުރަނީ މިހާރު ވެސް ތިން ޕޮއިންޓާ އެކު ދެވަނައިގައި އޮތް ލަންކާ އާއި އެއް ޕޮއިންޓް ހޯދާފައިވާ ބޫޓާނެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ލަންކާ އަށް ސެމީގެ ޖާގަ ކަށަވަރުވާނެ އެވެ. ބޫޓާނަށް ޖެހޭނީ މޮޅުވާށެވެ.
މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި މުހައްމަދު އިލާޏް އިމްރާން ޖަހައިދިން ލަނޑާއެކު ރާއްޖޭން ލީޑް ނެގި އެވެ. އެ ލިޑްގައި މެޗުގެ 86 ވަނަ މިނެޓާ ހަމައަށް ރާއްޖޭން ހިފެހެއްޓި އެވެ.
ނޭޕާލް ބަލިވުމުން ސަލާމަތްވީ މެޗުގެ 90 މިނެޓް ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ނިޝާންރާޖް ލަވަތު ޖަހައިދިން ލަނޑުންނެވެ.
މުބާރާތުގައި ކުޅުނު ތިން މެޗުން ރާއްޖެ އަށް ލިބުނީ ދެ ޕޮއިންޓެވެ.