ސާފް 20 އަހަރުން ދަށުގެޗެމްޕިއަންޝިޕްގައި ބޫޓާނާއި ރާއްޖެ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
އެ މެޗު އެއްވަރުވުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ކުޅިބަލަންތިބި ނޭޕާލްގެ ޓީމަށެވެ. އެ ނަތީޖާއާ އެކު އެ ޓީމު ވަނީ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފަ އެވެ.
މެޗު އެއްވަރުވުމުން ރާއްޖެ އާއި ބޫޓާނަށް ވެސް ސެމީ ފައިނަލަށް ދިއުމުގެ ހަމަހަމަ ފުރުސަތެއް އެބައޮތެވެ. އެކަމަކު މި ދެ ޓީމަށް ވުރެ އެ ފުރުސަތު އެންމެ ބޮޑަށް ފަހިވެފައި އޮތީ ތިން ޕޮއިންޓާ އެކު އޮތް ސްރީ ލަންކާ އަށެވެ.
ސެމީ އަށް ދާނަމަ ރާއްޖެ އާއި ބޫޓާނުން ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ އެވެ. ސެމީ އަށްދާނަމަ ރާއްޖޭން ޖެހޭނީ ނޭޕާލް ބަލި ކުރުމަށް ފަހު ލަންކާ އާއި ބޫޓާން މެޗުގެ ނަތީޖާ އަށް އިންތިޒާރު ކުރާށެވެ. އެ ދެ މެޗު ވެސް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ރާއްޖެ އާއި ނޭޕާލްގެ މެޗު ހަވީރު ކުޅުމަށް ފަހު ރޭގަނޑު ބޫޓާން އާއި ލަންކާ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ރާއްޖޭގެ އިލާން އިމްރާން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ވަނީ ނާކާމިޔާބުވެފައެވެ.
ފުރަތަމަ ހާފުގައި ބޫޓާނުން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ތިބެ އެވެ. އެހެންވެ އެ ހާފުގެ ގިނަ ވގުތު ބޯޅަ އޮތީ ބޫޓާން ފަޅީގަ އެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ކައުންޓަ އެޓޭކްގައި ފުރުސަތުތައް އެ ޓީމުން ވެސް އުފެއްދި އެވެ.
މެޗުގެ ފަހު 20 މިނެޓަށް އެޅުނު އިރު ދިވެހި ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނެވެ. އޭގެ ފައިދާ ނަގައި ބޫޓާނުން ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަ ކުރި އެވެ. ރާއްޖޭގެ ގޯލަށްނުރައްކާ ކުރިއެވެ.
އިތުރު ވަގުތުގެ އަށް މިނެޓާ އެކު މެޗުގެ ފަހު 15 މިނެޓްތެރޭގައި ބޫޓާންގެ ސޯނަމް ދޯޖީ ފޮނުވާލި ބާރު ހަމަލާއެއްވެސް ވަނީ ރާއްޖޭގެ ގޯލުގެ ދަނޑީގައި އަމާޒުވި އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޫޓާންގެ ގޯލްކީޕަރު ތަންޑިން ޕެންޖޯއެވެ. އޭނާ ވަނީ ރާއްޖެއިން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.