މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި، ގްރޫޕް އޭގެ ފަހު މެޗުން ސްރީލަންކާ 1-0 އިން ބަލިކޮށް، ބޫޓާނުން ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

މި މެޗުން އެއްވަރުކޮށްލައިގެން ވެސް ސެމީއަށް ދިއުމުގެ ފުރުސަތު ލަންކާ އަށް އޮތެވެ. ނަމަވެސް، ބޫޓާނުން އެ ފުރުސަތެއް ލަންކާއަކަށް ނުދިނެވެ.

ވަރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފަހު ވަގުތު ލަނޑު ޖަހައި ލަންކާގެ އުއްމީދުތައް ބޫޓާނުން ފުނޑުފުނޑުކޮށްލި އެވެ. ބޫޓާނަށް މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޖަހައިދިނީ، ދެންޑަޕް ގިލްޝެން އެވެ. ތަންޑިން ސެވަން ނަގައިދިން ރީތި ހުރަސް ގިލްޝަން ބޮލުން ފޮނުވާލީ ލަންކާގެ ޑިފެންޑަރު ކައިރީގައި ހުއްޓަ އެވެ.

މިއަދު ހަވީރު ނޭޕާލާއި ރާއްޖެ ބައްދަލުކުރި މެޗު އެއްވަރުވުމުން ނޭޕާލަށް ވަނީ ގްރޫޕްގެ އެއްވަނަ ކަށަވަރުވެފަ އެވެ. މުބާރާތުގެ ސެމީ ފައިނަލުން ހުރިހާ ޖާގައެއް މިހާރު ވަނީ ކަށަވަރު ވެފަ އެވެ. ގްރޫޕް ބީ އިން ސެމީގެ ޖާގަ ހޯދާފައިވަނީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމު ކަށަވަރުވާނީ މާދަމާ ހަވީރު ބަންގްލަދޭޝާއި އިންޑިއާ ބައްދަލުކުރާ ގްރޫޕް ސްޓޭޖުގެ ފަހު މެޗުންނެވެ. މި ދެ ޓީމު ތެރެއިން ކުރި ހޯދާ ޓީމަކަށް ގްރޫޕްގެ އެއްވަނަ ލިބޭނެ އެވެ.، އެ ޓީމެއް ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ބޫޓާނާ އެވެ. އަދި ގްރޫޕް ބީގެ ދެވަނަ ޓީމު ސެމީގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ނޭޕާލާ އެވެ.