ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ދެވަނަ ސެމީ ފައިނަލްގައި ބޫޓާންގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި، އިންޑިއާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރާއްޖޭގައި ކުރިއަށްދާ މި މުބާރާތުގައި އިންޑިއާއިން ވަނީ މެޗުގެ ކުރީކޮޅުން ފެށިގެން ވަރަށް ވަރުގަދަ ކުޅުމެއް ދައްކާފަ އެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި އޯމަންގް ދޯޑަމް ވަނީ އިންޑިއާ އަށް ފުރަތަމަ ލަނޑު ޖަހައިދީ ލީޑު ނަގައިދީފަ އެވެ. މި ލަނޑަކީ ބަންގްސަން ފޮނުވާލި ދިގު ޕާހަކުން، ރޯހަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޯމަންގް ކާމިޔާބުކުރި ރީތި ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޑިއާއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާފަ އެވެ. މި ލަނޑު އަރުބާޝް ޖެހީ އޯމަންގް ތަނަވަސްކޮށްދިން ހިތްގައިމު ފުރުސަތަކުންނެވެ. މިއީ މި މުބާރާތުގައި އޯމަންގްގެ ފަސްވަނަ ގޯލް ކޮންޓްރިބިއުޝަނެވެ.
ދެވަނަ ހާފު ފެށިގެން އިންޑިއާއިން އިތުރަށް ކުޅުން ވަރުގަދަކޮށް، ރޯހަން ސިންގް ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ. މި ލަނޑު ޖެހުމުގައި އަރުބާޝްގެ އެހީތެރިކަން ލިބިފައިވާއިރު، އޭގެ މިނެޓެއް ވެސް ނުވަނީސް އަރުބާޝް ދިން ތްރޫ ޕާހަކުން ރޯހަން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-0 ށް ބަދަލުކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި އިންޑިއާގެ ފަސްވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަލެމްންގަމްބާ ސިންހް އެވެ.
ހަތަރުވަނަ ލަނޑަށް ފަހު އިންޑިއާގެ ކުޅުންތެރިންނަށް ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުވުމަށްފަހު، މަލެމްންގަމްބާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފައެވެ. މި ކާމިޔާބީއާއެކު އަންނަ ހުކުރު ދުވަހު އޮންނަ ފައިނަލް މެޗުގައި އިންޑިއާ ބައްދަލުކުރަން ޖެހޭނީ ބަންގްލަދޭޝްއާ އެވެ.
މިއަދު ހަވީރު ނޭޕާލްގެ މައްޗަށް ކާމިޔާބު ހޯދައި ބަންގްލަދޭޝް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފަ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ފައިނަލުގައި ކުޅުނީ މި ދެ ގައުމެވެ.