ފޯރިގަދަ މެޗުގައި، ވާދަވެރި ޕާކިސްތާން 0-3 އިން ބަލިކޮށް އިންޑިއާ ސާފް 20 އަހަރުންދަށުގެ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން ފެށުން ވަރުގަދަ ކޮށްފި

އަދި މިއަދު މެޗުން މޮޅުވުމުން ތިން ޓީމު ހިމެނޭ ގުރޫޕް ބީ ން، ސެމީ ފައިނަލުގެ ޖާގަ އިންޑާއި އާއި ބަންގްލަދޭޝް އަށް ވެސް ވަނީ ކަށަވަރު ވެފަ އެވެ. މެޗާ އެކު ޕާކިސްތާނަށް މުބާރާތް ނިމުނީ އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ މުބާރާތުގައި ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފެށިގެން އެންމެ ތިން މިނެޓުގެ ތެރޭގައި އިންޑިއާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޖެހީ ގުރްނާޖް ސިންގް ގްރެވަލް ތަނަވަސްކޮށްދިން ފުރުސަތަކުން ވިޝާލް ޔާދަވްއެވެ.

އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި އޮމަންގް ޑޮޑުމް ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން އިންޑިއާގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ ނަތީޖާ ކަށަވަރުކޮށްދިން ފަހު ލަނޑު، 88 ވަނަ މިނެޓުގައި ޖަހައި ދިނީ ޑޮޑުމް އެވެ.

އިންޑިއާ އާއި ބަންގްލަދޭޝަށް ދެން އޮންނާނީ އެ ދެ ޓީމު ބައްދަލު ކުރާ ގުރޫޕް ސްޓޭޖްގެ މެޗެވެ. އެ މެޗުން ގުރޫޕްގެ އެއްވަނަ ޓީމު ކަށަވަރު ވާނެ އެވެ. އެ މެޗު އޮންނާނީ ހޮބިހިރު ދުވަހުގެ ހަވީރު އެވެ.