މެޗުގެ ހުރިހާ ޓިކެޓެއް އިއްޔެ ރޭ ވަނީ ވިކިހުސްވެފަ އެވެ. އެކަމަކު އިއްޔެ ހެނދުން ފެށިގެން، މެންދުރުގެ އެންމެ ދިލަގަދަ ގަޑީގައި ވެސް ދަނޑުގެ ކައުންޓަރު ދޮށުގައި ޓިކެޓެއް ލިބިދާނެ ކަމުގެ އުއްމީދުގައި ގިނަ ބަޔަކު ތިއްބެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ބަންގްލަދޭޝް ޓީމަށް މާލޭގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުން ދެމުން އަންނަނީ ސާބަސް ހައްގު ތަރުހީބެކެވެ. އިއްޔެ އިންޑިއާއާ 1-1 އިން ބަންގްލަދޭޝް އެއްވަރުވި މެޗަށް އެ ގައުމުގެ ހަތަރު ހާހެއްހާ ސަޕޯޓަރުން ވަނެވެ.

ދެކުނު ފަރާތު ސިޑިބަރި އާއި، އުތުރު ފަރާތު ސިޑިބަރީގައި އިތުރުން ގޮނޑިބަރި އެ މީހުން ހަމައެކަނި ފުރާލީކީ ނޫނެވެ. ހަޅޭކާއި، ފޯރިން ދަނޑަށް ގުޑުން އަރުވާލީ އެވެ. ބަންގްލަދޭޝް ކުޔުންތެރިޔަކު ކުރިއަށް ފޮނުވާލާ ކޮންމެ ބޯޅައަކާ އެކު، އަދި ދިފާއުކުރާ ކޮންމެ ހަމަލައާ އެކު ސަޕޯޓަރުން އުތުރިއަރައިގަނެ އެވެ. ގަލޮޅު ދަނޑު އިއްޔެ ތަޖުރިބާކުރީ އޭގެ އެންމެ ރަން ޒަމާނުގެ ދުވަސްތަކުގެ އިހުސާސެވެ. 

"ހަގީގަތުގައި ވެސް އަހަރެމެންގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ސަޕޯޓަރުންގެ ފަރާތުން،" ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗު އަތީގުއްރަހްމާން ބުންޏެވެ.

"ވަރަށް ބޮޑަށް ފަހުރުވެރިވަން ސަޕޯޓަރުންނާ މެދު."

އިންޑިއާގެ ކޯޗު މަހޭޝް ގަވާލީ އަށް ގަލޮޅު ދަނޑު ފުރިބާރުވެފައި އޮންނަ މަންޒަރު އަލެއް ނުވާނެ އެވެ. އޭނާ ހިމެނިގެން އިންޑިއާގެ ސީނިއާ ޓީމު މާލޭގައި 2008 ގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރިއިރު، ދިވެހި ސަޕޯޓަރުން ގަލޮޅު ދަނޑު އޮތީ ރަތުން ޖަރީކޮށްފަ އެވެ.

އެކަމަކު އިއްޔެ އޭނާ އަށް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އިދިކޮޅަށް ނުކުތް ބަންގްލަދޭޝް ޓީމަށް ރާއްޖޭގައި އޮތީ ހޯމް އެޑްވާންޓެކެވެ.

"އަހަރެމެންގެ ކުޅުންތެރިންނަށް ޕްރެޝަރު ބޮޑުވި ސަޕޯޓަރުންގެ ސަބަބުން،" ގަވާލީ އެއްބަސްވި އެވެ.

ބަންގްލަދޭޝްގެ ސަޕޯޓަރަކު ދިދަ ހިފައިގެން އުފާފާޅުކުރަނީ. -- ފޮޓޯ: އިމޭޖަސް އެމްވީ
ބަންގްލަދޭޝްގެ ސަޕޯޓަރަކު ދިދަ ހިފައިގެން އުފާފާޅުކުރަނީ. -- ފޮޓޯ: އިމޭޖަސް އެމްވީ

މުބާރާތް ކަވަރުކުރަން އައިސްހުރި ބަންގްލަދޭޝްގެ ނޫސްވެރިޔަކު ބުނީ، އެ ގައުމުގެ އެއްވެސް ކުޅިވަރު ޓީމަކަށް ގައުމުން ބޭރުގައި މިވަރުގެ ތަރުހީބެއް ލިބުނު ތަނެއް ނުދެކޭ ކަމަށެވެ.

"މިއީ ހަމަ އާދަޔާހިލާފު ތަރުހީބެއް. ގައުމުން ބޭރުގައި ގައުމީ އިހުސާސްކުރެވޭނެ އެންމެ މަތީ މިނުގައި މިއަދު އެ އިހުސާސްކުރެވިއްޖެ،" ފެންކަޅިވެފައި ހުރެ އޭނާ ފޯނުން މަންޒަރު ވީޑިއޯކުރަމުން ބުންޏެވެ.

"ހީބިހި ނަގާ މި މަންޒަރު ފެނުމުން."

ބަންގްލަދޭޝަކީ ޒަމާނުއްސުރެ ކުޅިވަރަށް، ހާއްސަކޮށް ފުޓްބޯޅަ އާއި ކްރިކެޓަށް މަރުދޭ ބަޔަކު އުޅޭ ގައުމެކެވެ. އެ ގައުމުގެ ކްރިކެޓް ޓީމުން ޓެސްޓު ފެންވަރުގައި ވާދަކުރަން ފެށުމުގެ ކުރިން، އެއް ވަނަ ކުޅިވަރަކީ ފުޓްބޯޅަ އެވެ. ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ، އެންމެ ފޯރިގަދަ ފުޓްބޯޅަ ލީގު އޮތީ ވެސް އެ ގައުމުގަ އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީހަށް ބަލާއިރު ވެސް އެންމެ ގިނަ އަދަދަކަށް ދަނޑަށް މީހުން ވަންނަނީ އެ ގައުމުގައި މުބާރާތް ބާއްވާއިރެވެ. އެގޮތުން 2003 ގެ މުބާރާތުގެ ފައިނަލުގައި ރާއްޖެ އަތުން ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް މޮޅުވި މެޗަށް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމަށް ފަންސަވީހެއްހާ މީހުން ވަނެވެ.

ފުޓްބޯޅައިގެ އެ ފޯރި ރާއްޖޭގައި މަސައްކަތްކުރަން އައިސް ތިބޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރޭގައި ވެސް އަބަދު އޮވެ އެވެ. އެކަމަކު 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީގައި ރާއްޖެ އާއި ބަންގްލަދޭޝް 1-1 އިން އެއްވަރުވި އިރާއި، ޖެހިގެން އައި އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ބަންގްލަދޭޝްގެ މުކްތިޖުއްދާ ސަންގްސާދު 2-1 އިން މޮޅުވިއިރަކީ، ދިވެހީން ގަލޮޅު ދަނޑު ފުރާލި ޒަމާންކަމުން، އޭރު ބަންގްލަދޭޝްގެ މާ ގިނަ ބަޔަކަށް ގަލޮޅު ދަނޑަށް ވަންނަން ފުރުސަތެއް ނުލިބެ އެވެ.

ބަންގްލަދޭޝް ސަޕޯޓަރުން ގަލޮޅު ދަނޑު ފުރާލާފައި. -- ފޮޓޯ: ސިޑިބަރި
ބަންގްލަދޭޝް ސަޕޯޓަރުން ގަލޮޅު ދަނޑު ފުރާލާފައި. -- ފޮޓޯ: ސިޑިބަރި

އެކަމަކު އެ ދުވަސްތައް ފާއިތުވީ ފަހުން، 2016 ގައި މި ދެ ޓީމު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗަށް ގިނައިން ވަދެ ތިބީ ބަންގްލަދޭޝް ސަޕޯޓަރުންނެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި މި ދެ ޓީމު ކުޅުނު މެޗަށް އަވޭ ޓީމަށް ހާއްސަކުރި ޓިކެޓުގެ ޑިމާންޑް ބޮޑުވެ، މައްސަލަ ވެސް ހޫނުވި އެވެ.

"މި މެޗަށް 10،000 ޓިކެޓް ވިއްކި ނަމަވެސް އަހަރެމެން އެންމެން ދަނޑު ފުރާލީސް،" ދަނޑުގެ ބައެއް ހިސާބުތައް ހަލާކުވެފައި ހުރުމުން ފުލްކޮށް ޓިކެޓް ނުވިއްކާތީ އެކަމަށް އިޝާރާތްކޮށް ބަންގްލަދޭޝް ސަޕޯޓަރަކު ބުންޏެވެ.

ރާއްޖޭގައި މަސައްކަތްކުރަން އައިސް ތިބޭ ބަންގްލަދޭޝްގެ ގިނަ ރައްޔިތުންނަކީ ނިކަމެތި ހާލަތެއްގައި ދިރިއުޅޭ ބަޔެކެވެ. އެހެންވެ ކުޅިވަރުން ހިތްހަމަޖެހުން ހޯދައި، ގައުމީ ލޯބި ފާޅުކޮށްލަން ލިބޭ ކޮންމެ ފުރުސަތަކަށް އެ މީހުން ތިބެނީ ބަލަބަލަ އެވެ.

"ވަރަށް އުފާވެރި ދުވަހެއް މިއީ އަހަރެމެން އެންމެންނަށް،" މެޗަށް ފަހު ދަނޑުން ނުކުންނަމުން ބަންގްލަދޭޝް ޒުވާނަކު ބުންޏެވެ.

"އެކަމަކު އުފާ ދެގުނަވީސް އިންޑިއާ ކޮޅަށް އިތުރު ގޯލެއް ވައްދާލެވުނު ނަމަ."