ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގެ ގޮތުގައި ބޭނުންކުރާ، ގަލޮޅު ދަނޑުގެ ސިޑިބަރިތަކުގެ ދަށުގައި ހަދާފައިވާ ފިހާރަބަރި ނަގައި، އަލުން ތަރައްގީކުރުމުގެ މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ ގަލޮޅު ދަނޑުގެ މަޖީދީމަގާވީ ފަރާތުގައި ހަދާފައިވާ ފިހާރަބަރިތައް ނަގައި، ސިޑިބަރިތައް ވެސް އަލުން ހަދައި ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި ގަލޮޅު ދަނޑު، ތަރައްގީކުރަނީ ފުޓްބޯޅައިގެ އިތުރުން އެހެނިހެން ކުޅިވަރުތަކާއި އެހެން ހަރަކާތްތައް ވެސް ބޭއްވޭނެ ގޮތަށް ކަމަށެވެ. އަދި މިހާރު އޮތް ވިނަގަނޑު އެއްކޮށް ނަގައި ވިނގަނޑު ބަދަލުކުރާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ދަނޑު އަލުން ތައްގީކުރާނީ މަގު ވެސް ފުޅާވާޏެ ގޮތަށް ހިނގަން ހާއްސަ ޖާގައެއް ވެސް އޮންނެ ގޮތަށް ކަމަށް، އެ މަނިކުފާނު ވިދާޅުވި އެވެ.
"ގަލޮޅު ދަނޑު އަޅުގަނޑުމެން ނިންމާފައި މިވަނީ ރީޕާޕަސް ނުވަތަ ރީފިޓް ކުރަން [ދަނޑު އަލުން ތަރައްގީކޮށް އެހެން ހަރަކާތްތައް ވެސް ބޭއްވޭނެ ގޮތަށް ބަދަލުކުރުން]. ފިހާރަތައް ނަގާ، މަގު ވޯކިންގ ޕާތުވޭއަކަށް ހަދާ މަގު ފުޅާކޮށް، ދަނޑުގެ ވިނަގަނޑު އެއްކޮށް ނަގާ އާ ޕިޗެއް އަޅަން،" ރައީސް ވިދާޅުވި އެވެ.
"ސިޑިބަރިވެސް ހަދާ ފުޓްބޯޅަ އާއި ކުޅިވަރު ހަރަކާތްތައް އަދި އެހެނިހެން މުނިފޫހިފިލުވުމުގެ ކަންކަން ވެސް ކުރެވޭނެ ހިތްގައިމު ވެނިއު އަކަށް ދަނޑު ބަދަލުކުރެވޭނެ."
ސަރުކާރުން ވަނީ ގަލޮޅު ދަނޑު ތަޅާލައި، ރެކްރިއޭޝަނަލް ހަރަކާތްތައް ހިންގާ ޕާކެއް ގޮތަށް އެ ސަރަހައްދު ތަރައްގީ ކުރުމަށް ކުރިން އިއުލާން ކޮށްފަ އެވެ. ގޮލަޅު ދަނޑު އުވާލަން އޭރު ނިންމުމުން ފުޓްބޯޅައިގައި ޝާމިލުވާ ބައެއް ފަރާތްތްތަކުން އޭރު ކަންބޮޑުވުން ވެސް ފާޅު ކުރި އެވެ.
ކުޅިވަރު ކޮމިޔުނިޓީގެ ބައެއް ބޭފުޅުން ދެކޭގޮތުގައި ގަލޮޅު ދަނޑަކީ ރާއްޖޭގެ ފުޓްބޯޅަ އާއި އެހެން ކުޅިވަރުތަކާ ވެސް ގުޅިފައި ތާރީހީ ތަނެކެވެ. އެހެންވެ ގަލޮޅު ދަނޑު އުވާނުލައި އަލުން ތަރައްގީކޮށް ބޭނުން ކުރުމަށް ކުޅިވަރުގެ ބައެއް ބޭފުޅުން އޭރު އިލްތިމާސް ކުރި އެވެ.