ރާއްޖޭގައި މާދަމާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މެޗުތަކުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ކުޅޭނީ ގަލޮޅު ދަނޑިގަ އެވެ. ސިޑިބަރީގެ ޓިކެޓް 15ރ. އަށެވެ. ގޮނޑިބަރީގެ ޓިކެޓް ވިއްކަނީ 25ރ. އަށެވެ.

ގަލޮޅު ދަނޑުގެ މަޖީދީ މަގު ގޭޓް 2 ޓިކެޓް ކައުންޓަރާއި ސޯޝަލް ސެންޓަރު އަދި އާޓިފިޝަލް ބީޗު ސަރަހައްދުގައި ޓިކެޓް ވިއްކަން ވަނީ ފަށާފަ އެވެ.  އިރުއޮއްސި ހަޔަކާ ހަމައަށް އަދި ރޭގަނޑު އަށަކުން 10 އަށް ޓިކެޓް ވިއްކުން ކުރިއަށް ގެންދާނެކަމަށް އެފްއޭއެމުން ބުންޏެވެ.

މިބާރާތުގައި ވާދަކުރަން ރާއްޖެ އަންނަން ޖެހޭ ހަ ޓީމުގެ ތެރެއިން ފަސް ޓީމު އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ. އިއްޔެ ހެނދުނު ފުރަތަމަ އައީ ސްރީލަންކާ ޓީމެވެ. އެއަށް ފަހު ބޫޓާނާއި ނޭޕާލް އަދި ބަންގްލަދޭޝް ވެސް ރާއްޖެ އައިސްފައިވެ އެވެ. ޕާކިސްތާން ޓީމު ރޭ ރާއްޖެ އައިސްފައި ވާއިރު، އެންމެ ފަހު ޓީމަކަށް އިންޑިއާ ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރެވެ.

އިންޑިއާގެ ފުރަތަމަ މެޗު އޮތީ ބުރާސްފަތި ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ. މި ދެ ޓީމާ އެކު ގުރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް އެވެ.

ރާއްޖެ ހިމެނެނީ ސްރީލަންކާ އާއި ނޭޕާލް އަދި ބޫޓާނާ އެކު ގުރޫޕް އޭގަ އެވެ.

މާދަމާ ހަވީރު 3:45 ގައި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި ބޫޓާނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ނުކުންނާނީ މާދަމާ ރޭ 8:30 ގަ އެވެ.