އަންނަ މާޗް އަދި އޭޕްރީލް މަހު ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ދިވެހި ޓީމުން ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ދެ މެޗު ކުޅެން ހަމަޖައްސައިފި އެވެ.
އަންނަ މަހު 23 އިން އޭޕްރީލް ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ ޕްރެކްޓިސް ފަށާފަ އެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލު މެޗަށް ފަހު، ރޭ ވަނީ މުޅި ސްކޮޑް ހަމަކޮށް ޕްރެކްޓިސް ފަށާފަ އެވެ. އެކަމަކު އޭގެ ކުރިން ވެސް، ފައިނަލު މެޗުގައި ކުޅުނު އޮޑި ސްޕޯޓްސް އާއި މާޒިޔާގެ ކުޅުންތެރިން ނުލައި ޕްރެކްޓިސް ކުރިއަށްގެންދާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
ޒުވާން ޓީމަށް އިރުޝާދު ދެނީ ސީނިއާ ގައުމީ ޓީމުގެ ހެޑް ކޯޗު އިސްތަވާން އުރުބާނީ އެވެ. މިދިޔަ މަހު ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރުކަމާއި ސީނިއާ ގައުމީ ޓީމުގެ ކޯޗުކަމާ ވެސް ހަވާލުވި އުރުބާނީގެ ކޯޗުކަމުގެ ދަށުން ރާއްޖޭގެ ފުރަތަމަ ކުރިމަތިލުމަކަށް ވާނީ ސިންގަޕޫރުގެ ޒުވާން ޓީމާ ދެކޮޅަށް ރާއްޖޭގެ ޒުވާން ޓީމުން ކުޅޭ މެޗެވެ.
އެ ދެ މެޗު ވެސް ކުޅޭނީ ސިންގަޕޫރުގަ އެވެ. ފުރަތަމަ މެޗު އަންނަ މަހު އަށް ވަނަ ދުވަހު ކުޅޭނީ ޗޯ ޗޫ ކަންގް ސްޓޭޑިއަމްގަ އެވެ. ދެ ވަނަ މެޗު 11 ވަނަ ދުވަހު ކުޅޭނީ ބިޝާން ސްޓޭޑިއަމްގަ އެވެ. ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމުން ތައްޔާރުވަމުން ދަނީ އާސިއާން ގައުމުތަކުގެ 19 އަހަރުން ދަށުގެ މުބާރާތަށެވެ. އިންޑޮނޭޝިއާގައި ބާއްވާ އެ މުބާރާތް އޮންނާނީ ޖޫން 1-14 އަށެވެ.
ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ތައްޔާރުވާން ފެށީ އެ އުމުރުފުރާގެ ކުޅުންތެރިންނަށް ހުޅުވާލި ޓްރެއަލް އަކުންނެވެ. މިދިޔަ މަހު ކުރިއަށް ގެންދިޔަ އެ ޓްރެއަލް އަށް 150 ވުރެ ގިނަ ކުޅުންތެރިން ހާޒިރުވި އެވެ.
ސާފްގެ މެންބަރު ހަތް ގައުމުން ވެސް ވާދަކުރާ މުބާރާތުގެ ގުރޫޕް އޭ ގައި، ރާއްޖެއާ އެކު ލައްވާލީ ލަންކާ އާއި ބުޓާން އަދި ނޭޕާލެވެ. ގުރޫޕް ބީ ގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.
ރާއްޖޭގެ މެޗުތަކުގެ ތާވަލު
- 23 މާޗް (ހޯމަ): ރާއްޖެ އާއި ލަންކާ (ރޭގަނޑު)
- 25 މާޗް (ބުދަ): ރާއްޖެ އާއި ބޫޓާން. (ރޭގަނޑު)
- 27 މާޗް (ހުކުރު): ރާއްޖެ ވީއެސް ނޭޕާލް. (ހަވީރު)