އަންނަ މަހު ރާއްޖޭޣައި ފަށާ ސާފް 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމަށް އިރުޝާދު ދޭނީ، ސީނިއާ ގައުމީ ޓީމުގެ ހެޑް ކޯޗު އިސްތަވާން އުރްބާނީ އެފްއޭއެމުން ބުނެފި އެވެ.
އަންނަ މަހު 23 އިން އޭޕްރީލް ތިނަކަށް ކުރިއަށްގެންދާ މުބާރާތަށް ތައްޔާރުވުމަށް އެފްއޭއެމުން ފަށާފަ އެވެ. ރާއްޖޭގެ ޓީމު އެކުލަވާލުމަށް ޓްރެއަލްއެއް ވެސް އެފްއޭއެމުން ބޭއްވި އެވެ.
އާންމުކޮށް ހުޅުވާލި އެ ޓްރެއަލް އަށް 150 އަށް ވުރެ ގިނަ ޒުވާން ކުޅުންތެރިން ބައިވެރިވި އެވެ. އެ ޓްރެއަލް ކުރިއަށް ގެންދިޔައީ ޔޫތު ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު ޝާކިރު އަހްމަދު (ޝާކިއްޓޭ) އާއި ގައުމީ ޓީމާއި މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހްމަދު ޝުޒައިރެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކުރާ އުރްބާނީ ވަނީ ޓްރެއަލް އޮބްޒާވް ކޮށްފަ އެވެ.
ރާއްޖޭގެ ޒުވާން ޓީމާ އެކު އުރުބާނީގެ ކާމިޔާބު ތާރީހެއް
ރާއްޖޭގެ ކޯޗުކަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެސް ކުރި އުރްބާނީ ވަނީ ރާއްޖޭގެ ޒުވާން ޓީމާ އެކު ވެސް ކާމިޔާބު ހޯދާފަ އެވެ.
ދިވެހި ކުޅުންތެރިންގެ ވިސްނުން ހުންނަ ގޮތް ރަނގަޅަށް ދަންނަ އުރްބާނީ ވަނީ ރާއްޖޭގައި އޭނާ މަސައްކަތް ކުރި ދެވަނަ ފަހަރު ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމާ އެކު ކާމިޔާބު ހޯދާފަ އެވެ.
ލަންކާގައި 2012 ގައި ބޭއްވި މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ޓްރޮފީ، ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމަށް ހޯދައި ދިނީ އޭނާގެ ކޯޗުކަމުގެދަށުންނެވެ.
ރާއްޖޭގެ ކޯޗުކަމާ އޭނާ ފުރަތަމަ ހަވާލުވީ 2009 ގަ އެވެ. އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ގެންގޮސް ދިނެވެ. އެ ފަހަރު ފައިނަލުގައި ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން އިންޑިއާގެ 23 އަހަރުންދަށުގެ ޓީމު އަތުންނެވެ. އެކަމަކު ގުރޫޕް ސްޓޭޖުގައި ރާއްޖޭން އިންޑިއާގެ އެ ޓީމު ވެސް ބަލި ކުރި އެވެ.
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ މެޗު ލަންކާއާ ދެކޮޅަށް
ސާފްގެ މެންބަރު ހަތް ގައުމުން ވެސް ވާދަކުރާ މުބާރާތުގެ ގުރޫޕް އޭ ގައި، ރާއްޖެއާ އެކު ލައްވާލީ ލަންކާ އާއި ބުޓާން އަދި ނޭޕާލެވެ. ގުރޫޕް ބީ ގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.
ރާއްޖޭގެ މެޗުތަކުގެ ތާވަލު
- 23 މާޗް (ހޯމަ): ރާއްޖެ އާއި ލަންކާ (ރޭގަނޑު)
- 25 މާޗް (ބުދަ): ރާއްޖެ އާއި ބޫޓާން. (ރޭގަނޑު)
- 27 މާޗް (ހުކުރު): ރާއްޖެ ވީއެސް ނޭޕާލް. (ހަވީރު)