ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމާ މެދު ކުރެވޭ އުންމީދުތައް ކުޑަކޮށް، ތައްޔާރުވާނެ މާހައުލެއް ނެތް ކަމަށް ބުނެ މިހާރުގެ ކޯޗު އިސްތަވާން އުރްބާނީ ދެއްކި ވާހަކަތަކަށް، ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ރައްދު ދީފި އެވެ.
ނޭޕާލްގައި 2019 ގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ގޮވައިގެން ނުކުމެ ލޯ މެޑަލް ހޯދައިން ދިން ކޯޗު ޝާޒް ބުނި ގޮތުގައި، ރާއްޖޭގެ މިހާރުގެ 20 އަހަރުން ދަށުގެ ޓީމު ބޫޓާނާއި ސްރީލަންކާ ފަދަ ގައުމުތަކަށް ވުރެ މާ ބޮޑަށް ވެސް ފެންވަރު ރަނގަޅު ވާނެ އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ބޫޓާނާ އެއްވަރުވި މެޗަށް ފަހު އުރްބާނީ ބުނެފައިވަނީ، ބޮޑެތި އުންމީދުތައް ކުރުމުގެ ކުރިން ކުޅުންތެރިން ތައްޔާރުކުރާނެ މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމަށެވެ.

"ކޮންތާކުން ޓީމާ މެދު ބޮޑެތި އެކްސްޕެކްޓޭޝަން [އުންމީދުތަކެއް] މި އަންނަނީ؟ ކާކު އެކްސްޕެކްޓޭޝަން އުފައްދަނީ؟ ސޯޝަލް މީޑިއާއިންތަ؟ ކުރިމަގުގެ ރަން ޖީލޭ ކިޔާފައި؟،" 20 އަހަރުން ދަށުގެ ޓީމާ ހަވާލުވީ ކުޅުންތެރިން ކުރިއަރުވަން ބޭނުންވާތީ ކަމަށް އިޝާރާތް ކުރަމުން ހަންގޭރީގެ އުރްބާނީ ބުންޏެވެ.

އުރްބާނީގެ ވާހަކަތަކަށް ރައްދު ދެމުން ސޯޝަލް މީޑިއާގައި ޝާޒް ބުނީ، މި ޓީމަށް އެންމެ ކުޑަމިނުން ސެމީ ފައިނަލަށް ދެވޭނެ ކަމަށެވެ. ރާއްޖޭގެ މި ޓީމުގެ ފެންވަރުގައި ބޫޓާނާއި ލަންކާ ބަލިކުރުމަކީ އުޒުރެއް ނެތި ކުރެވެންޖެހޭނެ ކަމެއް ކަމަށް ޝާޒް ދެކެ އެވެ.

"އަސްލު ބުނާނަމަ، މި ޓީމަށް އެންމެ ކުޑަމިނުން ސެމީ ފައިނަލަށް ދާންޖެހޭނެ. އަދި އަހަރެން ފުރިހަމައަށް އުންމީދު ކުރަނީ މި ޓީމު ފައިނަލަށް ގޮސް ރަން މެޑަލް ހޯދާނެ ކަމަށް،" ނޭޕާލްގައި ބޭއްވި މުބާރާތުގައި ބޫޓާން ބަލިކޮށް ލޯ މެޑަލް ހޯދައި ދިން ޝާޒް ބުންޏެވެ.

"އެއްވެސް އުޒުރެއް ދެއްކޭކަށް ނެތް- ބޫޓާނާއި ސްރީ ލަންކާ އަށް ވުރެ އަހަރެމެން މި ޓީމު މާ ބޮޑަށް ވެސް ފެންވަރު ރަނގަޅު ވާނެ."

އޭނާ ބުނީ މި ދަނޑިވަޅަކީ ބަހަނާ ދައްކައިގެން "އެކްސްޕެރިމެންޓް" ކުރަންވީ ވަގުތު ނޫން ކަމަށެވެ.

"މިއީ އެކްސްޕެރިމެންޓް ކުރަންވީ ވަގުތެއް ނޫން،" އޭނާގެ ކޮމެންޓް ނިންމާލަމުން ޝާޒް ލިޔެފައިވެ އެވެ.

އަމިއްލަ ފަސްގަނޑުގައި ކުޅެ ފުރަތަމަ މެޗު ލަންކާއާ ދެކޮޅަށް ރާއްޖެއަށް ގެއްލުނީ، ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށެވެ. ދެވަނަ ހާފަށް ނުކުމެ ތިން ލަނޑު ޖަހައި 3-2 އިން ލަންކާއިން ރާއްޖެ ބަލިކުރި އެވެ.

ދެވަނަ މެޗުގައި ބޫޓާނާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވީއެވެ. މިހާރު ރާއްޖެއަށް އަމިއްލަ ބާރެއް ނެތެވެ. މިއަދު ހަވީރު ދިވެހި ޓީމު ނުކުންނާނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރި ނޭޕާލާ ދެކޮޅަށެވެ.

އެ މެޗުން ރާއްޖެ މޮޅުވިޔަސް، މިރޭ ލަންކާ އާއި ބޫޓާން ކުޅޭ މެޗަށް ރާއްޖެ އިންތިޒާރު ކުރަން ޖެހޭނެ އެވެ.

މިއަދު ހަވީރު މެޗު ފަށާނީ 3:45 ގަ އެވެ.