ރާއްޖޭގައި މިއަދު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާ އެކު އެންމެ ބުރަ މީހަކަށް ވަނީ ކޯޗު އިސްތަވާން އުރްބާނީ އެވެ. އެ މުބާރާތުގައި ރާއްޖޭގެ ޓީމުގެ ކޯޗުގެ މަގާމާ އެކު، ތިން މަސްއޫލިއްޔަތެއް އެއްފަހަރާ އޭނާ އަދާކުރާނެ ދަނޑިވަޅަކަށް މި ވަގުތު ވެގެންދާނެ އެވެ.
ޒުވާން ޓީމު ގޮވައިގެން މިރޭ ލަންކާއާ ދެކޮޅަށް އޭނާ ނުކުންނާނެ އެވެ. އެކަމަކު އޭނާގެ ވިސްނުމުގައި އޮތީ މިރެ އާއި މި މުބާރާތުގެ މެޗުތައް އެކަންޏެއް ނޫނެވެ. އޭޝިއަން ކަޕް ކޮލިފައިންގެ އެންމެ ފަހު މެޗުގައި މި މަހުގެ 31 ގައި ސީނިއާ ގައުމީ ޓީމު ގޮވައިގެން ޓިމޯ ލެސްޓޭއާ ދެކޮޅަށް ވެސް އޭނާ ނުކުންނާނެ އެވެ. ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ މުބާރާތުގެ ތެރެއިން ސީނިއާ ޓީމުގެ މެޗަށް ވެސް އޭނާ ސަމާލުކަން ދޭން ޖެހޭނެ އެވެ.
އެއްފަހަރާ އެއް ވަގުތެއްގައި ދެ ޓީމެއްގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި އޭނާ އަށް އަދާކުރެވިދާނެތޯ ކުރިމަތި ކުރި ސުވާލަށް ޖަވާބު ދެމުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކުރާ އުރްބާނީ ބުނީ އެއް ވަގުތެއްގައި ދެ ޓީމެއްގައި އޭނާ ކުރާ މަސައްކަތަކީ ދެ ވަޒީފާއެއް ނޫން ކަމަށެވެ. އޭނާ ދެކޭ ގޮތުގައި މި ވަގުތު އޭނާގެ މަސައްކަތަކީ ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ޖީލާއި ކުރިމަގުގެ ޖީލު އެއް އަމާޒަކަށް ގުޅުވާލަދޭނެ ވަރުގަދަ ފާލަމެއް ބިނާކުރުމުގެ މަސައްކަތެވެ.
ރާއްޖޭގެ ކޯޗުގެ މަގާމަށް އޭނާ އަލުން އަންނަން، އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް ދިން ދައުވަތުގައި ކުރި މަޝްވަރާތަކުގައި މައިގަނޑު ވާހަކައަކީ؛ އުރުްބާނީ ބުނި ގޮތުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ކުރިއެރުމަށް އާ ވިސްނުމަކާ އެކު މިސްރާބެއް ކަނޑައެޅުން ކަމަށެވެ.
އެ މަސައްކަތުގައި ރާއްޖޭގައި 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބުމަކީ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ. ޓެކްނިކަލް ޑައިރެކްޓަރުގެ ހައިސިއްޔަތުން އޭނާ އެ މަސައްކަތުގައި ބައިވެރިވާނެ ކަމަށް އުރްބާމނީ ބުންޏެވެ. ނަމަވެސް ކޯޗެއްގެ ގޮތުގައި އެ ޓީމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އޭނާ އަށް ލިބުމަކީ ހުރި ގޮންޖެހުންތައް މާ އަވަހަށް ހައްލު ހޯދަން ފަސޭހަވެގެންދާނެ ކަމަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް ޓެކްނިކަލް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން މި މަސައްކަތުގައި އަހަރެން ބައިވެރިވާނެ. ނަމަވެސް އަހަރެމެން ދެމީހުންނަށް (އަހަންނާއި ޓޮމް އަށް) ވެސް އިހުސާސް ކުރެވުނީ، މި ގްރޫޕުގެ [އުމުރުފުރާގެ] ކޯޗެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރަމަކީ ކުޅުންތެރިންނާއި މާހައުލު އަދި ކުރިމަތިލާންޖެހޭ ހަގީގީ ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމެއްކަން،" އުރްބާނީ ބުންޏެވެ.
ޓިމޯ ލެސްޓޭގެ މެޗަށް އުރްބާނީ ވަނީ ސީނިއާ ގައުމީ ޓީމުގެ ސްކޮޑް އެކުލަވާލާފަ އެވެ. އޭނާގެ ބެލުމުގެދަށުން އެ ޓީމުން ވެސް ފަރިތަކުރުންތައް ވަނީ ފަށާފަ އެވެ. ސީނިއާ ޓީމަށް އޭނާ ނެގީ ނިސްބަތުން އުމުރުން ދޮށީ ކުޅުންތެރިން ގިނަ ސްކޮޑެކެވެ.
އޭޝިއަން ކަޕްގައި ރާއްޖެ ހިމެނޭ ގުރޫޕްގައި ޕޮއިންޓެއްހާ މިންވަރު ވެސް ނުލިބި އޮތް ހަމައެކަނި ގައުމަކީ ރާއްޖެ އެވެ. އޭނާ ބުނީ ސީނިއާ ޓީމުން އެ މެޗަށް ތައްޔާރު ކުރާނީ އެ ހުރިހާ ވިސްނުމެއް ބޮލުގައި ބަހައްޓައިގެން ހުރެ ކަމަށެވެ.
"ހާލަތު މިއޮތީ އެންމެ ރަނގަޅަކަށް ނޫން، ގްރޫޕުގައި އަދި ޕޮއިންޓެއް ނެތް. އެކަމަކު އަމާޒު ވަރަށް ސާފް. މި ކެމްޕޭން [ސީނިއާ ޓީމުގެ އޭޝިއަން ކަޕް ކޮލިފައިން] ނިންމާލަން ބޭނުންވަނީ މުސްތަގުބަލަށް ހިތްވަރެއް ލިބޭނެ ފަދަ ރަނގަޅު ކުޅުމަކާ އެކު،" އުރްބާނީ ބުންޏެވެ.
އޭނާ ބުނީ ދެ ޓީމުގެ މަސައްކަތް އެކުއެކީގައި ކުރިއަސް އެއީ ދެ ވަޒީފާއެއް ނޫން ކަމަށެވެ. އަދި ދެ ޓީމު ވެސް ދާން ބޭނުން ވަނީ އެއް މަގަކުން ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ދެކޭގޮތުގައި މިއީ ވަކި ދެ ވަޒީފާއެއް އަދާކުރުމެއް ނޫން. މިއީ އެއް މަގަކުން ދަތުރު ކުރަން މަގުކޮށައި ދިނުން. 20 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދިނުމުން އަހަންނަށް އެނގޭނެ ދެން ކުރިއަށްދާން ޖެހޭ ގޮތަކީ ކޮބައިކަން. އަދި އެ ޓީމު އިތުރަށް ތަރައްގީ ކުރަން ކުރަން ޖެހޭ ކަންކަމާއި، ސީނިއާ ލެވެލްއާ އެކު މިހާރަށްވުރެ ވަރުގަދަ ގުޅުމެއް އުފެއްދޭނީ ކިހިނެއްކަން ވެސް މީގެ ސަބަބުން އެނގިގެންދާނެ،" އުރްބާނީ ބުންޏެވެ.
"މި ވަގުތަކީ ދެ ޓީމެއް މެނޭޖްކުރުމަށްވުރެ ބޮޑަށް، މިއަދުގެ ޖީލާއި މުސްތަގުބަލު ޖީލު ގުޅުވައި ދިނުމަށް ކުރާ މަސައްކަތެއް. (އަހަރެން ބޭނުން ވަނީ) މިހާރު މި ފަށާ މަސައްކަތަކީ ދިވެހި ފުޓްބޯޅައަށް ދިގު މުއްދަތަކަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއްކަން ކަށަވަރުކުރުން."
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ރާއްޖެ އާއި ލަންކާ އާ އެކު ގުރޫޕް އޭ ގައި ދެން ހިމެނެނީ ބޫޓާނާއި ނޭޕާލްވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެ ދެ ޓީމު މިއަދު ހަވީރު ނުކުންނާނެ އެވެ.
ގުރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.