ޒުވާން ކުޅުންތެރިންނާ މެދު ބޮޑެތި އުންމީދުތަކެއް ކުރުމުގެ ކުރިން އެ ކުޅުންތެރިން ރަނގަޅަށް ތައްޔާރު ކުރާނެ މާހައުލެއް ގާއިމު ކޮށްދިނުމަށް ކޯޗު އިސްތަވާން އުރްބާނީ ރާއްޖޭގެ ކުޅިވަރު ކުރިއަރުވާ އިސްބޭފުޅުންގެ އަރިހުގައި ރޭ އެދިއްޖެ އެވެ.

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ބޫޓާނާ ވާދަކޮށް ލަނޑެއް ނުޖެހި ރޭ ރާއްޖެ އެއްވަރުވި މެޗަށް ފަހު، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން އުރްބާނީ ބުނީ، ބައިނަލްއަގުވާމީ ފެންވަރުގެ ރަނގަޅު ތަޖުރިބާއެއް ނެތި މުބާރާތްތައް ކުޅޭއިރު، ހާއްސަކޮށް ޒުވާން ޓީމުތައް ތައްޓާ ހަމައަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް ގެންގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"ކޮންތާކުން ޓީމާ މެދު ބޮޑެތި އެކްސްޕެކްޓޭޝަން [އުންމީދުތައް] މި އަންނަނީ؟ ކާކު އެކްސްޕެކްޓޭޝަން އުފައްދަނީ؟ ސޯޝަލް މީޑީއާއިންތަ؟ ކުރިމަގުގެ ރަން ޖީލޭ ކިޔާފައި؟،" ދިވެޖި ޒުވާން ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވީ ކުޅުންތެރިން ކުރިއަރުވަން ބޭނުންވާތީ ކަމަށް އިޝާރާތް ކުރަމުން ހަންގޭރީގެ އުރްބާނީ ބުންޏެވެ.  

"އަހަރެމެންގެ ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިން، ޑިވެލޮޕް ކުރަން ޖެހޭ."

ކޯޗު ބުނީ، ޓީމާ ގުޅުވައި އުންމީދުގެ ވާހަކަ ދެއްކުމުގެ ކުރިން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުޅުންތެރިން ރަނގަޅަށް ބައްޓަން ކުރެވޭނެ މާހައުލެއް ގާއިމު ކޮށްދިނުން ކަމަަށެވެ.

"އެ އަށް ފަހު އުންމީދު ކުރޭ. އުންމީދެއް ކުރެވޭނީ ކުޅުންތެރިން ޓެސްޓް ކުރަން ގަވާއިދުން މި ކަހަލަ މެޗުތަކެއް ލިބޭ ނަމަ. ސިންގަޕޫރަށް ގޮސް ދެ މެޗެއް ކުޅެލާއިރަށް އުންމީދެއް ނުކުރެވޭނެ."

ރާއްޖެ އާއި ބޫޓާން ރޭ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ރާއްޖެ އާއި ބޫޓާން ރޭ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އުރްބާނީ ބުނި ގޮތުގައި، ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރުމަކީ ގޯހެއް ނޫނެވެ. ނަމަވެސް ކުޅުންތެރިންގެ ކުރިއެރުމަށް ނުބަލައި ނަތީޖާއަށް އެކަނި އުންމީދު ކުރުމަކީ ގޯހެއް ކަމަށް އޭނާ ދެކެ އެވެ.

ކޯޗު ވަނީ ކުޅުންތެރިންގެ ފިޓްނަސްއާ ގުޅިގެން ބައެއް ފާޑުކިޔުންތައް އަމާޒު ވާކަމަށް ބުނެ އެކަމަށް ވެސް ރޭ ރައްދު ދީފަ އެވެ. އޭނާ ބުނީ ފިޓްނަސްގެ މައްސަލައެއް ޓީމުގައި ނެތް ކަމަށާއި މައްސަލައަކީ ކުޅުންތެރިންގެ ފިޒިކަލް ޑިވެލޮޕްމަންޓް [ހެދިބޮޑުވުން] ކަމަށެވެ.

"ބުނެދެވިދާނެތަ ކުޅުންތެރިންގެ ފިޒިކަލް ކަންކަމަށް ހޭދަކުރާ ވަގުތު؟ އަހަރެމެންގެ ކުޅުންތެރިންގެ ކެއުމުގެ ކަންކަން ހުންނަ ގޮތް ކިޔާދެންތަ؟ އަހަރެން ހައިރާންވޭ ކުޅުންތެރިންނަށް މެޗު ނިމެންދެން ކުޅެވޭތީ ވެސް،" ކުޅުންތެރިންނަށް ޑިވެލޮޕްމަންޓް ޕްލޭނެއްގެ މުހިއްމުކަން ހާމަކުރަމުން އުރްބާނީ ބުންޏެވެ.

"އަހަރެން ކުރިން ވެސް ބުނި ފަދައިން، މިތިބީ ހުނަރުވެރި ކުޅުންތެރިންތަކެއް. ޖީލާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރެވިގެން އުންމީދުތައް މަތި ކުރެވޭނީ."

ކޯޗު ބުނީ، ނޭޕާލާ ދެކޮޅަށް ކުރިއަށް އޮތް ވަރުގަދަ މެޗަށް ދިވެހި ކުޅުންތެރިން ތައްޔާރު ކުރުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ނޭޕާލްގެ ސްކޮޑް ނަގާފައި ވަނީ މިހާރު ކުރިއަށްދާ މުބާރާތެއްގެ ތެރެއިން ކަމަށް ވިޔަސް ރާއްޖޭގެ ހާލަތު ތަފާތު ކަމަށް ކޯޗު ފާޙަގަ ކުރި އެވެ. 

"އަހަރެންނަށް މި ޓީމުގެ ގިނަ ކުޅުންތެރިން އެނގެން ފެށީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް އިންޓަ ސްކޫލް މުބާރާތަކުން. މިހާރު މި ކުޅެން ޖެހިފައި ވަނީ އެ އަށް ވުރެ މާ މަތީ ލެވެލެއްގައި،" އުރްބާނީ ފާހަގަކުރި އެވެ.

ރޭގެ މެޗާ ގުޅޭގޮތުން އުރްބާނީ ބުނީ ޓީމުން ބޭނުންވި ވަރަށް ފުރުސަތުތައް ތަނަވަސް ނުކުރެވުނު ކަމަށާއި އޭގެ ސަބަބަކީ ސެންޓްރަލް މިޑްފީލްޑުގައި ކުޅުނު ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ޕާފޯމް ނުކުރެވުން ކަމަށެވެ. އެކަމަކު، އެ ކުޅުންތެރިންނަށް ވެސް މަދުވާ ކަމަކީ މި ލެވެލްގެ ތަޖުރިބާ ކަމަށް ކޯޗު ބުންޏެވެ. އަދި ކުރިމަގަށް ކުޅުންތެރިން ފައްކާ ކުރެވޭނީ މިފަދަ މެޗުތަކެއް ވެސް ތަޖުރިބާ ކުރެވިގެން ކަމަށް އޭނާ ފާހަގަ ކުރި އެވެ.

ފުރަތަމަ މެޗަށް ވުރެ ބޮޑަށް ރޭގެ މެޗުގައި ބައެއް ކުޅުންތެރިން ކޮންފިޑެންސާ އެކު ކުޅުނު ކަން ކޯޗު އުފަލާ އެކު ފާހަގަ ކުރި އެވެ. އެގޮތުން ފަހަތަށް ގެނައި ބަދަލުތަކާ އެކު ފުރަތަމަ މެޗަށް ވުރެ ޑިފެންސް ވަރުގަދަވި ކަމަށް ކޯޗު ބުންޏެވެ.