ކުޑަކުޑަ މި ރަށަށް ދުނިޔޭގެ ސަމާލުކަން ލިބި ގިނަ ބައެއްގެ ހިތް ދަމައިގަތީ ގޮނޑުދޮށުގައި ރެދަންލައި ނޫ ކުލައިން ވިދައި ބަބުޅަނިކޮށް އާއްމުވި ފޮޓޯތަކަކުންނެވެ. ގުދުރަތީ އެ ހިތްގައިމުކަން ދެކިލަން ދުރު ގައުމުތަކުން ދަތުރު ހަދާފައި ވެސް މި ރަށަށް މީހުން އާދެ އެވެ. އަޖައިބެއް ފަދަ އެ ރީތިކަން މަހެއްހާ ދުވަސް ފަހުން މި ރަށުން އަނެއްކާވެސް ފެންނާނެ އެވެ. އާއްމުކޮށް ރެދަންލަނީ ޑިސެމްބަރުގަ އެވެ.
މި ރަށް ބަބުޅަނީ އެ ރީތި މަންޒަރުން އެކަންޏެއް ނޫނެވެ. އެއަށް ވުރެން ވިދުން ގަދަ ރަށެއްގެ ގޮތުގައި އަހަންނަށް މި ރަށް ފެނުނީ ރީތި އާދަތަކުންނެވެ. ތަރުތީބު އުސޫލްތަކާއި ކުށް މަދު އަމާން ވެށިންނެވެ.
އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި ހިޔާލުތަފާތުވުންތަކުގައި ގިނަ ބައެއްގެ މަސްލަހަތު އިސްކުރުމާއި ތަހުޒީބު މުޖުތަމައަކަށް ގުޅިގެން މަސައްކަތް ކުރުމާއި އުފެއްދުންތެރިކަމާއި ނަމޫނާ އާއިލާއެއްގެ ގޮތުގައި ދެމިތިބެން ކުރާ ހިތްވަރުގައި މި ރަށަކީ މިސާލެކެވެ.
ހަތްސަތޭކައެއްހާ މީހުންގެ އާބާދީގެ ވާދު އަށް އައުމުގެ ކުރިން އަހަރެން ހޯދި މައުލޫމާތުކާ ގުޅޭ ގޮތުން ކައުންސިލްގެ ރައީސް ހުސެއިން އަލީއާ ކުރި ސުވާލުގެ ޖަވާބު ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ އެވެ. ހަތަރު ވަނަ ފަހަރަށް މަގާމް ދިފާއުކުރައްވައިގެން ހުންނެވި ހުސެއިން ކިޔައިދެއްވި ވާހަކަތަކުން މިއީ، އާދަކާދަތައް ދަމަހައްޓަމުން އަންނަ، އާއްމުންގެ ސިކުނޑި ހުޅުވިފައި އޮތް އަމާން ދުނިޔެއެކެވެ.
މި ކިޔައިދެނީ ވާދޫގައި ހޭދަވި ތިން ގަޑިއިރުން އަހަރެންގެ ފޭވަރިޓް ލިސްޓަށް މި ރަށް އެރި ބައެއް ސަބަބުތަކެވެ.
ފަޅުތެރެ ވެލާ ކަހަނބުން ފުރިފައި
ބޮޑު މިނުގައި ގާތްގަނޑަކަށް 40 ހެކްޓަރުގެ ވާދޫގެ އެންމެ ހާއްސަ އެއް ތަނަކީ ވެލާ ކަހަނބުން ފުރިފައި އޮންނަ ފަޅެވެ. ހަނދުވަރުދޭ މޫސުމުގައި ޑިންގީގައި 15 ވަރަކަށް މިނެޓުގެ ދަތުރަކުން މަދުވެގެން 70 ވެލައާ ބައްދަލުވާނެ ކަމުގެ ޔަގީންކަން ހުސެއިން ދެއްވަ އެވެ.
މި މުއްސަނދި ފަޅު އޮތް ވާދޫގެ ކައުންސިލަށް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ރަށުގެ ރައްޔިތުން ވެލާ ކަހަނބު ނުހިފުމެވެ. ބައެއް ރަށްތަކުގައި، ސިއްރުން ކުރާ ކަމެއްގެ ގޮތުގައި އޮންނަ ވެލާ މަސް ކެއުމުގެ އާދަ، ވެލާ ގިނަ މި ރަށަކު ނޯވެ އެވެ. އެފަދަ ރިޕޯޓެއް ވެސް ކައުންސިލަށް ނުލިބެ އެވެ.
"ސަރުކާރުން ވެލާ ކަހަނބު ހިފުން މަނާކޮށްފައި އޮންނާތީ ކިޔަމަންތެރީ," ހުސެއިން ވިދާޅުވި އެވެ.
އެހެން ރަށްތަކުން ފަޅަށް ވަދެ ވެލާ ހިފުން މަނަލެވެ. ކައުންސިލުން ފިޔަވަޅު އަޅަ އެވެ.
ސާފު ރަށެއް: ބައިވެރިނުވާ އެކަކު ވެސް ނެތް
ރުއްތަކާއި ގަސްތަކުން ފެހިކޮށްފައި އޮތް މި ރަށުގެ ހުރިހާ މަގެއް ވެސް އޮތީ ކުނިކަހާ އޮމާންކޮށްފަ އެވެ. މިގޮތަށް މި ރަށް ބާއްވަން އުސޫލްތައް ވަނީ ތަރުތީބުކޮށްފަ އެވެ.
ރަށު ތެރޭގައި ގިނަ ޑަސްބިންތައް ބަހައްޓާފައި ހުއްޓެވެ. ރަށަށް އަރާ މީހަކު އަދި ދިރިއުޅޭ މީހުން ވެސް މަގަށް ކުނި އުކާލަން ނުޖެހޭހާ ކައިރި ކައިރީގަ އެވެ.
މުޅި ރަށް ސާފުކުރުން އޮންނަނީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ހަދައިފަ އެވެ. އަވަށްތައް ސާފުކޮށް ބޭއްވުމުގައި ވާދަވެރިކަން ވެސް ބޮޑެވެ.
ކުނި ކޮއްޓަށް ކުނި ޖަމާކުރަން ގެންދާނީ ވެސް ގެއާ ހިސާބުން އެ މީހެއްގެ ޒިންމާ އަދާކޮށްފަ އެވެ. އެއީ ބާވަތްތައް ވަކިކުރުމެވެ. ޕްލާސްޓިކާއި ދަގަނޑު އަދި ބަދިގެ އިން ނެރޭ ކުނި އެއްކޮށްލައިގެން ގެންދިއުން މަނަލެވެ.
ތަރައްގީ: ފޯމިއުލާއަކީ އެއް ރޫހެއް
ރާއްޖެއަށް ބާރަށް ފެތުރުނު ސިޔާސީ ފިކުރުތަކުން ހިޔާލު ތަފާތުވުން މި ރަށުގައި ވެސް އޮވެ އެވެ. އެކަމަކު ތަރައްގީގެ ކަންކަމުގައި ކޮންމެ ފަހަރަކު ވެސް ކުރިއަށް ނެރެނީ ރައްޔިތުންނަށް ފައިދާކުރާ ވިސްނުމެވެ. މި ރަށުގައި ތަރައްގީ މާނަކުރަނީ ރައްޔިތުންގެ ދިރިއުޅުމަށް ލިބޭ ލުއި ފަސޭހަ އާއި ތަނަވަސްކަމަށެވެ.
މި އަތޮޅުން ދެ ވަނަ އަށް ކަރަންޓް ލީ މި ރަށުގައި މިހާރު ވެސް ބޭނުންކުރަނީ ރައްޔިތުން ގުޅިގެން ބެހެއްޓި ޖަނަރޭޓަރުންނެވެ. އެޓޯލްސް މިނިސްޓްރީން ދޫކުރި ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަން ނެތަސް ރަށުގެ ރައްޔިތުން ނިންމީ އެކި މަސައްކަތްކޮށްގެން ލާރި ހޯދައިގެން ލޯނު އަދާކުރާށެވެ.
"ވަރަށް އެކުވެރި, ކުރާ މަސައްކަތް ރަނގަޅު ފެންވަރުގައި ކުރަން ބޭނުންވާ ރައްޔިތުންތަކެއް އަދިވެސް ތިބީ. ހުރިހާ ކަމެއްގައި އަދިވެސް މި ވިސްނުން," ހުސެއިން ވިދާޅުވި އެވެ.
ކަމެއް ނުވެގެން ޝަކުވާ ކުރުމަށް ވުރެން ބޮޑަށް ބަލަނީ އެކަމެއް ރައްޔިތުންނާ ހިސާބުން ވެސް ނިމެން އޮތް ގޮތެކެވެ.
ބަނދަރު ސަރަހައްދުގައި ގާފާލަން އެޅުމާއި ވަލު ތެރޭގެ މަގުތަކާއި ގަބުރުސްތާނު ފޮޅާ ސާފުކުރުމާއި ރައްޔިތުންނާ ގުޅުން ހުރި އިމާރާތްތައް ހެދުމުގައި ވެސް މި ރަށުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮވެ އެވެ.
ހާއްސަ އެއް ތަނަކީ ޕޭރެންޓް ހިޔާ އެވެ.
ދަރިވަރުން ބަލައި ސްކޫލް ދޮށަށް ދާ ބެލެނިވެރިން ގަދަ އަވީގައި ކޮޅަށް ބޮނޑިއަކަށް ތިބުމަކީ ކައުންސިލަށް ބަލައިގަނެވުނު ކަމެއް ނޫނެވެ. އެކަމަށް ހޯދި ހައްލަކީ ސްކޫލް ކުރިމަތީގައި, ދަރިވަރުން ނުކުންނަންދެން މަޑުކޮށްލައިގެން ތިބެން ހާއްސަ ތަނެއް ހެދުމެވެ.
އެތަން ހަދަން ކައުންސިލްގައި ބަޖެޓް ނެތަސް ކައުންސިލަރުންގެ ޖީބުންނާއި ރައްޔިތުންގެ އެހީއާ އެކު ހަރަދުތައް ހަމަޖައްސައި އެންމެން ގުޅިގެން ހެދި އެތަނަކީ މި ރަށަށް އަންނަ މެހްމާނުންގެ ވެސް ފެންޑާ އެވެ.
ހުސެއިން ވިދާޅުވި ގޮތުގައި އެތަން އެހެން ރަށްތަކަށް ކަމުގޮސްގެން ވާދުއަށް ގުޅައި ޕްރޮޕޯސަލް ހޯދަން ވެސް އެދިފައިވެ އެވެ.
ޕާކުތަކާއި ފިނި މައިޒާންތައް މި ރަށުގައި ގިނަ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ވެސް ހާއްސަ މައިޒާނެއް ހުރެ އެވެ.
ކައުންސިލްގެ ވިސްނުމަކީ އެތަން ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެތަނުގައި ހިތްފަސޭހަކޮށްލެވޭނެ ގޮތްތައް ފަހިކޮށްދިނުމެވެ. ފޯނަށް ގެނބި ހުސްވެފައި އޮތް ޖީލަށް، ކުރިމަތީގައި އިންނަ މަންމަ އާއި ބައްޕަ، އަދި ކާފަ އާއި މާމައަށް އަޅާނުލުމުގެ ވަބާ އެ ރަށުގައި ފެތުރުމުގެ ފުރުސަތު ދޭން ކައުންސިލުން ބޭނުމެއް ނުވެ އެވެ.
އުފެއްދުންތެރި ކަމުގައި ކުރީގައި
މުޅި ރ. އަތޮޅުގައި ވެސް ސުވެނިއަ ސަމާނު ހެދުމަށް އެންމެ މޮޅު ރަށަކީ ވާދު އެވެ. ދެ އެވޯޑެއް ހޯދާފައިވާ މި ރަށުގައި މާފުޅާ ދާއިރާއެއްގައި މިކަން މިހާރު ނުކުރިއަސް އުފެއްދުންތެރި މީހުން އަދިވެސް އެބަތިއްބެވެ. ލަކުޑިން ކުދި ދޯނިފަހަރު ފަދަ ތަކެތި ހަދަން ގިނަ މީހުން ފަރިތަ އެވެ.
މުޅި ރަށުގައި ދަނޑުވެރިކަން ހައްދާ ގޮތް ވެސް ބަދަލުކޮށްފި އެވެ. ގަސް ކާނާ ހޯދައި ވެލި ތައްޔާރުކޮށް ގަސްތަކަށް ކެމިކަލް ޖަހައިގެން ބުރަ މަސައްކަތުގައި ދަނޑުވެރިކަމުގެ ނަފާ ހޯދުމަށް ވުރެން ފަސޭހަ ގޮތެއް މި ރަށުން ހިޔާރުކޮށްފި އެވެ.
ދަނޑުވެރިކަން ޒަމާނީކޮށްލައި ގޭގޭގައި މޭވާ އާއި ތަރުކާރީ ހައްދަނީ ހައިޑްރޯޕޯނިކްސްއިންނެވެ. މި އުފެއްދުންތައް ހައްދަނީ ކެމިކަލެއް ބޭނުން ނުކޮށް ވަރަށް ރައްކާތެރިކަމާ އެކުގަ އެވެ.
"ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެންމެ ރައްކާތެރިކަމާ އެކު ހައްދާ ރަށްތައް ނަގާ ކަމަށް ވާނަމަ އަޅުގަނޑަށް ސަތޭކަ މި ރަށް އެންމެ ކުރީގައި އޮންނާނީ," ހުސެއިން ވިދާޅުވި އެވެ.
ކިއުކަބްމާ އާއި ޗެރީ ޓޮމާޓޯ އާއި މެލަން އާއި މިރުހާއި ލެޓިއުސް ފަދަ ބާވަތްތައް ހައްދައިގެން ރަނގަޅު އާމްދަނީއެއް އާއިލާތަކުން ހޯދަ އެވެ.
ކަނަމަދާއި ކާށި ހޮވުން: ސަތޭކަ ދޭންޖެހޭ
އާމްދަނީ ހޯދޭނެ ވަސީލަތްތައް ގިނަ މި ރަށުގެ އެންމެ ހާއްސަ އެއް ސިފައަކީ ބައި އެޅުމުގައި ހުރިހާ ރައްޔިތުން ހަމަހަމަ ކުރުމުގެ އުސޫލެވެ. ހިތަށް އެރި މީހަކަށް މިދިލި ވަލަށް ވަދެ މަދެއް ނުހޮވޭނެ އެވެ. އެކަން ކުރަން ކައުންސިލުން އޮތީ ޒަމާނުއްސުރެން ތަރުތީބުތަކެއް ކަނޑައަޅައިފަ އެވެ.
ރައްޔިތުން މަދު ހޮވަން ވެއްޖެ ކަމަށް ކަނޑައަޅަނީ ރަށު ކައުންސިލުންނެވެ. އެކަން އަންގަނީ ރައްޔިތުންނަށް ސްލިޕް ފޮނުވައިގެންނެވެ. ވަކި ގަޑިއެއް ކައުންސިލުން ކަނޑައެޅުމުން އަންހެންވެރިން ޖަމާވެ ފުރަތަމަ ކުރާ ކަމަކީ ފުންޏަކަށް މަދުތައް ޖަހަނީ އެވެ.
"އޮށް ހޮވަން ނުކުތް އެންމެންގެ މެދުގައި ހަމަހަމައަށް ބަހާނީ. ހިތުހުރި ގަޑިއެއްގައި ހިތުހުރި ގޮތަކަށް ހޮވައިގެން ނުގެންދާނެ. އެއަށް ވުރެން މާ އެކުވެރި މާ އެއްބައިވަންތަ ބައެއް މިތާ އުޅެނީ," ހުސެއިން ވިދާޅުވި އެވެ.
ފަން ވިނުމުގެ މަސައްކަތް ރަށުގެ އަންހެންވެރިން ކުރާއިރު އެކަމަށް ވެސް އޮންނަނީ އިންސާފުގެ އުސޫލެވެ. ކައުންސިލުން 30 މިނެޓް ކުރިން އިއުލާންކުރުމުން އެކަން ކުރިއަށްދާނެ އެވެ. އެ މީހެއްގެ ރުކުން ވެއްޓުނު ކާއްޓެއް ނޫން ގޮތަކަށް ގެއަކަށް ނުގެންދިއުމަކީ ވެސް ޒަމާނުއްސުރެން ތަބާވާ ކަމެކެވެ.
ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ރަށްތަކުން ކާށި ހޮވާގޮތަށް އޮންނަނީ ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެ މަހުން އެއް މަހެވެ. ކައުންސިލުން އެކަން އިއުލާންކުރުމުން ވަލުތެރެއަށް ވަދެ ކާށި އެއްކޮށް އެރި ނަގާނީ އެވެ.
ހޮވަން ދިޔަ މީހުންނަށް ހަމަހަމަ އަށް ބައި އަޅައި ކައުންސިލަށް ހައްގުވާ ބައި ރައްޔިތުންނަށް ވިއްކަނީ އެވެ. ރަށު ތެރޭގައި ކާއްޓެއް ފަސް ރުފިޔާ އަށް ވިއްކިއަސް ކައުންސިލުން ވިއްކަނީ ރުފިޔާ އަކަށް ކާއްޓެކެވެ.
"މި ކަހަލަ ކަންކަމުގައި މި ރަށުގެ މީހުންނަކީ ވަރަށް ތަރުތީބު ބައެއް,"
ތިމާވެއްޓަށް އޮތް ލޯބި
ވާދޫ ކައުންސިލަށް ކަރަންޓް ދެނީ އިޔާދަކުރަނިވި ހަކަތައިންނެވެ. ކުނި ކޮށީގައި ބޭނުންކުރާ މެޝިންތައް ވެސް ހިންގަނީ އިޔާދަކުރަނިވި ހަކަތައިންނެވެ.
މި ރަށުން މިހާރު އަމާޒު ހިފާފައި ވަނީ ތެޔޮ އަންދައިގެން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރާށެވެ. ޖަމިއްޔާއަކާ ގުޅިގެން ކައުންސިލުން މިހާރު އަންނަނީ ބެޓްރީ ވެހިކަލްތަކަށް ރައްޔިތުންގެ ލޯބި ޖެއްސުމުގެ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަމުންނެވެ.
ބެޓްރީ ސައިކަލް ފަދަ ތަކެތި ހިލޭ ޗާޖުކުރެވޭނެ ގޮތަށް ސްޓޭޝަނެއް ވެސް ޒަމާނީ ފެންވަރަށް މި ރަށުގައި ވަނީ ހަދަން ފަށައިފަ އެވެ.
"ރައްޔިތުން މި ގެންގުޅޭ ރަށު ޕިކަޕްތަކާއި ބެޓްރީ ސައިކަލްތައް ފްރީކޮށް މި ޗާޖުކޮށްދެނީ. އެހެންވީމަ މިހާ ކުޑަ ރަށަކަށް ކީއްކުރަންތޯ ބޭނުން ވަނީ ޕެޓްރޯލް އަޅައިގެން ދުއްވާ ވެހިކަލް,"
ތިމާވެއްޓާ ރައްޓެހި ބަހެއް ވެސް މިހާރު އޮތީ ހޯދައިފަ އެވެ. ގާތްގަނޑަކަށް 16 މީހުންގެ ޖާގައިގެ މި ބަހަކީ ރަށަށް ޒިޔާރަތްކުރާ މެހްމާނުން ރަށް ބަލައިލުމުގެ ފުރުސަތު ދިނުމެވެ. ކައުންސިލްގެ އަމާޒަކީ ބެޓްރީ ބައިސިކަލްތަކެއް ވެސް ހޯދުމެވެ.
ކުށް މަދުކުރުން: އެންމެ އިސްކަންދޭ ކަންތައް
ކައުންސިލުން ބުނިގޮތުގައި ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެއްޗާ އެ ރަށް ބީރައްޓެހި އެވެ. އެ ރަށުގެ ޒުވާނުން ހުސް ވަގުތުގެ ބޭނުން ހިފާނެ ފައިދާ ހުރި ގޮތްތަކެއް ވަނީ ހޯދައިފަ އެވެ. ޒުވާނުންގެ މަރުކަޒެއް ހަދައި އެތަނުގައި ތަފާތު އެކި ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގަ އެވެ.
ޓޫރިޒަމަށް ވާދޫ ހުޅުވާލަން 50 ކޮޓަރީގެ ސިޓީ ހޮޓަލެއް
ރައްޔިތުންގެ ޖީބު ތަނަވަސްކޮށް ރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ ހަގީގީ ތަރައްގީ ކަމުގައި ދެކޭ ކައުންސިލެއް އޮތް ވާދޫގައި ޓޫރިޒަމް ފުޅާކުރަން ވަނީ މަސައްކަތް ފަށައިފަ އެވެ. ވާދޫގައި ގެސްޓް ހައުސް ތަރައްގީކުރަން 3.5 ހެކްޓަރުގެ ބިން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައިފަ އެވެ. މި ބިމުގައި ތަރައްގީކުރަމުން އަންނަނީ 50 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ. މިތަން ހިންގަން ކައުންސިލުން ބޭނުން ވަނީ ތަފާތު ކޮންސެޕްޓަކަށެވެ.
އެތަނަށް އަންނަ ޓޫރިސްޓުން ވާދޫގެ ރައްޔިތުންގެ އެއްވެސް އުނދަގުލެއް ނުފޯރާނެ އެވެ. ބީޗުތައް ވެސް އޮންނާނީ ވަކިންނެވެ. އެކަމަކު އޮންނަ އުސޫލުގެ ތެރެއިން ރަށަށް އަރައި ހިދުމަތްތައް ވެސް ހޯދޭނެ އެވެ.
މި ސިޓީ ހޮޓަލާ އެކު، ރަށުގެ ފަރުމަސް ބާނާ މީހުންނާއި ތަރުކާރީ ހައްދާ މީހުން އަދި ފަންގި ވިނުމާއި މަދު ހޮވައި އާމްދަނީ ހޯދާ މީހުންނަށް ފައިދާގެ ދޮރު ހުޅުވޭނެ ކަމަށް ކައުންސިލުން ބުންޏެވެ. މި ރަށުގެ ކާޑުގެއެއްގެ ގޮތުގައި 200 އަހަރު ކުރިން ބޭނުންކުރި ދުވަސްވީ އިމާރާތުގައި އަންނަނީ ދާރުލްއާސާރެއް ހަދަމުންނެވެ. މިއީ ވެސް ޓޫރިޒަމް ފުޅާކުރުމުގެ ކޮންސެޕްޓުގައި ހިމަނައިގެން ކައުންސިލުން ކުރިއަށް ގެންދާ ކަމެކެވެ.
"ޓޫރިޒަމް ފައްކާވީމަ ވާދޫ ވާނެ އެންމެ ތަނަވަސް އެއް ރަށަށް،"