މީގެ ހަތަރު އަހަރު ކުރިއަށް ބަލާ ނަމަ، ޓޫރިސްްޓުންނަށް ރ. ވާދޫ މާ ހާއްސައެއް ނޫނެވެ. އެކަމަކު އެ ރަށުގެ ގޮނޑުދޮށުގައި ރެދަން ލައި، ނޫކުލައިން ވިދާ ބަބުޅަނިކޮށް 2013 ގައި، ބޭރުގެ ފޮޓޯގްރާފަރަކު ނެގި ފޮޓޯއަކުން ދުނިޔޭގެ އެތައް ބައެއްގެ ޝައުގުވެރިކަން އެ ރަށަށް ހުއްޓުނެވެ. ދުނިޔޭގައި މަދުން ފެންނަ، ގުދުރަތީ މި އަޖައިބު ދެކިލުމަށް އޭރުއްސުރެ ވާދުއަށް މީހުން ދިޔައީ ފާރަލަމުންނެވެ.

މީގެ ތެރެއިން ވެސް ޖަޕާނުގެ މީހުން ފާހަގަކޮށްލެވެ އެވެ. އެ ގައުމުގެ ޓޫރިސްޓުންނާއި ސައިންޓިސްޓުން ވާދުއަށް ގަވައިދުން ޒިޔާރަތްކޮށް، މިކަން ތަޖުރިބާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ވާދޫ ކައުންސިލްގެ ރައީސް ހުސެން އަލީ ވިދާޅުވީ ރެދަންލާފައިވާ މަންޒަރު ދެކިލުމަށް ދޭތެރެ ދޭތެރެއިން އެ ރަށަށް ޖަޕާނުގެ މީހުން ޒިޔާރަތްކުރެ އެވެ. އެކަމަކު އޭގެ ތެރެއިން ވަރަށް މަދު ބަޔަކަށް ނޫނީ، ރެދަންލާފައިވާ ބޮޑު މަންޒަރެއް ފެންނަ ވަރެއް ނުވެ އެވެ.

"އެ މީހުންގެ އޮތް ޝައުގުވެރިކަން ކުޑަނުވޭ، އަންނަ ދަތުރުގައި ނުފެނުނަސް،" ހުސެން ވިދާޅުވި އެވެ.

ވާދޫގައި ރެދެންލައި، ނޫ ކުލައިން ޖަރީވެފައި
ވާދޫގައި ރެދެންލައި، ނޫ ކުލައިން ޖަރީވެފައި

އޭނާ ވިދާޅުވި ގޮތުގައި މީގެ ދޮޅު އަހަރު ކުރިން، ޖަޕާނުގެ ރިސާޗު ގުރޫޕަކުން ކައުންސިލަށް ގުޅައި، ކޮންމެ ދުވަހަކު ވެސް އަތިރިމަަތީގެ ފޮޓޯއެއް ފޮނުވަން ވަނީ އެދިފަ އެވެ. އެއީ މޫދަށް އަންނަ ބަދަލުތައް ދެނެގަނެ، ރެދަންލާ ދުވަސް ފާހަގަކުރުމަށެވެ. އެކަމަކު އެއީ ރަށު މީހުންނަށް ކުރަން ފަސޭހަ ކަމަކަށް ނުވުމުން، އެ ޓީމުން ވާދުއަށް އައިސް މަޑުކޮށްގެން އެތައް ދުވަހަކު ތިއްބެވެ.

"އެއިން އެއްވެސް ދުވަހަކު ރެދަނެއް ނުލައި. އެހެންވެ، މަންޒަރު ނުފެނުމުން އެ މީހުން އެނބުރި ދިޔައީ،" ހުސެން ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް ރެދެނުގެ ރީތި މަންޒަރުތައް އަތުޖެހޭތޯ ޖަޕާނުގެ ޓީވީ ސްޓޭޝަނަކާއި އިތުރު ރިސާޗަރުންތަކެއް އެރަށަށް ދިޔަ އެވެ.

ހުސެން ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު އެ ރަށުގައި އަނެއްކާވެސް ރެދަން ލާފައިވާ ހަބަރު ލިބުމާ އެކު ޖަޕާނުގެ ގުރޫޕުތައް ގުޅައި، ރަށަށް އައުމުގެ ޝައުުގުވެރިކަން ފާޅުކުރި ކަމަށެވެ. އެކަމަކު އޭނާގެ ކަންބޮޑުވުމަކީ އެހާ ދުރުން އެ މީހުން އަންނައިރު އެ މަންޒަރު ނުފެނިދާނެތީ އެވެ.

"މި ރަށުގައި ޖަޕާނު ބައެއް ތިބެފައި ހަމަ ދިޔަތަނާ ރެދަންލާން އެ ފެށީ. އެ މީހުން އެ އުޅެނީ އަނެއްކާ ވެސް އަންނަން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ހަތަރު އަހަރަށް ފަހު ވާދޫގެ ގޮނޑުދޮށުގައި ރެދަންލައި، ނޫކުލައިން ބަބުޅަން ފެށުމާ އެކު އަނެއްކާވެސް އެ ރަށާ ބެހޭ އަޑު ގަދަވެއްޖެ އެވެ. ކައުންސިލުން ބުނީ މަންޒަރު ބަލާލަން މާލޭންނާއި ކައިރި ރަށްރަށުން ވެސް މީހުން އަންނައިރު، ރިސޯޓުތަކުން ވެސް ގުޅާ ކަމަށެވެ.

ރ. ވާދޫ ގޮނޑު ދޮަށަށް ރެދަން ލާފައިވާ ރާޅުތައް ބީއްސާލަނީ
ރ. ވާދޫ ގޮނޑު ދޮަށަށް ރެދަން ލާފައިވާ ރާޅުތައް ބީއްސާލަނީ

"އެކަމަކު ރިސޯޓުތަކުން ވެސް އަދި އާއްމު މީހުން ވެސް ގުޅާފައި އަހަނީ މިރޭ ރެދަން ލާނެހޭ. ކިހާ ދުވަހެއް ވާންދެން އެހެން އޮންނާނެހޭ. އަޅުގަނޑަކަށް ނޭނގެ އެއަށް ދޭނެ ޖަވާބެއް. އެކަމަކު ވަޔާއި އޮޔެ ހުރި ގޮތުން ދޮޅު ހަފުތާއެއްހާ ދުވަހު އެހެން އޮންނާނެ ކަމަށް ބެލެވޭ. ނަމަވެސް ޔަގީންކަމެއް ނެތް،" ހުސެން ވިދާޅުވި އެވެ.

ރެދަން ލަނީ ކީއްވެ؟

ރެދަން ލުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ކަޅުފޮއި ރޭރޭ ދޯނި ފަހަރު ދުއްވާފައި ދާއިރު ކަނޑުމަތިން ވެސް މި މަންޒަރު ފެނެ އެވެ.

އެކަމަކު ކަނޑުން ފެންނަ ރެދަން ލުމާ ވާދޫ ގޮނޑުދޮށުގައި ލާފައި މިވާ ރެދަނާ ތަފާތެވެ. މި ދެ ކަމަކީ ވެސް ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުން ދިމާވާ ކަމެކެވެ. އާއްމު ގޮތެއްގައި ކަނޑުމަތީގައި ލާ ރެދަން ދިއްލި ފައި ހުންނަނީ މަދު ސިކުންތު ކޮޅަކަށެވެ.

އެކަމަކު ވާދޫގެ ގޮނޑުދޮށުން މި ފެންނަ ރެދަން ދެ މިނިޓެއްހާއިރު ދިއްލިފައި ހުރެ އެވެ. އެހެންވެ، އެތައް މިލިޔަން ސޫފިތަކުގެ ސަބަބުން އަބަދުވެސް، ރާޅުޖަހާ ފަށް އޮންނަނީ ނޫ ކުލައިން ދިއްލާލައިފަ އެވެ. ވާދޫގެ މި މަންޒަރު އެހާ ހާއްސަ ވެގެން މިއުޅެނީ އެހެން ވެގެންނެވެ.

މެރިން ރިސާޗު ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ޝިހާމް ވިދާޅުވީ ލޮލަށް ނުފެންނަ ވަރުގެ މި ސޫފިތައް ދިއްލާލަނީ އެ އެއްޗެއްސަށް އުނދަގުލެއް ވުމުން، އެއިން ސަލާމަތްވުމަށް ނުވަތަ ދިފާއީ ނިޒާމެއްގެ ގޮތުންނެވެ. އެއީ ވަކި ހާލަތެއް ދިމާވީމައި ދޫކުރާ "އެނާޖީ"އެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވާދޫ ކައުންސިލުން ބުނިގޮތުގައި ވަރަށް ކުރިއްސުރެ ވެސް ވަކި މޫސުމެއްގައި އެރަށުގައި ރެދަންލާ އެވެ. އެކަމަކު އޭގެ ސަބަބެއް ނޭނގެ އެވެ.

ރ. ވާދޫގައި ރެދަން ލާފައި--
ރ. ވާދޫގައި ރެދަން ލާފައި--

ގުދުރަތީ ގޮތުން ވާދޫ އޮންނަ ގޮތަށް ބަލާއިރު ވެސް އެ ރަށް މާ ހާއްސައެއް ނޫނެވެ. ބޮޑު ފަޅެއް ނުވަތަ އާދަޔަހިލާފު ގޮތަށް ރަށަކަށް ރާޅެއް ވެސް ނާރަ އެވެ. އެކަމަކު އަތޮޅުވަރިން އެންމެ އެތެރޭގައި ނ. އަތޮޅާ އެންމެ ގާތުގައި އޮންނަނީ ވާދު އެވެ.

ޝިހާމް ވިދާޅުވީ ވަކި ރަށެއްގައި ރެދަންލަނީ ކީއްވެގެން ކަން އެއްވެސް މީހަކަށް ބުނަން އަދި ނޭނގޭ ކަމަށާއި އެކަމާ ގުޅޭ ބޮޑު ދިރާސާއެއް ކޮށްގެން ނޫނީ އޭގެ ސަބަބު ނުހޯދޭނެ ކަމަށެވެ. އެކަމަކު ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ބައެއް މޫސުންތަކުގައި އެގޮތަށް ރެދަންލާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދެން ބަލަމާ ހިނގާ ފަޅު އޮންނަ ގޮތުން ނޫނީ ވަޔާއި އޮޔެގެ ގޮތުން އެ ރަށުގެ ފަޅުތެރެއަށް އެ ސޫފިތައް ވަންނަނީ ކަމަށް. އެކަމަކު މިގޮތަށް ބެލިކަމުގައި ވިޔަސް ރާއްޖޭގެ އެހެން ރަށްރަށުގައި މިހެން ރެދަން ލާންވީ ދެއްތޯ. އެހެންވެ، މި ދުވަސްވަރު ވާދޫގައި މިހާ ބޮޑަށް ރެދަން ލައިގެން އުޅެނީ ކީއްވެގެން ކަން ބުނެދޭކަށް ނޭނގެ،" ޝިހާމް ވިދާޅުވި އެވެ.