ރ. އަލިފުށީ ޓްވިންޕީކްސް ގޭގައި ރޯވެފައި: ގޭގެ ވެރިފަރާތުން ތުހުމަތުކުރަނީ އެ ގޭގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް.- ފޮޓޯ: އަލީ ހަސަން
02 ޖެނުއަރީ 2018 - 16:29
ރ. އަލިފުށީ ޓްވިންޕީކްސް ގޭގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރޯވެ އެނދީ ބަޔަކު ގަސްތުގައި އެ ގޭގައި ރޯކޮށްލުމުން ކަމަށް، އެ ގޭގެ ވެރި ފަރާތުން މިއަދު ތުހުމަތު ކޮށްފި އެވެ.
އެ ގޭގަައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. ގޭގެ ވެރިފަރާތް އަލީ ހަސަން ބުނީ ގެއްލުމެއް ދޭނެ ކަމަށް މީގެ ކުރިން މީހަކު އިންޒާރު ދީފައިވާ ކަމަށެވެ. އެހެންވެ އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް އޭނާ ބުންޏެވެ.
އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރަމުން އަންނަ އަލީ މިދިޔަ އާދިއްތަ ދުވަހު އެ ރަށަށް ދިޔައީ، އޭނާގެ ކުންފުނިން ހަދަމުން އަންނަ ޔޮޓެއްގެ މަސައްކަތްތައް ބެލުމަށެވެ.
ރ. އަލިފުށީ ޓްވިންޕީކްސް ގޭގައި ރޯވެފައި- ފޮޓޯ: އަލީ ހަސަން
އެ ގޭގެ މީހުން ދިރިއުޅެނީ މާލޭގައި ކަމަށްވާތީ އެ ގެ ހުންނަނީ އާންމުކޮށް ހުހަށެވެ. އެކަމަކު އަލިފާނުގެ ހާދިސާ ހިނގީ އެ ރޭ އަލީ ގޭގައި އުޅެނިކޮށެވެ.
އޭނާ ބުނީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބާބެކިއުއެއް ނިންމާލާފައި 2:00 ހާއިރު ގެއަށް ގޮސް އުޅެނިކޮށް އެރޭ 3:00 ހާއިރު ބޭރުން އެއްޗެއް ގޮވާ އަޑު އިވުނު ކަމަށެވެ. އެ އަޑަށް ބޭރަށް ނުކުމެ ބަލައިލި އިރު ސައިކަލުގައި ރޯކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.
"ބާބެކިއު ނިންމާލާފައި ދޭއް ޖަހާކަށް ހާއިރު ގެ އަށް އައިސް ނިދަން ވެގެން ޖައްސާލީ. އެ ރޭ އާ އަހަރު ވީމާ ރަށުގައި ފުޅި އެއްޗެހި ގޮއްވާ ހެދިީމަ ފުރަތަމަ ހީކުރީ ފުޅިއެއް ގޮއްވީ ކަމަށް. އެކަމަކު ތިނެއް ޖަހާކަށްހާއިރު ބޭރު ބަލައިލި އިރު ސައިކަލުގައި ރޯވެފައި ހުރީ،" އަލީ ބުންޏެވެ.
ރ. އަލިފުށީ ޓްވިންޕީކްސް ގޭގައި ރޯވެފައި- ފޮޓޯ: އަލީ ހަސަން
"ގޭ ކައިރި މީހުންނަށް ގޮވާފައި އައި އިރު ހުޅުގަނޑު ބޮޑުވެ ގޭގައި ރޯވެފައި ހުރީ. އެ ކުޑަ ވަގުތު ކޮޅުގައި އަލިފާން ރޯވާނީ މުޅި ގެ އަށް ވެސް ޕެޓްރޯލް ޖަހާފައި ހުރީމަ. މީހުންގެ އެހީތެރިކަމާއެކު އަލިފާންގަނޑު ނިއްވާލެވުނީ 5:15 ހާއިރު،"
ރޯވި ގެއަކީ މީގެ 11 އަހަރު ކުރިން އަލީ ގަނެގެން، ޒަމާނީ ފެންވަރަކަށް ހަދާފައި ހުރި ދެ ކޮޓަރީގެ އިމާރާތެކެވެ. ގެސްޓްހައުސްއެއް ގޮތަށް ހަދާފައި ހުރި އެ ތަނުގައި ރޯވެ ލިބުނު ގެއްލުން ދެ މިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް އޭނާ ލަފާ ކުރެ އެވެ.
އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާ އިން މިިދިޔަ އަހަރު ގައުމީ އިނާމު ހާސިލްކުރި ހަސަން އަލީ އަށް ރައީސް ޔާމީން (ކ) އެވޯޑު ހަވާލުކޮށްދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
"އެންމެ ޒަމާނީ ފެންވަރަށް 2،500 އަކަފޫޓަށް ގޭ ހަދާފައި ހުންނާނީ. ބިން ވެސް އެއީ މީހެއްގެ އަތުން ގަނެފައި. އެހެންވެ ގެއްލުން ދެ މިލިއަން ރުފިޔާ ވަރު އަރާނެ ކަމަށް ލަފާކުރެވޭ،" އަލީ ބުންޏެވެ.
އެ ހާދިސާގައި އޭނާ އަށް ސަލާމަތް ކުރެވޭ ވަރުވީ ލެޕްޓޮޕެވެ. އޭގައި ޔޮޓާއި ބޯޓުތަކުގެ ގިނަ ކުރެހުންތަކެއް ހުންނާނެ ކަމަށް ބުންޏެވެ.
އޭނާ ވަނީ ބޯޓް ބިލްޑިންގެ ދާއިރާ އިން ގައުމީ އިނާމު ވެސް މިދިޔަ އަހަރު ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު ޙަސަން
03 January 2018
ސައިކަލުގައި ރޯވެފައި ހުރިތަން ފެނުމުން ބަޔަކަށް ގޮވަން ދާންވީ ކީއްވެ؟ ލެޕްޓޮޕް ހުރީ ކޮންތާކު؟ ލެޕްޓޮޕް ޢަލީ އަތަށް ލިބުނީ ކިހިނެއް؟ އެހާ އަގުބޮޑުކޮށް ހަދާފައި ހުރި ގެއެއް ވައްތަރެއް ނުޖަހާ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިފި އަލިފާންގަނޑު ނިއްވަން 2 ގަޑިއިރު ހޭދަވާނެ ކަމަކަށް ނުބެލެވޭ. ގަސްތުގައި ރޯކޮށްލިކަން އެއީ ކަށަވަރު ކަމެއް. އެކަމަކު ރޯކޮށްލީ އެހެން ބަޔަކުތޯ ނުވަތަ ޢަލީ އަމިއްލައަށްތޯ އެއީ އުފެދޭ ސުވާލެއް. ޚާއްޞަކޮށް ސައިކަލެއްގައި ރޯވެފައި ހުރެގެން މީހުން ހޯދަން ދިޔައިމަ.
މުސާފިރު ޚާނާ
03 January 2018
އިންޒާރު ދިންމީހާގެ ނަން ކަމާބެހޭ ފަރާތްތަކަ ހިއްސާކޮށްފައިވާނޭކަމަށް ހީކުރން. ތީ ހަމަ ހަސަދައިގެ އަލިފާން. މިފަހަރު ބޭރު ފުށުން ތިފެނުނީ. އެހެންވީމަ އަޅުގަޑުމެންގެ ދީން ހަސަދަވެރިކަމާ ދުރަށް ދިއުމަށް އަންގަވާފަ އެއޮތީ. ޢަލީއަށް އިތުރު ކުރިއެރުމާ ކާމިޔާބަށް އެދެން.
ސަބާސް
03 January 2018
މިއީ މޯބައިލު ފޯނެއް ވެސް ނެތް މީހެއްތަ؟ މީހުންނަށް ގޮވަން ގޭގެއަށް ދާން؟ އެހެންޏާ ސައިކަލުގައި ރޯވީމަ ދެން ފެން ޖަހާނީ ކަމަށް މަ ހީކުރީ ، މަ ނަމަ އެކަނ ްކުރާނީ އެހެން
ރައިވެރިބެ
03 January 2018
ދިވެހިންގެ ކިބައިގަ ހުރި ރީތި ސިފަތައް އައި ތަރައްޤީއާ ޒަމާނީ ދިމާކުރާތީ ނިޒާމާއެކު މާޒީވެގޮސް މިހާރު މިވަނީ އާންމު ގޮތެއްގައި ދިވެހިންނަކީ ނޭއްގާނީ، ހަސަދަވެރި، އަނެކާއަށް އިހްތިރާމް ނުކުރާ، ހަމައެއްލަމައެއް ނެތް ޖަންގަލް ޕީޕީ އުސޫލުން ދިރިއުޅޭ ބަޔަކަށް ވެފައެވެ. ދަރިފުޅު ފަހަތައް ލައިގެން ވަންވޭއާ އިދިކޮޅަށް ދާއިރު ތިމާވަރުގެ ކިބުރުވެރިއަކު ނެތް ފަދައެވެ. ބޮޑުކުރާ ދަރިން އެ ބޮޑުކުރި ގޮތެއްގައި މައިންބަފައިންގެ މައްޗަށް ކުރިހޯދާއިރު މިގޮތަށް ބޮޑެތިކުރާ ދަރިންގެ ހާލަތު ވިސްނާލި ކޮންމެމީހަކަށްވެސް ފެންނާނެއެވެ. އެނބުރޭ ވަހުތާނެއްހެއް ނުބައި އޮއިވަރުގައިޖެހި މުޅި ގައުމު ހަލާކުވެދާއިރު ގައުމުގައި ކުރާހާވެސް ޒުވާބަކީ އޭނާއަށްވުރެ އަހަރެން ރައްޔިތުންނަށް ހެއުއެދޭކަމަށާއި ވީމާ އަހަރެން ވެރިކަމަށް ހޯވާދޭށޭގޮވާ ތަފާތުކުލަތަކުގެ ވެރިން ޒުވާބުކޮށް ފިތުނަ އުފެއްދުމެވެ. ﷲ އަޅަމެންނަށް ތެދުމަގު ދައްކަވާ މިގައުމު ސަލާމަތްކުރައްވާށި. އާމީން.
ހުތާ
03 January 2018
ހިތާމަވެރި ޚަބަރެކެވެ. ހުތާ ބުނެލަން އޮތީ އަލީ ހަސަނަށް މީހަކު ތިޔަވަރުގެ ގެއްލުމެއް ދޭނީ އެމީހެއްގެ ހިތުގައި ވަރަށްބޮޑު ރުޅިވެރިކަމެއް އުފެދިގެންނެވެ. އެހެންކަމުން އެމީހަަކު އެވަރުގެ ރުޅިއެއް އަންނަން މެދުވެރިވާފަދަ ސަބަބެއް އޮތްތޯ ބަލައި އެކަމެއް ރަނގަޅު ކުރުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ. މީހެއްގެ ހިތުގައި އަނެކަކަށް ކިތައްމެ ބޮޑު ރުޅިވެރިކަމެއް އުފެދުނު ނަމަވެސް މުދަލަށާއި ނަފްސަށް ގެއްލުންދިނުމަކީ ކޮށްގެން ވާނެ ކަންތައްތައްތަކެއް ނޫނެވެ.
ަހަސަނު
03 January 2018
ހުރިހާވެސް ކަމަކީ ޕާޓީ ޑިމޮކްރަސީ މިކަމަކާހުރެ އަޅުގަނޑުމެންގެ މިޤައުމު މިދަނީ ހަލާކު ވަމުން، އަދި ވެސް ދިވެހިން ހޭ އަރަން ވެއްޖެއެއްނުން! ދީނަށް ފުރައްސާރަ ކުރުން މިވަނީ ޢާއްމުވެފަ، ކަތިލުމާއި، ގޯނާ ކުރުން މިވަނީ ޢާއްމުވެފަ، ދެން ކޮންމެ ކަމެއްވެސް އަނެކުންގެ ބޮލަށް ކަނޑާލެވުނީމަ ނިމުނީ، ނިދުން މިވަނީ ބޭހާއި ނުލާ ނުވާ ކަމަކަށް ވެފަ ބޮވެން ވާނެ ބޯންވާނެ ޝިޢާރު ދާއިމީ އެއްޗަކަށް ވެއްޖެ ޤައުމު ހަލާކު ކުރަން މަސައްކަތް ކުރާ ބައިގަނޑު ގިނަވެއްޖެ، ޔާ ﷲ އަޅުގަނޑުމެންނަށް މިނޫން ދުވަހެއް ދައްކަވާށި، ޢަލީ ޙަސަން އަށް ކެތްތެރިކަން މިންވަރު ކުރައްވާންދޭވެ.
އަލީ ނާޒިމް
03 January 2018
ދިވެހިން ގެ ހަސަދަ ވެރިކަން؟ ނަފްރަތު؟ މަށަކައް ގަބޫލެއް ނުކުރެވޭނެ، މި ގައުމުގަ، ރިބާ ކަހަލަ ކަންތައް ހަރާން ވާއިރު، މިހާ ބޮޑު ލަނޑެއް މީހަކައް ދީފާނެ ކަމަކައް! ހެހެހެ!
ީނިޒާރު
02 January 2018
އަލީދެކެ ކިތަންމެ ރުޅި އަޔަސް އަލީގެ ފަރާތުން ހިންހިމަ ނުޖެހޭ ކަމެއް ވެފަ އޮތަސް އޭނާގެ މުދަލައް ގެއްލުން ދިނުމަކީ ކުރަން ވާނެ ކަމެއް ނޫން، އޭނާގެ މުދަލަކީ އޭނާގެ އަނބި ދަރިންގެ ވެސް މުދާ މީހަކައް ތިޔަވަރުގެ ގެއްލުއްދޭ އިރު އޭނާގެ އާއިލާއަށް ކުރިމަތި ވާނެ ދަތިތަކާ ހިތާމައަށް ވިސްނާވެސް ނުލަނީތޯ
Solah
02 January 2018
ހެހެ ބުނަން ވާހަކައެއް. އޭނާއަށް ކިޔަނީ ހަސަނެއް ނޫން. އޭނާއަށް ކިޔަނީ އަލީ. ހަސަނަކީ އޭނާގެ ބައްޕައަށް ކިޔާ ނަން. ރާއްޖޭގައި މީހާގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން ގުޅުވައިގެން ނަން ކިޔާކަން ނުދަންނަންދޯ؟
ހެހެ
03 January 2018
ބައްޕަގެ ނަމާ ގުޅުވައިގެންތަ ރާއްޖޭގެ އެންމެނަށް ނަން ކިޔަނީ؟ ދިވެހި ފިރިހެނުނަށް ނަން ކިޔުމުގައި ތިބުނާ ކަހަލަ އުސޫލެއް ނުގެންގުޅޭ!
ހެހެ
02 January 2018
ހަސަން އާއި ޖައްސާލައިގެން ބަޔަކު އުޅޭ ވާހަކައަކީ ހަސަނު ދައްކާ ވާހަކައެއް.