ހަވީރުގެ މައްސަލާގައި އޭޖީގެ ނިންމުން ހަމަހަމަކަމާ ޚިލާފު: ސިވިލް ކޯޓު

ހަވީރުގެ ކުރީގެ މުވައްޒަފުންނަށް ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލް ނިންމި ނިންމުމަކީ ހަމަހަމަކަމާ އެކު އެޅި ފިޔަވަޅެއް ނޫން ކަމަށާއި ކޯޓުގެ ހުކުމްތަކަށް ތަބާނުވާން އެޓާނީ ޖެނެރަލް ހިތްވަރު ދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ކޯޓުން މިއަދު ބުނެފި އެވެ.


ހަވީރުގެ ކުރީގެ މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު ވަންދެން ހަވީރު ނޫސް ފިޔަވައި އެހެން މީޑިއާއެއްގައި އުޅުން މަނާކޮށް، މިދިޔަ މަހު ސިވިލް ކޯޓުން އަމުރުކުރީ އެ ނޫސް ހިންގައިގެން ވޭތުވެދިޔަ މުއްދަތުގައި ލިބުނު ފައިދާގެ މިންވަރު ހޯދަން ތިން ހިއްސާދާރަކު ހުށަހެޅުމުންނެވެ.

އެ މައްސަލާގައި ހަވީރު ކުރީގެ މުވައްޒަފުންގެ މައްޗަށް ނެރުނު އަމުރު އިސްތިއުނާފް ކުރަން އޭޖީ މުހައްމަދު އަނިލް ނިންމަވާފައި ވަނިކޮށް އޭޖީއަށް ސިވިލް ކޯޓުން މިއަދު އެންގި އެންގުމުގައި ވަނީ އެ މައްސަލައަކީ ވަކި ފަރުދުންތަކެއްގެ މެދުގައި އުފެދޭ މައްސަލަތަކުގައި މީގެކުރިން އޭޖީ މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ހަވީރު ކުރީގެ މުވައްޒަފުންގެ މައްސަލާގައި އެހެން މައްސަލަތަކާއި ތަފާތުކޮށް އޭޖީ އަމަލު ކުރުމަކީ އަދުލުވެރިކަމާއި ދުސްތޫރީ ހަމަތަކާ ޚިލާފް ކަމެއް ކަމަށް އެ އެންގުމުގައިވެ އެވެ.

މީގެ އިތުރުން އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމައި، އެކަން އޭޖީ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާތީ އެއީ ވެސް ހެޔޮ ނިޔަތެއް ނެތި ކުރި ކަމެއް ކަމަށް އެ އެންގުމުގައިވެ އެވެ.

އެ އެންގުމުގައި އިތުރަށް ބުނެފައިވަނީ އޭޖީ އަކީ ކޯޓުގެ ހުކުމްތައް ބާތިލް ކަމަށް ނިންމޭނެ ފަރާތެެއް ނޫން ކަމަށާއި އިސްތިއުނާފް މަރުހަލާގައި ހުކުމް ބާތިލް ނުކުރާހާ ހިނދަކު އެ ހުކުމަށް އަމަލުކުރުން ލާޒިމްވާނެ ކަމަށެވެ. އަދި ހުކުމް ތަންފީޒު ކުރަންޖެހޭ މަސައްކަތް ކޯޓުތަކުން ކުރާނެ ކަމަށް އެ އެންގުމުގައިވެ އެވެ.

"ކޯޓުން ކުރާ ހުކުމެއް ކޯޓުން ތަންފީޒު ކުރުމުގައި ކޯޓުތަކަށް ގޮތް ހުސްވެ ނުދާނޭކަން އެނގެން އޮންނަ އޮތުމެވެ،" އެ އެންގުމުގައިވެ އެވެ.

އިސްތިއުނާފްގެ މަރުހަލާގައި މައްސަލަ ވަނިކޮށް ދަށު ކޯޓުގެ ހުކުމަށް ގޮންޖަހައި، އެ ހުކުމަށް އަމަލު ނުކުރަން ހިތްވަރު ދިނުމަކީ އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަންކަމަށް ފިޔަވަޅު އެޅޭނެ ކަމަށް އެ އެންގުމުގައި ބުނެފައިވެ އެވެ.

"އެފަދަ އަމަލުތައް ކުރާ ނަމަ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބެއް ކަމަކު ކޯޓުގެ ޝަރީއަތުގެ ތަޅުމަށް ހާޒިރުކޮށް ދައުލަތުގެ އެންމެމަތީ މަސްލަހަތު ގާއިމް ކުރުމުގެ ގޮތުން އަދުލު އިންސާފަށްޓަކައި ކޯޓުގެ ހުރުމަތުގައި އަޅާ ފިޔަވަޅު ކޯޓުން އަޅާނެ ކަމުގައި ދިވެހި ދައުލަތުގެ ބަންޑާރަ ނައިބާއި ބަންޑާރަ ނައިބުގެ އޮފީހުގައި މިކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކަށް ބުނެ އަންގަމެވެ،" އެ އެންގުމުގައިވެ އެވެ.

ހަވީރުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި އުޅުން މަނާކޮށް އަމުރު ކުރިޔަސް އެކަން ތަންފީޒު ކުރެވޭނެ ގޮތެއް ނެތް ކަމަށް އޭޖީ ކުރިން ވިދާޅުވުމުން އެ ވާހަކަ ވެސް ސިވިލް ކޯޓުން ބާތިލްކޮށްފައިވެ އެވެ.