އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: ފެނަކަ

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން އަލަށް ބެހެއްޓި 2.2 މެގަވޮޓްގެ ޖަނަރޭޓަރުތައް އިންސްޓޯލްކޮށް، މިހާރު ޓެސްޓް ކުރަމުން އަންނާތީ ކަރަންޓް ކެނޑޭ މައްސަލަ ވަރަށް އަވަހަށް އެއްކޮށް ހައްލުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.


އެ ކުންފުނީގެ އައްޑޫ ބްރާންޗްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޖަނަރޭޓަރުތަކުގެ ޓެސްޓިން ކުރި އަށް ދާތީ މި ދުވަސްކޮޅު ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އެހެންވެ އެކަން އާންމުންގެ ސަމާލު ކަމަށް ގެންނަން އަޅުގަނޑުމެން ބޭނުންވޭ. ކުރިން އެއް ގަޑި އިރަށް އެކި ދިމަދިމާލުން ކަރަންޓް ކެނޑި ނަމަވެސް މިހާރު ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަރަންޓް ކެނޑޭނީ،" އޭނާ ވިދާޅުވި އެވެ. "އެ ގޮތަށް ކަނޑާލަން މި ޖެހެނީ އިންޖީނުތައް ޓެސްޓު ކުރުން ކުރިއަށް ދާތީ."

ފެނަކަ އިން ބުނީ އަމާޒަކީ ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމައި، އާ ދެ ޖަނެރޭޓަރުން ގުޅިފައިވާ އަވަށްތަކަށް 24 ގަޑިއިރު ކަރަންޓް ދޭން ފެށުން ކަމަށެވެ.

"އެ މަސައްކަތް އަޅުގަނޑުމެން ވަރަށް ބުރަކޮށް ކުރަމުން މި އަންނަނީ. އެހެންވީމާ ލަސްތަކެއް ނުވެ މައްސަލަ އެއްކޮށް ހައްލު ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތައްއ ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގެ އަށް މިދިޔަ އަހަރުގެ ތެރޭގައި ގެނައި އާ ދެ ޖަނެރޭޓަރު އިންސްޓޯލް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ފެނަކަ އިން ބުނެފައިވާ ގޮތުގައި އަލަށް ބެހެއްޓި ދެ ޖަނެރޭޓަރާ އެކު މަރުކަޒީ އިންޖީނުގެ ކެޕޭސިޓީ މިހާރު ވަނީ 9.8 މެގަވޮޓަށް އިތުރު ކުރެވިފަ އެވެ.