ޚަބަރު / ފާރިސް މައުމޫން

ފާރިސް ހައްޔަރު ކުރުމަކީ ސަރުކާރުގެ ސިޔާސީ ޖަރީމާއެއް: އިދިކޮޅު ޕާޓީތައް

ފާރިސް: އޭނާ ވަގުތުން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައި. --. ފޮޓޯ:ނިޝާން އަލީ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމަކީ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ސަރުކާރުން ހިންގި ޖަރީމާއެއް ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ތުހުމަތުކޮށްފި އެވެ.

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށް، ޖަލުގައި ހަ މަސް ވަންދެން ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭގެ ދެ ދުވަސް ފަހުން، އާ ތުހުމަތެއްގައި ފާރިސް ހައްޔަރުކުރުމުން، އިދިކޮޅު ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށް އޭނާ ދޫކޮށްލަން ގޮވާލައި ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި އިދިކޮޅު ފަރާތްތަކުން ބުނީ ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކަކުން ފާރިސް ހައްޔަރުކުރަން މަސައްކަތްކޮށްފައިވާ ކަމަށް، އޭނާ ވިދާޅުވެފައިވާ ކަމަށެވެ. ފާރިސް ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވުމަކީ ވެސް މުއައްސަސާތަކަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހުމާއި މެމްބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލުމުގެ ތުހުމަތުގައި ފުލުހުން ވަނީ ހެއްކާއި ގަރީނާ ހޯދުމަށް، ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓާއި ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ބަލައި ފާސްކޮށްފަ އެވެ. އެ ދެތަނުން އެއްވެސް އެއްޗެއް ނުފެނުނު ނަމަވެސް ފާރިސް ހައްޔަރުކޮށް ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިކަން ސިފަ ކުރީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި، ގާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކުރި ކަމެއްގެ ގޮތުގަ އެވެ. އަދި މި ފަހަރު ވެސް ނުކުރާ ކުށަކަށް، ނުފަށާ ޝަރީއަތަކަށް ބޭއިންސާފުން މި ސަރުކާރުން އަނިޔާ ދެމުން ދާ ކަމަށް ކޯލިޝަނުގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

ފާރިސް އެންމެ ފުރަތަމަ ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތު ކޮށެވެ. އެކަމަކު ކޯލިޝަނުން ބުނީ އެއިން އެއްވެސް މެމްބަރަކަށް ފާރިސް ރިޝްވަތު ހުށަހަޅާފައިވާކަމަށް މިއަދާ ހަމައަށް ވެސް މެމްބަރަކު ވިދާޅުނުވާ ކަމަށާއި މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށްފައިވަނީ އެ މެމްބަރުންގެ އަމިއްލަ އިހްތިޔާރުގައި އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

ފާރިސް ބަންދު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓަށް މިއަދު ވަނީ ހުށަހަޅާފަ އެވެ. އަދި އޭނާ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން މިއަދު ވަނީ އިސްތިއުނާފަށް ހުށަހަޅާފަ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454